22 ޖޫން 2023 - 19:06

މިދިޔަ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގައި ހިނގި އަލިފާނުގެ ހާދިސާތައް އާދަޔާ ހިލާފަށް އިތުރުވެފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެންޑީއެމްއޭ އިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުގައި މިދިޔަ ފަސް އަހަރުގެ ތެރޭގައި އެންމެ ގިނައިން އަލިފާނުގެ ހާދިސާތައް ރިޕޯޓްކޮށްފައި ވަނީ މިދިޔަ އަހަރު އެވެ. އެއީ 65 ހާދިސާއެކެވެ. އޭގެ ކުރިން 2021 ގައި 16 ހާދިސާ، 2020 ގައި 8 ހާދިސާ އަދި 2019 ގައި 14 ހާދިސާ ރިޕޯޓްކޮށްފައިވެ އެވެ. އެހެންވެ، މިދިޔަ އަހަރު އެކަހަލަ ހާދިސާތައް އާދަޔާ ހިލާފަށް އިތުރެވެ.

ރަށްރަށުން ރިޕޯޓްކުރާ އަލިފާނުގެ ހާދިސާތައް ވެސް މިދިޔަ އަހަރުތަކުގެ ތެރޭގައި ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
މި އަހަރުގެ މިހާތަނަށް އެކަނިވެސް، 31 އަލިފާނުގެ ހާދިސާ ރިޕޯޓްކޮށްފައިވާ ކަމަށް އެންޑީއެމްއޭގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
އެ އޮތޯރިޓީން ބުނީ މި އަހަރު ހިނގި އަލިފާނުގެ ހާދިސާތަކުގައި އަށް ރަށަކުން އަށް ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށެވެ. އެ އަށް ރަށަކީ ހއ. ފިއްލަދޫ، ހދ. މަކުނުދޫ، ހދ. ނެއްލައިދޫ، ރ. އުނގޫފާރު، އއ. ތޮއްޑޫ، ގދ. ގައްދޫ އަދި ސ. ފޭދު އެވެ.
އެންޑީއެމްއޭ އިން ބުނީ މި އަހަރު ހިނގި އަލިފާނުގެ ހާދިސާތަކުގައި ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެހީގެ ގޮތުގައި އެ މީހުންނަށް 1.1 މިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ. އެ ހާދިސާތަކުގައި 17 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަމާއި އަންނައުނާއި ކައްކައިގެން ކެވޭނެ އިންތިޒާމު ވެސް ހަމަޖައްސައިދީފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
މިދިޔަ ފަސް އަހަރުގެ ތެރޭގައި ހިނގި އަލިފާނުގެ ހާދިސާތަކުގައި އެހީ ގޮތުގައި މުޅި ޖުމްލަ 19 މިލިއަން ރުފިޔާ ވަނީ ދީފަ އެވެ.
މިފަހުން ރާއްޖޭގައި ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާ ހިނގީ މިދިޔަ އަހަރު ނޮވެމްބަރު 13 ގަ އެވެ. މާލެ މ. ނިރުފެހި ގޭގައި ހިނގި އެ ހާދިސާގައި 10 މީހުން މަރުވި އެވެ.