އީވާގެ މަލާމާތާ އެކު ފައްޔާޒް ދައުވަތު ދެއްވީ ޖާބިރު އެމްޑީޕީއާ  ގުޅިވަޑައިގަތުމަށް
އީވާގެ މަލާމާތާ އެކު ފައްޔާޒް ދައުވަތު ދެއްވީ ޖާބިރު އެމްޑީޕީއާ ގުޅިވަޑައިގަތުމަށް

އެމްޑީޕީއާ ގުޅޭގޮތުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ކުރެއްވި މަލާމާތާ ގުޅިގެން، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެ ޕާޓީއާ ގުޅިވަޑައިގަތުމަށް ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިއަދު ދައުވަތު ދެއްވައިފި އެވެ.

މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ނަޝީދު އެ ޕާޓީން ވަކިވެވަޑައިގަތުމަކީ އެ ޕާޓީގެ ނިމުން ކަމަށެވެ. ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީ އެމްޑީޕީއަށް ވާނެ ގޮތް ކަމަށް ވިދާޅުވެ މަލާމާތުގެ ރާގުގައި އީވާ ވިދާޅުވީ އެމްޑީޕީ ޗެއާޕާސަން ކަމުގައި ދެން ހުންނަވާނީ ޖާބިރު ކަމަށް ލަފާކުރެއްވޭ ކަމަށެވެ.

"އަޅުގަނޑަށް ލަފާކުރެވެނީ އަންނަ އަހަރު މި ދުވަސްކޮޅު ބަލާލާއިރު، އެމްޑީޕީ އޮންނާނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޗެއާމަންކަމުގައި ހެން،" އީވާ ވިދާޅުވި އެވެ.

އީވާ އިޝާރާތްކުރެއްވީ ރާއްޖޭގައި އޭރު އޮތް އެންމެ ބޮޑު ޕާޓީ ޑީއާރުޕީ ފަނޑުވަމުން ގޮސް، އެ ޕާޓީ އުވާލުމާ ހަމައަށް ޑީއާރުޕީގެ ލީޑަރުގެ ގޮތުގައި ޖާބިރު ހުންނެވުމަށެވެ.

އެކަމަށް ރައްދު ދެއްވައި ފައްޔާޒު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެމްޑީޕީން އެންމެންނަށް މަރުހަބާ ކިޔާނެ ކަމަށެވެ. އަދި ކޮންމެ ރަށެއްގެ އަދި ކޮންމެ އާއިލާއެއްގެ މީހަކަށް ވިޔަސް އެންމެ މަތީ މަގާމަށް ދެވޭނެކަން އެ ޕާޓީން ކަށަވަރުކުރާނެ ކަމަށް، އީވާއަށް ރައްދު ދެއްވައި ފައްޔާޒު ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އެއާ އެކު ވަނީ ޖާބިރު އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ދައުވަތު ދެއްވައިފަ އެވެ.

"ޖެން ޒީ އޮތީ ޗެއާމަން ޖާބިރާއެކު." އޭނާ ވިދާޅުވި އެވެ.

ޖާބިރުގެ ޑީއާރްޕީގައި، ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަނުވާތީ މިހާރު ވަނީ އުވާލައިފަ އެވެ. އޭނާ އަށް މިހާރު ވަނީ "ގްރީން ޕާޓީ" ގެ ނަމުގައި އާ ޕާޓީއެއް ހެދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފަ އެވެ.