21 ޖޫން 2023 - 19:28

ފިޝަރީޒް އެންޑް އެގްރިކަލްޗާ މިިނިސްޓްރީގެ ދަށުގައި ވ. އާރަށް އޮއްވައި ޓޫރިޒަމްގެ ބޭނުމަށް އެ ރަށް ކަނޑައެޅީ އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ އިރުޝާދަށް ނޫން ކަމަށް އެ މަނިކުފާނުގެ ފަރާތްޕުޅުން މިއަދު ހައި ކޯޓުގެ އިސްތިއުނާފުގައި ބުނެފި އެވެ.

އާރަށް ކުއްޔަށް ދިނުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށް ވަކި މީހަކަށް އެ ރަށް ހޯދައިދޭން ރިޝްވަތު ނެގުމާއި އެ ފައިސާ ލޯންޑާކުރި ކަމުގެ ކުށުގައި ޔާމީން 11 އަހަރަށް ޖަލަށް ލާން ކުރި ދެ ހުކުމުގެ އިސްތިއުނާފްގައި މިއަދު އޮތީ ރިޝްވަތުގެ ކުށުގައި ކޮށްފައިވާ ހަތަރު އަހަރު ހުކުމުގެ އިސްތިއުނާފެވެ. މިއީ ބާތިލް ހުކުމެއްކަން ސާބިތުކުރުމަށް ހައި ކޯޓުގައި ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފީ 14 ނުކުތާއެއް ހުށަހެޅި އެވެ.

