މެންބަރު ޗެކްމާކް ރަޝީދު ވެސް އެމްޑީޕީން ވަކިވެއްޖެ
މެންބަރު ޗެކްމާކް ރަޝީދު ވެސް އެމްޑީޕީން ވަކިވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު (ޗެކްމާކް ރަޝީދު) އެމްޑީޕީން ވަކިވެވަޑައިގެންފި އެވެ.

ޗެކްމާކް ރަޝީދަކީ އެމްޑީޕީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފެކްޝަންގައި ހިމެނޭ މެންބަރެކެވެ.

އެ ފެކްޝަންގެ 13 މެންބަރުން އެމްޑީޕީން ވަކިވި އިރު ރަޝީދު އެ ޕާޓީގައި މަޑުކުރެއްވި އެވެ.

ނަމަވެސް މިއަދު އެމްޑީޕީން އެ ޕާޓީގެ ރައީސް ނަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެން ރަޝީދު ވެސް ވަނީ އޭނާ ޕާޓީން ވަކިވެފައިވާ ކަމުގެ ސިޓީ ސޯޝަލް މީޑިއާގައި އާންމު ކުރައްވައިފަ އެވެ.

"އަހުރެން މިއަދު 21 ޖޫން 2023 ވީ ބުދަ ދުވަހު ތިޔަ ޕާޓީގެ މެންބަރު ކަމުން ވަކިވެއްޖެއީން،" އޭނާ އެމްޑީޕީ އަށް ފޮނުވި ސިޓީގައި ވިދާޅުވި އެވެ.

މަޖިލީހުގެ ދަފްތަރުގައި އެމްޑީޕީގައި ތިއްބަވަނީ 56 މެންބަރުންނެވެ. ނަމަވެސް މިއަދު ނަޝީދާއި ރަޝީދު ޕާޓިން ވަކިވުމާ ގުޅިގެން އެ އަދަދު 54 އަކަށް ވެއްޓޭނެ އެވެ.

އެމްޑީޕީން ފުރަތަމަ ވަކިވި 13 މެމްބަރުން އިސްވެ ގެންދަވަނީ ޑިމޮކްރެޓްސްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުންނެވެ. އެ ޕާޓީން އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.