ޖޯދްޕޫރަށް ދުވަހަކު ވެސް ނުދާނެ ކަމަށް ބާންސާލީ ބުނެފި
ޖޯދްޕޫރަށް ދުވަހަކު ވެސް ނުދާނެ ކަމަށް ބާންސާލީ ބުނެފި

ބޮލީވުޑްގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީ މިހާރު އުފައްދަމުން އަންނަ ފިލްމު "ޕަދްމާވަތީ"ގެ ޝޫޓިން އަށް އިންޑިއާގެ ޖޯދްޕޫރް ގައި ތައްޔާރުކޮށްފައިވާ އަގުބޮޑު ސެޓަށް ބަޔަކު ވަދެ ބާންސާލީ އާއި ފިލްމު ކުރޫ އަށް ހުކުރު ދުވަހު ހަމަލާ ދީ އެތަނުގައި ހުރި އަގުބޮޑު ސާމާނުތަކަށް ގެއްލުން ދީފައި ވާތީ ދެން ދުވަހަކު ވެސް އެތަނަށް ނުދާން ބާންސާލީ ނިންމައިފި އެވެ.

ޖޯދްޕޫރަށް ދުވަހަކު ވެސް ނުދާނެ ކަމަށް ބާންސާލީ ބުނެފި
ޖޯދްޕޫރަށް ދުވަހަކު ވެސް ނުދާނެ ކަމަށް ބާންސާލީ ބުނެފި

ބާންސާލީ ނެރެފައިވާ ބަޔާނެއްގައި ބުނީ ފިލްމުގެ ޖޯދްޕޫރް ޝޫޓިން ކެންސަލްކޮށްފައިވާ ކަމަށާއި ދެން ދުވަހަކުވެސް ޖޯދްޕޫރަށް ނުދާނެ ކަމަށެވެ. އަދި ބާންސާލީގެ ގާތް މީހުން ބުނެފައިވަނީ މުމްބައި ގައި އަލުން ސެޓެއް ތައްޔާރުކޮށް ފިލްމުގެ ޝޫޓިން ކުރިއަށް ގެންދަން ބާންސާލީ މިހާރު ނިންމާފައިވާ ކަމަށެވެ.

ރާޖްޕޫތު އޯގަނައިޒޭޝަނެއް ކަމަށްވާ ޝްރީ ރާޖްޕޫތު ކަރްނީ ސޭނާގެ އެކްޓިވިސްޓުން ބާންސާލީ އަށް ހަމަލާދީ ފިލްމު ސެޓުގައި ހުރި އަގުބޮޑު ކެމެރާތަކަށާއި އެހެން ބައެއް ސާމާނަށް ގެއްލުން ދިނެވެ. އެމީހުން ބުނަނީ ބާންސާލީ އަކީ ރާޖްޕޫތުގެ ތާރީހު އޮޅުވާލައިގެން މީގެ ކުރިން ފިލްމު އުފައްދާފައިވާ މީހެއް ކަމަށެވެ. އެހެންވެ މިފަހަރު ފިލްމު ހެދުމުގެ ކުރިން ފިލްމުގެ ސްކްރިޕްޓް ދައްކަން އެދިފައި ވާނެ ކަމަށް އެ މީހުން ބުނެ އެވެ. ނަމަވެސް ބާންސާލީ އެމީހުންނަށް ސްކްރިޕްޓް ނުދެއްކި ކަމަށާއި ތާރީޚު އޮޅުވާލުމުގެ ފުރުސަތު ބާންސާލީ އަށް ދެން ނުދޭނެ ކަމަށް މި އެކްޓިވިސްޓުން ބުންޏެވެ.

ނަމަވެސް ބާންސާލީ ނެރުނު ބަޔާނެއްގައި، އެ ފިލްމުގައި އެކްޓިވިސްޓުން އެބުނާ ޒާތުގެ އެއްވެސް މަންޒަރެއް އެއީ ހުވަފެނީ މަންޒަރަކަށް ވިޔަސް ނުހިމެނޭ ކަމަށް ބުނެފައިވެ އެވެ. އަދި އެމީހުން އޭނާއަށް ގެއްލުންދިނީ ހީވާ ހީވުމަކަށް، ބަޔަކު ދެއްކި ވާހަކައެއް ގަބޫލުކޮށްގެން ކަމަށް ބަޔާނުގައިވެ އެވެ.

އެކްޓީވިސްޓުން ހީކުރީ ރަންވީރު އާއި ދީޕިކާގެ ލޯބީގެ މަންޒަރުތަކެއް އެ ދުވަހު ޝޫޓްކުރަން އުޅުނު ކަމަށެވެ. ނަމަވެސް ބާންސާލީ ބުނަނީ އެފަދަ އެއްވެސް މަންޒަރެއް ފިލްމުގައި ނުހިމެނޭ ކަމަށެވެ.

"ޕަދްމާވަތީ" އަކީ އަލާއުއްދީން ޚިލްޖީ ކިޔާ ރަސްކަލެއްގެ ވާހަކަ އެވެ. މިއީ ދިއްލީގައި ރަސްކަންކުރި ރަސްކަލެކެވެ. އެ ރަސްގެފާނަށް ލޯބި ވެވެނީ ރާޖްޕޫތުގެ ރާނީއެއް ކަމަށްވާ ޕަދްމާވަތީ އާ އެވެ.

ބާންސާލީ އަށް ހަމަލާ ދިން މީހުން ބުނަނީ އެމީހުންގެ އަތުގައި އެ ވާހަކަތައް ލިޔެފައިވާ ފޮތްތަކުގެ ބޮޑު ލައިބްރަރީއެއް އެބަހުރި ކަމަށެވެ. އެއިން އެއްވެސް ފޮތެއްގައި އަލާއުއްދީން ޚިލްޖީ ޕަދްމާވަތީ ދެކެ ލޯބިވީ ކަމެއް އަދި އެ ދެ މީހުން ލޯބީގެ ގުޅުމެއް ބޭއްވި ވާހަކައެއް ނެތް ކަމަށް އެ މީހުން ބުނެ އެވެ. އެހެންވެ ޕަދްމާވަތީގެ އަބުރަށް އަރައިގަންނަން ކުރާ މަސައްކަތް \ ހުއްޓުވާނެކަމަށް ބާންސާލީ އާ ދެކޮޅު އެކްޓިވިސްޓުން ބުނެފައިވެ އެވެ.

ބާންސާލީ އަށް ދިން ހަމަލައާއާ ގުޅިގެން މުޅި ފިލްމު އިންޑަސްޓްރީ ވަނީ އޭނާ އަށް ތާއީދުކުރާކަން ހާމަކޮށްފަ އެވެ. އަދި ފިލްމު އުފައްދާ ފަރާތްތަކާ ދެކޮޅަށް ހިންގާ މިފަދަ ނޭއްގާނި އަމަލުތައް ހުއްޓުވަން ސަރުކާރަށް އިލްތިމާސްކުރި އެވެ.