މަނީ ލޯންޑަރިންގެ ކުށުގައި އިއްވި ހަތް އަހަރުގެ ޖަލު ހުކުމަކީ ވަކި ގަޒިއްޔާއެއް ކަމަށް ވާތީ އެ މައްސަލައިގެ އިސްތިއުނާފީ ނުކުތާތައް ހުށަހެޅުން އޮންނާނީ ވަކިންނެވެ.
އިސްތިއުނާފީ ނުކުތާތަކުގެ ތެރެއިން ދިފާއުން އެންމެ ބޮޑަށް ފާހަގަކުރި އެއް ކަމަކީ ރިޝްވަތުގެ ކުށުގެ ރުކުނެއް ފުރިހަމަ ނުވާ ހާލަތުގައި އެ ކުށުން ކުށްވެރި ވެފައިވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައި ވުމެވެ. އާރަށް ޓޫރިޒަމްގެ ބޭނުމަށް ކަނޑައެޅީ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ ހިއްސާ އޮންނަ ޓޫޖީ ޕްރައިވެޓް ލިމިޓެޑަށް އެ ރަށް ދިނުމަށް ކަމަށް ދައުވާގައި ބުނާއިރު އެއީ ޔާމީންގެ ނިންމެވުމެއް ނޫން ކަމަށް ދިފާއުން ބުނެ އެވެ.
އެކަމަކު ދައުލަތުން ޝަރީއަތުގައި ބުނަމުން އަންނަނީ ޓޫރިޒަމްގެ ބޭނުމަށް ރަށްތައް ކަނޑައެޅުމަކީ ޓޫރިޒަމާ ބެހޭ ގާނޫނުގައި ހަމައެކަނި ރައީސަށް އޮންނަ ބާރެއް ކަމަށާއި އެ ރަށް ޓޫރިޒަމްގެ ބޭނުމަށް ކަނޑައެޅުމާ އެކު ޓޫޖީ ކުންފުންޏަށް އެ ރަށް ދީފައިވާ ކަމަށާއި އެކަން ކުރީ ޔާމީންގެ ނުފޫޒުންކަން ހެކިތަކުން އެނގޭ ކަމަށެވެ.
އެކަމަކު ޔާމީންގެ ވަކީލުންގެ ފަރާތުން އަބްދުﷲ ޝިޔާޒް އިސްތިއުނާފީ ނުކުތާތައް ތަފްސީލްކޮށްދެއްވަމުން ވިދާޅުވި ގޮތުގައި ރައީސް އޮފީހުގައި އޮތް އިކޮނޮމިކް އެންޑް ޔޫތު ކައުންސިލް (އީވައިސީ) އިން އާރަށް ޓޫރިޒަމްގެ ބޭނުމަށް ނަގަން ނިންމައި އެކަން ޔާމީންގެ އަރިހަށް ފޮނުވި ލިޔުމަކީ އެ ނިންމުން ތަންފީޒުކުރުމުގެ އިރުޝާދެއް ނޫން ކަމަށެވެ. ޝިޔާޒް ވިދާޅުވި ގޮތުގައި އެ ލިޔުމުގެ މަތީ ކަނުގައި "މައުލޫމާތަށްޓަކައި" ކަމަށް ލިޔެފައި ވެސް އެބަ އޮތް ކަމަށެވެ.
"މިއީ ރައީސްގެ އަރިހަށް، އެކަމުގައި ނިންމުމެއް ނިންމަން ފޮނުވި ލިޔުމެއް ނޫންކަން އެނގޭ،" އޭނާ ވިދާޅުވި އެވެ.
ވަކީލް ވިދާޅުވީ އާރަށް ޓޫރިޒަމްގެ ބޭނުމަށް ބަދަލުކުރުމަށް އިރުޝާދު ދިނުމަށްޓަކައި ރައީސްގެ އަރިހަށް ލިޔުމެއް ފޮނުވާފައި ނުވާކަމާއި އެފަދަ އިރުޝާދެއް ރައީސް ދެއްވާފައި ނުވާކަން އަދި އެއްވެސް ދައުލަތުގެ އިދާރާއަކަށް އެއްވެސް ސިޓީއެއް ފޮނުވަން ރައީސް އިރުޝާދެއް ދެއްވާފައި ނުވާކަން މި މައްސަލައިގެ ލިޔުންތަކުން ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ.
އާރަށް ޓޫރިޒަމްގެ ބޭނުމަށް ކަނޑައަޅަން ފިޝަރީޒް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީއާ ދެމެދު ބަދަލުކުރި ސިޓީ އެބަހުރި ކަމަށާއި މިއީ ރައީސް އޮފީހުގެ ސިޓީއަކަށް ގުޅިގެން ބަދަލުކުރި ރަށެއް ނޫން ކަމަށް ޝިޔާޒް ވިދާޅުވި އެވެ. މި ސިޓީ ރައީސް އޮފީހަށް ކޮޕީކޮށްފައި އޮންނަ ކަމަށާއި އެކަމަކު ރައީސް އޮފީހަށް ކޮޕީކޮށް ފޮނުވާ ކޮންމެ ސިޓީ އަކީ ރައީސަށް ރައްދުވާ ސިޓީއެއް ނޫންކަން ހެކިންގެ ހެކިބަހުން އެނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އާރަށް ޓޫރިޒަމްގެ ބޭނުމަށް ކަނޑައެޅުމަކީ ޔާމީންގެ ނިންމެވުމެއް ނޫންކަން ކަމަށް ސާބިތުވާ ނަމަ ދައުވާގެ ރުކުނެއް ސާބިތެއް ނުވާނެ އެވެ. އެހެން ވެއްޖެ ނަމަ ޔޫސުފް ނައީމްގެ އެކައުންޓުން ޔާމީނަށް ޖަމާވި ފައިސާ އަކީ ރިޝްވަތުގެ ފައިސާ ކަމަކަށް ވެސް ސާބިތެއް ނުވާނެ އެވެ.
ދިފާއުން ދެން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގެ ތެރޭގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ބަލައި ނުގަތުމާއި ހެކިންގެ ގޮތުގައި ހުށަހެޅި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަހަށް ބާރު ލިބޭނެ އިތުރު ހެކި ނެތީސް އެ މީހުންގެ ހެކި ބަލައިގަތުން ހިމެނެ އެވެ. މީގެ އިތުރުން ދިފާއީ ހެކިންގެ ހެކިބަސް ނަފީކުރުމަށް އާ ލިޔުންތަކެއް ހުށަހަޅަން ފުރުސަތު ދިނުމާއި އެ ހެކިން ދިނީ ދޮގު ހެކި ކަމަށް ކަނޑައަޅާފައިވުމާއި އިއްވި ހުކުމާއި މައްސަލަ ނިނުމުގެ ގޮތުގެ ރިޕޯޓްގައި ހުރި ބައެއް ކަންކަމާ ދިމާނުވުމުން ފަދަ ކަންކަން ހިމެނެ އެވެ.
ރިޝްވަތުގެ ކުށުގެ އިސްތިއުނާފީ ނުކުތާތައް މިއަދު ހުށަހަޅައި ނިމި މިއަދުގެ އަޑުއެހުން ނިންމާލުމުގެ ކުރިން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުން ފަނޑިޔާރު ހުޒައިފާ މުހައްމަދު ވަނީ ދެން އޮންނާނީ މިއަދު ހުށަހެޅި ނުކުތާތަކަށް ދައުލަތުން ޖަވާބު ދިނުން ކަމަށް ވިދާޅުވެފަ އެވެ. އެއާ އެކު ޔާމީންގެ ވަކީލުންގެ ޓީމުގައި އިސްކޮށް އުޅުއްވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވަނީ ކުރިއަށް އޮތީ ބޮޑު އީދުގެ ބަންދު ކަމަށްވުމާ އެކު މާދަމާ ވެސް މައްސަލައިގެ އަޑުއެހުމެއް ބާއްވައި އިސްތިއުނާފުގެ ހުށަހެޅުން އެއްކޮށް ނިންމާލެވޭނެ ގޮތެއް ހައްދަވައިދެއްވުން އެދޭ ކަމަށް ވިދާޅުވެފަ އެވެ.
ޖަމީލްގެ އެދިވަޑައިގަތުމާ އެކު ފަނޑިޔާރުންގެ ފަނޑިޔާރު ހުޒައިފާ ވިދާޅުވީ ޝަރީއަތްތައް ކުރިއަށް ތާވަލްކޮށްފައިވާ ކަމަށާއި ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ދައުލަތުން އިސްތިއުނާފަށް ޖަވާބު ދިނުން ކަމަށެވެ.
ފަނޑިޔާރު ހުޒައިފާގެ އިތުރުން ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ. އާރަށުގެ ތިން ގަޒިއްޔާގައި ވެސް ތިއްބަވަނީ މި ބޭފުޅުންނެވެ. މައްސަލަ ކުރިއަށް ގެންދަނީ ކޮންމެ ގަޒިއްޔާއެއްގެ އިސްތިއުނާފީ ނުކުތާތައް ހުށަހަޅައި އެކަންކަމާ މެދު ވާހަކަ ދައްކާ ނިންމަމުން ގެންދާ ގޮތަށެވެ.
-