ކުވެއިތަށް ތިން ޕޮއިންޓް، ނޭޕާލަށް ގޭމް ތެރެއަށް ވަދެވުނީ މާ ލަހުން
ކުވެއިތަށް ތިން ޕޮއިންޓް، ނޭޕާލަށް ގޭމް ތެރެއަށް ވަދެވުނީ މާ ލަހުން

އިންޑިއާގައި މިއަދު ފެށި ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ ފުރަތަމަ މެޗުގައި ކުވެއިތުން 3-1 އިން ނޭޕާލް ބަލިކޮށްފި އެވެ.

މެޗު ފެށިގެން ދެ ޓީމުން ވެސް ގޯލު ޖަހާނެ ފުރުސަތު ހޯދަން މަސައްކަތް ކުރި އެވެ. ނޭޕާލުގެ ނަވާޔުގު ޝްރެސްތާ ބާރު ބޯޅައެއް ފޮނުވާލި ނަމަވެސް އެ ބޯޅަ ދިޔައީ ގޯލު މަތިން ބޭރަށެވެ.

މަޑުމަޑުން ގޭމުގެ ތެރެއަށް ވަންނަމުން ދިޔަ ކުވެއިތު ޓީމުން ލީޑު ނެގީ 23 ވަނަ މިނިޓުގަ އެވެ. ކޯނަރަކުން ނެގި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެން ގޯލު ޖަހައިދިނީ ޓީމުގެ ކެޕްޓަން ހާލިދު ހާޖިއާ އެވެ. އޭގެ ފަހުން ކައުންޓާ އެޓޭކުގައި އެޓީމުގެ މުހައްމަދު އަބްދުﷲ ފޮނުވާލި ބޯޅައެއް ވަނީ ގޯލު ހުރަސް ދަނޑިއަށް ވެސް އަމާޒު ވެފަ އެވެ.

ފުރަތަމަ ހާފު ނިމުމެން ހަތަރު މިނިޓަށް ވެފައި ވަނިކޮށް ކައުންޓާ އެޓޭކެއްގައި ކުވެއިތުގެ ދެވަނަ ގޯލު ޖަހައިދިނީ ޝަބައިބް އަލް ހާލިދީ އެވެ.

ދެވަނަ ހާފުގައި ނޭޕާލުން ކުޅުން ރަނގަޅު ކުރި އެވެ. ބޮޑަށް ކުރިއަށް ޖެހިގެން ގޯލެއް ޖަހަން މަސައްކަތް ކުރި ނަމަވެސް ކުވެއިތުން ވަނީ ޕެނަލްޓީ އަކުން އިތުރު ގޯލެއް ޖަހައިފަ އެވެ. ވޭޕާލް ޑިފެންޑަރެއް އަތުގައި ބޯޅަ ޖެހިގެން ލިބުނު މި ޕެނަލްޓީއިން ގޯލު ޖަހައިދިނީ މުހައްމަދު އަބްދުﷲ އެވެ.

ނޭޕާލުން މެޗުގައި ޖެހި ހަމައެކަނި ގޯލު ކާމިޔާބު ކޮށްދިނީ އަންޖުން ބިސްތާ އެވެ. ކުވެއިތުގެ ޑިފެންޑަރެއް އަތުން ދީވި ބޯޅައެއް ހިފައިގެން ކުރިއަށް އަރައި އޭނާ ވަނީ ކީޕަރުފައި ދޭތެރެއިން ބޯޅަ ގޯލަށް ފޮނުވާލައިފަ އެވެ.

ނޭޕާލާއި ކުވެއިތާ އެކު ގުރޫޕް އޭ ގައި ދެން ހިމެނެނީ ޕާކިސްތާނާއި އިންޑިއާ އެވެ. ޕާކިސްތާނާއި އިންޑިއާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ 7 ޖަހާއިރެވެ.