21 ޖޫން 2023 - 20:50

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފައި އެ ފައިސާ ލޯންޑާކުރި މައްސަލާގައި ކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ފުލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ކޮށްފައިވާ ހުކުމްތަކުގެ އިސްތިއުނާފް ޝަރީއަތް އީދު ބަންދަށް ފަހު ހުޅުވޭ ހަފްތާގައި ވެސް އޮންނާނެ ކަމަށް ހައި ކޯޓުން ބުނެފި އެވެ.

ހައި ކޯޓުގެ މީޑިއާ އޮފިޝަލް އަމީން ފައިސަލް "މިހާރު" އަށް ވިދާޅުވީ އާރަށު މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ވެސް އެހެން މައްސަލަތަކެކޭ އެއްގޮތަށް ކުރިއަށް ތާވަލްކުރާ ކަމަށާއި ދެން އަޑުއެހުމެއް ބާއްވާނީ މި ފެށޭ ބޮޑު އީދު ބަންދަށް ފަހު ހުޅުވޭ ހަފްތާގައި ކަމަށެވެ.
ޔާމީންގެ ފަރާތްޕުޅުން ވަކީލް ޑރ. މުހައްމަދު ޖަމީލް މިއަދުގެ ޝަރީއަތުގައި ވަނީ މާދަމާ ވެސް އަޑުއެހުމެއް ބާއްވައިދިނުމަށް އެދިވަޑައިގެންފަ އެވެ. އެއީ އީދު ބަންދު އައުމުގެ ކުރިން އިސްތިއުނާފީ ހުށަހެޅުންތައް ނިންމާލަން ކަމަށް ޖަމީލް ވިދާޅުވި އެވެ.
ޖަމީލް މިގޮތަށް އެދިވަޑައިގަތުމުން، ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުޒައިފާ މުހައްމަދު ހަމައެކަނި ވިދާޅުވީ ޝަރީއަތްތައް ދުރާލައި ތާވަލްކޮށްގެން ކުރިއަށް ގެންދާ ކަމަށެވެ. އަދި ދެން އޮންނާނީ އިސްތިއުނާފީ ހުށަހެޅުންތަކަށް ދައުލަތުން ޖަވާބު ދިނުން ކަމަށް ވިދާޅުވި އެވެ.
މާދަމާ ވެސް އާރަރު މައްސަލައިގެ އަޑުއެހުމެއް ބާއްވަން ޖަމީލް އެދިވަޑައިގެން އިރު ވެސް މާދަމާ 2:00 އަށް ފަނޑިޔާރު ހުޒައިފާ ބައިވެރިވެ ވަޑައިގަންނަވާ ޝަރީއަތެއް އޮތީ ކުރިން ތާވަލްކޮށްފަ އެވެ.
އާރަށު މައްސަލައިގެ ތިން ގަޒިއްޔާގެ އިސްތިއުނާފް ހައި ކޯޓުގައި ކުރިއަށްދެ އެވެ. އެއީ ޔާމީނަށް ރިޝްވަތު ދިން ކަމުގެ ކުށުގައި ޔޫސުފް ނައީމްގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމާއި ޔާމީން އެ ފައިސާ ގަބޫލުކުރި މައްސަލާގައި ސާބިތުވި ރިޝްވަތު ހިފުމުގެ ކުށުގައި ޔާމީނަށް އައި ހަތަރު އަހަރުގެ ޖަލު ހުކުމާއި އެ ފައިސާ ލޯންޑާކުރި މައްސަލާގައި އައި މަނީ ލޯންޑަރިންގެ ހަތް އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފެވެ.
މި ތިން ގަޒިއްޔާގެ ތެރެއިން ޔޫސުފް ނައީމްގެ އިސްތިއުނާފީ ހުށެހެޅުންތައް ވަނީ ނިންމާލައިފަ އެވެ. މިއަދު އޮތީ ޔާމީން ރިޝްވަތު ހިފިކަމުގެ ކުށް ސާބިތުވި ހުކުމުގެ އިސްތިއުނާފީ ހުށަހެޅުމެވެ. މަނީ ލޯންޑަރިންގެ ހުކުމުގެ އިސްތިއުނާފެއް އަދި ނުފަށަ އެވެ. މި ތިން މައްސަލަ ވެސް ބައްލަވަނީ ފަނޑިޔާރު ހުޒައިފާއިގެ އިތުރުން ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު މުހައްމަދު ސަލީމެވެ.
އިސްތިއުނާފް މައްސަލަ އަވަސްކުރަން ޔާމީންގެ ބޭނުންފުޅުވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ މަނިކުފާނަށް ވާދަކުރެއްވޭނެކަން ޔަގީންވާން އޮތީ މި މައްސަލައިގެ ހުކުމުން ކަމަށްވާތީ އެވެ. އެކަމަކު މި ހުކުމް ހައި ކޯޓުން ބާތިލްކުރި ނަމަވެސް ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މައްސަލާގައި ވެސް ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާއެއް އުފުލައި ކްރިމިނަލް ކޯޓުގައި ކުރިއަށްދެ އެވެ. އެ ޝަރީއަތް މާ އަވަސް އަރުވާލައިގެން ކުރިއަށް ގެންދާ ކަމުގެ ކަންބޮޑުވުން ޔާމީން އޮތީ ފާޅުކުރައްވައިފަ އެވެ.