އިންޑިއާ އާއި ޕާކިސްތާނުގެ ކުރިމަތިލުން؛ ގަދަވީ އިންޑިއާ, ޗެތުރީ އަށް ހެޓްރިކް
އިންޑިއާ އާއި ޕާކިސްތާނުގެ ކުރިމަތިލުން؛ ގަދަވީ އިންޑިއާ, ޗެތުރީ އަށް ހެޓްރިކް

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ އިން ކުޅުނު ފުރަތަމަ މެޗުގައި ކެޕްޓަން ސުނިލް ޗެތުރީގެ ހެޓްރިކަކާ އެކު 4-0 އިން ޕާކިސްތާން ބަލިކޮށްފި އެވެ.

ބެންގަލޫރުގެ ސްރީ ކަންޓީރަވާ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފަށައިގެން ފުރަތަމަ ފަސް މިނިޓު ތެރޭގައި ފުރަތަމަ ހަމަލާ ފޮނުާޅި ޕާކިސްތާނުންނެވެ. ކޯނަރަކުން ހުރަސްވި ބޯޅަ އެޓީމުގެ ޑިފެންޑަރު އީސާ ސުލެއިމާން ބޮލުން ފޮނުވާލުމުން ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

އިންޑިއާ އިން ފުރަތަމަ ހާފުގައި ވައްދާލި ދެ ގޯލު ވެސް ޖެހީ މެޗުގެ ކުރީކޮޅު، ޕާކިސްތާނަށް ހެދުނު ދެ ގޯހެއްގެ ފައިދާ ނަގައިގެންނެވެ. ފުރަތަމަ ގޯލު 10 ވަނަ މިނިޓުގައި ޖެހީ ކީޕަރު ސާގިބް ހަނީފަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ. އޭގެ ފަސް މިނިޓު ފަހުން ލީޑު ފުޅާ ކޮށްދިން ގޯލު ޖަހައިދިނީ ޕާކިސްތާން ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހިގެން ލިބުނު ޕެނަލްޓީއަކުންނެވެ.

މި ހާފުގެ ފަހު މިނިޓުގައި ޕާކިސްތާނުގެ ކެޕްޓަން ހަސަން ނަވީދު ބަޝީރު އިންޑިއާ ބެންޗު ކުރިމަތިން، ރޮނގު މަތިން އެއްލުމެއް ލިބިގެން ބޯޅަ އެއްލަނިކޮށް އިންޑިއާގެ ކޯޗު އީގޯ ސްޓިމަކް އަތުން ބޯޅައިގައި ޖެހުމުން ދެ ޓީމުގެ ކުޅުންތެރިންނާއި ބެންޗު ވެސް ހޫނު ވި އެވެ. މިއާ ގުޅިގެން ރެފްރީ ވަނީ ކޯޗު ސްޓިމަކް އަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ.

ޗެތުރީ އޭނާގެ ހެޓްރިކް ފުރިހަމަ ކުރީ މެޗުގެ 77 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. އޭގެ ފަސް މިނެޓް ފަހުން އެޓީމުގެ ހަތަރުވަނަ ގޯލު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އުދަންތަ ސިންގް އެވެ.