ބްރިޖްގައި އެކްސިޑެންޓުވީ ސިމެންތި ޓްރަކުގެ ބުރަކި ފެއިލްވެގެން
ބްރިޖްގައި އެކްސިޑެންޓުވީ ސިމެންތި ޓްރަކުގެ ބުރަކި ފެއިލްވެގެން

ސިނަމާލެ ބްރިޖުގައި ގިނަ ވެހިކަލްތަކެއް ޖެހިގެން އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓަކީ ސިމެންތި ޓްރަކުގެ ބްރަކި ފެއިލްވެގެން ހިނގި އެކްސިޑެންޓެއްކަން އެނގިއްޖެ އެވެ.

ބްރިޖްގައި އެކްސިޑެންޓުވީ ސިމެންތި ޓްރަކުގެ ބުރަކި ފެއިލްވެގެން
ބްރިޖްގައި އެކްސިޑެންޓުވީ ސިމެންތި ޓްރަކުގެ ބުރަކި ފެއިލްވެގެން

އެ އެކްސިޑެންޓު ހިނގީ ބްރިޖުގައި މާލެ އިން ހުޅުމާލެ އަށް ދަތުރުކުރާ ލޭނުގަ އެވެ. އެކްސިޑެންޓުވި އިރު ވެހިކަލްތައް އޮތީ އެއާޕޯޓް ލައިޓް ކައިރީގަ އެވެ. އެއީ ބްރިޖް އެއްކޮޅަށް ތިރިވާ ހިސާބު ކަމަށް ވާތީ ޓްރަކް ނުހުއްޓި ތިރިއަށް ދިޔައީ އެވެ.

މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި، ކޮންޓްރޯލް ގެއްލިފައި އޮތް އެސްޓީއޯގެ ސިމެންތި ޓްރަކު ފުރަތަމަ ގޮސް ޖެހުނީ ކުރިމަތީގައި އޮތް ޕްރައިވެޓް ކާރުގަ އެވެ. އެ ބާރުމިނުގައި ކާރު ގޮސް ޖެހުނީ އޭގެ ކުރިމަތީގައި އޮތް އާރުސީސީގެ ޖިޕެއްގަ އެވެ. އަދި އެ ހުރިހާ ވެހިކަލެއް ކޮންޓްރޯލްވީ އޭގެ ކުރިމަތީގައި އޮތް އެމްޓީސީސީގެ ބަހުގެ ފަހަތުގައި ޖެހިފައި ކަމަށް މީހުން ބުންޏެވެ.

އެ އެކްސިޑެންޓުގައި ވެހިކަލްތަކަށް އެކި ވަރުގެ ގެއްލުން ވެފައިވެ އެވެ.

ފުލުހުން ބުނީ އިއްޔެ ހަވީރު ހިނގި އެ އެކްސިޑެންޓުގައި ބިދޭސީއަކަށް އަނިޔާވެގެން ފަރުވާދިން ކަމަށެވެ. އެ މީހާއަށް މާ ބޮޑު އަނިޔާއެއް ނުވާ ކަމަށް ފުލުހުން ބުންޏެވެ.

މާލެ-ހުޅުމާލެ ބްރިޖާއި ހައިވޭގައި އެންމެ ބާރު ބޮޑުވާ ވަގުތުތަކުގައި ވެސް ހެވީ ވެހިކަލް ދުއްވަ އެވެ. މީގެ ބައެއް ވެހިކަލްތައް ވަރަށް ބާރަށް، ނުރައްކާތެރިކޮށް ދުއްވާ ކަމުގެ ޝަކުވާ މީހުން ކުރެ އެވެ.