21 ޖޫން 2023 - 12:05

ބީއެމްއެލްއިން "ފޯލޫޕް" އާ ގުޅިގެން އަންހެން ކުދިންނަށް ހިންގި ކޯޑިން އެންޑް އިންޖިނިއަރިން ޕްރޮގުރާމް ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ދީފި އެވެ.

އެ ޕްރޮގްރާމަކީ މި އަހަރުގެ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތްތަކުގެ ތެރެއިން ބޭންކުން ލޯންޗުކުރި ޕްރޮގުރާމެކެވެ. ބީއެމްއެލް އިން ބުނި ގޮތުގައި އެ ޕްރޮގްރާމަކީ އީޖާދީ ދުނިޔޭގައި އަންހެން ކުދިންނަށް އޮތް ފުރުސަތުތައް އިތުރުކޮށް، އެ ދާއިރާގައި އަންހެން ކުދިންނަށް ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށްދިނުމުގެ ގޮތުން ހިންގި ޕްރޮގްރާމެއް ކަމަށެވެ.
ބީއެމްއެލްގެ ކޯޑިން އެންޑް އިންޖިނިއަރިން ޕްރޮގުރާމްގައި 12 އަހަރާއި 14 އަހަރުގެ 24 ކުދިން ބައިވެރިވި އެވެ. އެ ކުދިންނަށް ޕްރޮގުރާމުގައި ވިޝުއަލް ބްލޮކްސް ބޭނުންކޮށްގެން ގޭމް ޑިވެލޮޕްކުރުން، ޕައިތަން ބޭނުންކޮށްގެން އެޕް ޑިވެލޮޕްކުރުމާއި ބްލޫޓޫތު ކޮންޓްރޯލް ރޮބޮޓް ހެދުން ފަދަ ކަންތައްތައް ވަނީ ދަސްކޮށްދީފަ އެވެ.
ސޯޅަ ދުވަހުގެ މި ޕްރޮގުރާމުގައި ކިޔަވައިދިން ފޯލޫޕް ކޯޑިން އެކަޑަމީ އަކީ ރާއްޖޭގައި 2016 ވަނަ އަހަރުން ފެށިގެން ކޯޑިން އަދި އިލެކްޓޮރޯނިކް އިންޖިނިއަރިން ކިޔަވައިދެމުން އަންނަ އެކަޑަމީއެކެވެ. އެ އެކަޑަމީގައި ކުޑަކުދިންނަށް ހާއްސަ ކޯޑިންގެ ގިނަ ޕްރޮގުރާމުތަކެއް އަންނަނީ ހިންގަމުންނެވެ.