20 ޖޫން 2023 - 13:04

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހުއްޓާލާފައި އޮތަސް އިދިކޮޅު ފަރާތްތަކުން މާދަމާ މަޖިލީހުގެ ތަޅުމަށް ވަންނަން ނިންމައިފި އެވެ.
ޕީޕީއެމް އާއި ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުން މިއަދު މަޖިލީހު ތަޅުމަށް ވަންނަ ދޮރުމަތީ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ މަޖިލިސް ތަޅުލާފައި ނުބެހެއްޓޭނެ ކަމަށާއި ޖަލްސާތައް ހުއްޓުވާފައި ވަނީ ސަރުކާރުގެ ނުފޫޒުތަކުގެ ވާހަކަ މަޖިލީހުގެ ތެރޭގައި ދައްކާނެތީ ކަމަށެވެ.
މަޖިލިސް ބަންދުކޮށްފައި ބާއްވައިގެން ސަރުކާރުން ބޭނުން ވަނީ ޖުޑިޝަރީ ކޮމިޓީ ހުއްޓުމަކަށް ގެނެސް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ނުފޫޒު ފޯރުވުން ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މާދަމާ ތަޅުމަށް ވަންނާނަން. އަޅުގަނޑުމެން ވާނީ މިތަނުގެ ސެކްރެޓަރީ ޖެނަރަލަށް ވެސް ދަންނަވާފައި، ތަޅު އަޅުވާފައި ހުއްޓަސް އަޅުގަނޑުމެން އިދިކޮޅު ޕާޓީން ގަސްތުކުރަނީ މަޖިލީހަށް ވަންނަން ކަމަށް،" ސައީދު ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން މާދަމާ ތަޅުމަށް ވަނަސް ރިޔާސަތުގައި އެއްވެސް ބޭފުޅަކު ނުހުންނަވާނެ އެވެ. އަދި ރަސްމީ ޖަލްސާ ނުބާއްވާތީ އިދާރީ އެއްވެސް ބޭފުޅަކު ވެސް ހުންނަވާނެ ކަމަކަށް ނުބެލެވެ އެވެ.
ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ ރާއްޖެ-މޮރިޝަސް މައްސަލާގައި އިތުބާރުނެތް ކަމުގެ މައްސަލަތަކެއް އިދިކޮޅު ފަރާތްތަކުން ވައްދާފައިވާތީ އެކަންކަން އިތުރަށް ކުރިޔަށް ގެންދަން ސަރުކާރުން ބޭނުން ނުވާ ކަމަށެވެ.
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވިދާޅުވާ ގޮތަށް އިދިކޮޅު ފަރާތްތަކުން ވެސް ގަބޫލުކުރަނީ އެއީ ސަރުކާރުން ގަސްތުގައި މަޖިލިސް ބަންދު ކުރެއްވީ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ ޑިމޮކްރަސީއާ ބީރައްޓެހި ކަމެއް. ހުދުމުހުތާރު ކަމުގެ ލާމަސީލް މިސާލެއް،" އޭނާ ވިދާޅުވި އެވެ.
ގުރައިދޫގެ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާއަކީ މުޅި ދައުލަތުގެ ވެސް އެންމެ އިސްވެރިޔާ ކަމަށް ވުމުން، މަޖިލިހުގައި މިހާރު ދިމާވެފައިވާ މައްސަލަ އަށް ހައްލެއް ހޯއްދެވުމަކީ އެ މަނިކުފާނުގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ. އެހެންވެ، މި އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނާއި އެހެން ކަންކަން މަޑުޖައްސަވާލެއްވުމަށް ފަހު، ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައްޔިޔުންގެ މަޖިލިސް އަލުން ހިންގޭނެ ގޮތެއް ހޯއްދަވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޣައްސާން ގޮވާލެއްވި އެވެ.
ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ރިޔާސަތުގައި އިންނަވަން އުޒުރުވެރިވެވަޑައިގަންނަވާތީ މިދިޔަ ތިން ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފެވެ. ނަމަވެސް މަޖިލީހުގެ ރައީސާއި ނައިބު ރައީސް ނެތް ނަމަ، އެހެން މެމްބަރަކަށް ރިޔާސަތު ބެލެހެއްޓޭނީ ވިދިވިދިގެން ތިން ޖަލްސާގައި ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނެ އެވެ.
އެހެންވެ ނަޝީދު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ މަޖިލިސް އިތުރަށް ކުރިޔަށް ގެންދެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
ނަމަވެސް ސަރުކާރުގެ މެޖޯރިޓީ އޮތް އެމްޑީޕީން އެކަން ގަބޫލެއް ނުކުރެ އެވެ. އެ ޕާޓީން އަދިވެސް ބުނަނީ މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ގެންދެވެން ޖެހޭނެ ކަމަށެވެ.