29 ޖެނުއަރީ 2017 - 13:05

މެޑްރިޑް (ޖެނުއަރީ 29) - ރެއާލް މެޑްރިޑުގެ ކުޅުންތެރިޔެއްގެ ގޮތުގައި ހުރިއިރު ވެސް ފާޑުކިޔުންތައް އަމާޒުވި ކަމަށާއި ކޯޗެއްގެ ގޮތުގައި ވެސް ހުންނައިރު ވެސް އެކަން ތަޖުރިބާކުރަން ޖެހޭނެކަން އެނގޭތީ އެކަމާ މާ ބޮޑު ސަމާލުކަމެއް ނުދޭ ކަމަށް ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ބުނެފި އެވެ.
ޒިދާން ވަނީ 2001 އިން 2006 އާ ދެމެދު ރެއާލަށް ކުޅެ، އެ ޓީމާ އެކު ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. ކޯޗެއްގެ ގޮތުގައި ޒިދާން ރެއާލާ ހަވާލުވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ. ޒިދާން ވަނީ ރެއާލަށް މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދީފަ އެވެ.
ބަލިނުވެ ޖެހިޖެހިގެން 40 މެޗު ރެއާލުން ހަމަކުރި ފަހުން އެ ޓީމުގެ ފޯމު ވަނީ ވަރަށް ބޮޑަށް ގެއްލިފަ އެވެ. އެންމެ ފަހުން ރެއާލް ކުޅުނު ފަސް މެޗުގެ ތެރެއިން އެ ޓީމަށް މޮޅުވެވުނީ އެންމެ މެޗަކުންނެވެ. މިރޭ އަމިއްލަ ދަނޑުގައި ރެއާލް ސޮސިއެޑާޑާ ދެކޮޅަށް ނުކުންނައިރު، ޒިދާން ބުނީ މީޑިއާގެ ވާހަކަތަކުގެ ސަބަބުން އޭނާ ޕްރެޝަރަށް ނުވެއްޓޭނެ ކަމަށެވެ.
"ކުޅުންތެރިޔެއްގެ ގޮތުގައި ވެސް ރެއާލްގައި އަހަރެން ހުރިއިރު ފާޑުކިޔުން އަމާޒުވި. ކޯޗެއްގެ ގޮތުގައި ވެސް އެކަން ތަޖުރިބާކުރަން ޖެހުމަކީ އަހަންނަށް އުނދަގޫ ކަމެއް ނޫން. މީޑިއާގެ ވާހަކަތަކުގެ ސަބަބުން އަހަރެން ޕްރެޝަރަށް ނުވެއްޓޭނެ. ރެއާލް ކުރީގެ މަގާމަށް ވާސިލްވާނެ،" ޒިދާން ބުންޏެވެ.
މިދިޔަ ހަފްތާގައި ރެއާލް ވަނީ ސްޕެނިޝް ކަޕުން ކަޓައިފަ އެވެ. އެ ޓީމަށް ދެން ބާކީ އޮތީ ސްޕެނިޝް ލީގާއި ޗެމްޕިއަންސް ލީގެވެ. ޒިދާން ބުނީ އަދިވެސް ދެ މުބާރާތް ކާމިޔާބު ކުރެވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ.
"އަހަރެމެންގެ ސީޒަން ގޯސްވާ ހިސާބެއްގައެއް ނޫން އޮތީ. ލީގުގެ އެއް ވަނަ މަގާމުގައި އޮތްއިރު ޗެމްޕިއަންސް ލީގަކީ ވެސް ބޮޑު ޓާގެޓެއް،" ޒިދާން ބުންޏެވެ.
ސްޕެނިޝް ލީގުގެ އެއް ވަނައިގައި ރެއާލް އޮތީ 18 މެޗުން 43 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ސެވިއްޔާ އޮތީ 19 މެޗުން 42 ޕޮއިންޓް ހޯދައިގެންނެވެ. ބާސެލޯނާ ތިން ވަނައިގައި އޮތީ 19 މެޗުން 41 ޕޮއިންޓް ހޯދައިގެންނެވެ.
ލީގުގައި މިރޭ ރެއާލާއި ސޮސިއެޑާޑް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 00:45 ގަ އެވެ.