ހޮލީވުޑުން ލިބޭ ކޮންމެ ފުރުސަތަކަށް އާއެކޭ ނުބުނާނަން: އަނުޝްކާ ޝަރުމާ
ހޮލީވުޑުން ލިބޭ ކޮންމެ ފުރުސަތަކަށް އާއެކޭ ނުބުނާނަން: އަނުޝްކާ ޝަރުމާ

"އޭ ދިލް ހެ މުޝްކިލް" އާއި "ސުލްތާން" ގެ ކާމިޔާބަށްފަހު އަނުޝްކާ ޝަރުމާ ވަނީ ބޮލީވުޑްގައި އޭނާގެ މަގާމު ވަރުގަދަކޮށްފަ އެވެ. އޭނާއާ އެއް ފެންވަރެއްގައި މިހާރު އުޅޭ ތަރިންގެ ތެރެއިން ޕްރިޔަންކާ ޗޯޕްރާ އާއި ދީޕިކާ ޕަދުކޯން މިހާރު ވަނީ ހޮލީވުޑް ފިލްމުތައް ކުޅެން ފަށާފަ އެވެ. އަދި ސޯނަމް ކަޕޫރު ވެސް ވަރަށް އަވަހަށް ހޮލީވުޑާ ގުޅޭނެކަމަށް ޚަބަރު ލިބެ އެވެ. އެހެންވެ އަނުޝްކާ ވެސް ހޮލީވުޑްގެ ހުވަފެން އޮންނާނެކަމަށް ބެލެވެ އެވެ.

ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއުއެއްގައި އަނުޝްކާ، 28، ބުނީ އަވަސް އަރުވާލައިގެން ހޮލީވުޑް ފިލްމެއް ކުޅެން ބޭނުން ނުވާ ކަމަށެވެ. އަދި އެފަދަ ފިލްމެއް ކުޅެން ސޮއި ކުރިޔަސް އޭނާ ކުރާނީ އެ ފިލްމަކާ ހިތްހަމަޖެހޭ ނަމަ ކަމަށް އަނުޝްކާ ބުންޏެވެ.

އަނުޝްކާ ބުނީ ކަމާކަންފަށާ ހޮލީވުޑް ފިލްމެއް ހޯދަން އޭނާ މަސައްކަތް ކުރަމުން ނުދާ ކަމަށެވެ. ނަމަވެސް އެފަދަ ފިލްމެއް ލިބިއްޖެ ނަމަ ވިސްނާނެ ކަމަށާއި ހޮލީވުޑް ފިލްމަކަށް މަރުނުދޭނެ ކަމަށް ބުންޏެވެ.

އޭނާ ބުނީ ޝައުގުވެރި ފިލްމެއް ލިބިއްޖެނަމަ އެއީ ހޮލީވުޑް ވިޔަސް އަދި ކޮރެއާ ފިލްމަކަށް ވިޔަސް އަދި އެނޫން ގައުމެއްގެ ފިލްމަކަށް ވިޔަސް މަސައްކަތް ކުރެވިދާނެކަމަށެވެ.

އަނުޝްކާ މިވަގުތު މަސައްކަތް ކުރަމުންދަނީ "ފިއްލޫރީ" ކިޔާ ފިލްމެއްގަ އެވެ.

ދީޕިކާ ޕަދުކޯން އާއި ޕްރިޔަންކާ ޗޯޕްރާގެ ހޮލީވުޑް ފިލްމުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އަނުޝްކާ ބުނީ އެ ތަރިންނަށް ހޮލީވުޑްގައި ލިބެމުންދާ ކާމިޔާބީތަކުން ދައްކުވައިދެނީ އިންޑިއާގެ އެކްޓަރުންނަކީ މުޅި ދުނިޔެ ވެސް ގަބޫލުކުރާ ތަރިން ކަމެވެ. އެހެންކަމުން ހޮލީވުޑް މަސައްކަތްކުރާ ބޮލީވުޑް ތަރިންނަށް އަނުޝްކާ ތައުރީފު ކުރި އެވެ.