14 ސެޕްޓެމްބަރ 2023 - 11:36

ލިޒްބަން (ސެޕްޓެމްބަރު 14) - ޔޫރަޕްގެ ފުޓްބޯލައިގެ ސިއްރު މައުލޫމާތުތަކެއް ލީކް ކޮށްލި، "ފުޓްބޯލް ލީކްސް" ވެބްސައިޓުގެ ފައުންޑާ ޕޯޗުގަލްގެ ރުއީ ޕިންޓޯ، ހަތަރު އަހަރުގެ ޖަލު ހުކުމަކުން ސަލާމަތް ވެއްޖެ އެވެ.
ޕިންޓޯ، 34، ގެ މައްޗަށް ޕޯޗުގަލްގެ ކޯޓަކުން ހަތަރު އަހަރުގެ ހުކުމެއް އިއްވީ ގަވާއިދާ ހިލާފަށް ސިއްރު މައުލޫމާތާއި ލިޔެކިޔުން ހޯދައި އެއިން ފައިސާ ހޯދި ކަމުގެ ދައުވާ ސާބިތު ވުމުންނެވެ.
އުމުރުން 34 އަހަރުގެ ޕިންޓޯ ވަނީ 2015 ވަނަ އަހަރު ވެބްސައިޓް ހަދައިގެން އެތައް މިލިއަން ލިޔެކިޔުމެއް ލީކް ކޮށްލައިފަ އެވެ. ދިފާއުގައި އޭނާ ބުނެފައި ވަނީ އޭނާއަކީ ހެކަރެއް ނޫން ކަމަށާއި އޭނާ އަކީ ވިސްލްބްލޯވަރެއް ކަމަށެވެ.
ހިސްޓްރީ ކިޔަވަމުން އޭނާ ކޮމްޕިއުޓާ މާސްޓަމައިންޑަކަށް ވީ އަމިއްލަ އަށް އުނގެނިގެންނެވެ. އޭނާ ހައްޔަރު ކުރީ ޖެނުއަރީ 2019 ގައި ހަންގޭރީ އިންނެވެ. އަދި ޝަރީއަތް ފަށާފައި ވަނީ 2020 ގެ ސެޕްޓެމްބަރު މަހު އެވެ.
ފުޓްބޯލް ލީކްސް ވެބްސައިތް މެދުވެރިކޮށް އެތައް ސިއްރު މައުލޫމާތުތަކެއް ލީކު ކޮށްލާފައި ވަނީ ޔޫރަޕިއަން އިންވެސްޓިގޭޓިވް ކޮލާބޮރޭޝަންސް (އީއައިސީ) ނަމަކަށް ކިޔާ ވޫސްވެރިންގެ ނެޓްވޯކަކަށެވެ.
ޕިންޓޯގެ މައްޗަށް 90 ޖިނާއީ ދައުވާއެއް އުފުލާފައި ވާއިރު، އޭގެ ތެރޭގައި ކޮމްޕިއުޓަރު ބޭނުން ކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދަން އުޅުމާއި ގަވާއިދާ ހިލާފަށް ސިއްރު ލިޔެކިޔުން ހޯދައި ހައްގަށް އަރައިގަތުން ހިމެނެ އެވެ.
ޕިންޓޯގެ މަސައްކަތަކީ ފުޓްބޯޅައިގައި އޮތް ކޮރަޕްޝަން އާއްމުންނާ ހަމައަށް ފޯރު ކޮށްދިނުން ކަމަށް އޭނާގެ ވަކީލުން މި ހަފްތާ އޮތް އަޑުއެހުމުގައި ބުނެފައި ވެއެވެ. ނަމަވެސް މައުލޫމާތު ހާމަކުރުމުގައި، ސިއްރު ލިޔެކިޔުންތަކަށް ގަވާއިދާ ހިލާފަށް އަތްފޯރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
"ކޯޓަށް ވަރަށް ސާފުކޮށް އެނގިފައި މި އޮތީ، އޭނާ ކަންކަން ކޮށްފައި ހުރީ ފައިސާ ހޯދުމުގެ މަގްސަދުގައި. އަދި ކޯޓުން އުންމީދު ކުރަނީ ޕިންޓޯ ގަވާއިދާ ހިލާފަށް ކުރެވުނު ކަންތަކާ މެދު އެއްބަސްވެފައި ވާތީ، ކުރިއަށް އޮތް ތަނުގައި މިހާރު ސާބިތުވެފައިވާ އެއްވެސް ކުށަކަށް އަރައި ނުގަންނާނެ ކަމަށް،" ލިޒްބަންގެ ކޯޝެއްގެ އިސް ގާޒީ ބުންޏެވެ.
ޕިންޓޯގެ މައްޗަށް ސާބިތުވީ އައިޓީ ސިސްޓަމްތަކަށް ގާނޫނާ ހިލާފަށް އެކްސެސް ހޯދި ކަމުގެ ފަސް ދައުވާއަކާއި "ކޮރެސްޕޮންޑެންސް ވައިލޭޝަން" ގެ ތިން ދައުވާއެއްގެ އިތުރުން ޑޮޔެން ސްޕޯޓްސް އިންވެސްޓްމަންޓް ފަންޑުން ފައިސާ ހޯދަން އުޅުމުގެ ދައުވާ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ތުހުމަތު ކުރި ގޮތުގައި ޕިންޓޯ ވަނީ ސިއްރު ލިޔެކިޔުން ލީކް ކުރުން ހުއްޓާލަން، ޑޮޔެން ސްޕޯޓްސްގެ ވެރިޔާ އަތުން 500،000 އާއި އެއް މިލިއަން ޔޫރޯއާ ދެމެދުގެ އަދަދަކަށް ފައިސާ ހޯދައިފަ އެވެ.
◂ ޔޫރަޕިއަން ސުޕަ ލީގު އުފައްދަން ކުރި މަޝްވަރާތައް
◂ ޑިފެންޑަރު އަންޑްރެސް ކްރިސްޓެންސަން އަށް ޗެލްސީން ކުރި "ޕޭރެންޓަލް ސެލެރީ"ގެ ތަފްސީލް
◂ މެންޗެސްޓާ ސިޓީ އާއި ޕީއެސްޖީން ފައިނޭންޝަލް ފެއާޕްލޭ އާ ހިލާފުވި މައްސަލަ
◂ނޭމާ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ފަދަ ކުޅުންތެރިން ކްލަބާ އެކު ހަދާފައިވާ ސިއްރު އެއްބަސްވުންތައް
◂އެޒެކީލް ލަވޭޒީ އަށް ޗައިނާގައި މިނިޓަކު 57 ޑޮލަރު ލިބޭ ކަމާއި މުސާރަ ޖަމާވާ އެކައުންޓު ހުރި ގައުމު