ދެ ދުވަސް މަޖިލިސް ބަންދު ކުރުމަށް ފަހު މާދަމާ ޖަލްސާއެއް ބާއްވަނީ
ދެ ދުވަސް މަޖިލިސް ބަންދު ކުރުމަށް ފަހު މާދަމާ ޖަލްސާއެއް ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އެއްގޮތަކަށް ވެސް ނުބާއްވާތާ ދެ ދުވަހަށް ފަހު މާދަމާ އަލުން ޖަލްސާއެއް ބާއްވަން އެޖެންޑާ ކޮށްފި އެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ޖަލްސާތައް އެޖެންޑާ ކުރައްވާނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

ނަމަވެސް އެމަނިކުފާނާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅާފައިވާތީ އެ ދެ ބޭފުޅުން ވަނީ ރިޔާސަތުގައި އިންނަވަން އުޒުރުވެރިވެވަޑައިގެންފަ އެވެ.

އޭގެ އިތުރުން ވަގުތީ ގޮތުން ރިޔާސަތާ ހަވާލުވާ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް އަށް ވެސް ވިދިވިދިގެން ރިޔާސަތު ބެލެހެއްޓެވޭނީ ތިން ޖަލްސާއެއްގައި ކަމަށް ގަވައިދުގައި ބުނެފައި ވާތީ އޭނާ އަށް ވެސް ޖަލްސާގައި އިތުރަށް ނީންދެވެ އެވެ.

އެކަމާ ގުޅިގެން މަޖިލިސް ހުއްޓިފައި އޮންނަތާ ދެ ދުވަހަށް ފަހު މަޖިލީހުގެ ވެބްސައިޓުގައި މާދަމާ ޖަލްސާއެއް ބާއްވަން ވަނީ އެޖެންޑާ ކޮށްފަ އެވެ.

އެޖެންޑާގައި ބުނާ ގޮތުން މާދަމާ އޮތް ހަމައެކަނި މަސައްކަތަކީ މަޖިލީހުގެ ކޮމިޓީތައް އެކުލަވައިލުމުގެ މަސައްކަތެވެ.

ރިޔާސަތުން ދަންނަވާ ކަންކަމުގެ ތެރޭގައި ބުނެފައި ވަނީ ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކުގެ މެންބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރުން ތަމްސީލް ކުރެވޭ ނިސްބަތަށް ބަދަލު ގެނައުމާ މެދު މާދަމާ ބަހުސް ކުރާނެ ކަމަށެވެ. ބަހުސަށް ފަހު އިސްލާހު ހުށަހެޅުމަށް މުއްދަތެއް ދިނުމާއި އެ އިސްލާހުތަކަށް ވޯޓަށް އެހުން ދެންް އޮންނަ ޖަލްސާއެއްގައި އޮންނާނެ ކަމަށް އެޖެންޑާގައި ބުނެފައިވެ އެވެ.

މަޖިލީހުގެ އެންމެ ފަހުން ބޭއްވި ޖަލްސާގައި ދައުރު ނިންމާލާފައި ނުވެ އެވެ. ގަވައިދުގައިވާ ގޮތުން ދައުރު ނިންމާލެވެނީ ހޯމަ ނުވަތަ ބުރާސްފަތި ދުވަހު އެވެ. އެހެންވެ މާދަމާ ދައުރު ނިމުނުކަން ރިޔާސަތުން އިއުލާން ކުރައްވަން ޖެހޭނެ އެވެ.

އެހެން ނަމަވެސް ރިޔާސަތުގައި އިންނަވާނީ ކޮން ބޭފުޅެއް ކަމެއް އަދި ޔަގީނެއް ނުވެ އެވެ.

އެމްޑީޕީގެ 54 މެންބަރުން ނަޝީދުގެ އިތުބާރު ނެތް މައްސަލަ ހުށަހަޅާފައިވިޔަސް އެމަނިކުފާނު ވިދާޅުވީ އެ މަގާމުން އިސްތިއުފާ ދެއްވުމުގެ ވިސްނުމެއް ނެތް ކަމަށެވެ. ނަމަވެސް މިއަދު ވަނީ އެމްޑީޕީން ވަކިވެފައިވާ ކަން އިއުލާން ކުރައްވައިފަ އެވެ.