އިނގިރޭސި ޓީމުގެ ބައްޕައެއްގެ ރޯލު އަދާކުރަނީ ރޫނީ: ހާޓް
އިނގިރޭސި ޓީމުގެ ބައްޕައެއްގެ ރޯލު އަދާކުރަނީ ރޫނީ: ހާޓް

ޕެރިސް (ޖޫން 10) - ފްރާންސްގައި މިއަދު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ އިނގިރޭސި ސްކޮޑުގައި ހިމެނެނީ ގިނައިން ޒުވާން ކުޅުންތެރިން ކަމަށާއި ޓީމުގެ ބައްޕައެއްގެ ރޯލު އަދާކުރަނީ ކެޕްޓަން ވޭން ރޫނީ ކަމަށް އެ ޓީމުގެ ކީޕަރު ޖޯ ހާޓް ބުނެފި އެވެ.

އިނގިރޭސި ސްކޮޑުގައި ހިމެނޭ 23 ކުޅުންތެރިންގެ ތެރެއިން ހަތް ކުޅުންތެރިންނަކީ 23 އަހަރުން ދަށުގެ ކުޅުންތެރިންނެވެ. ޓީމުގައި ހިމެނޭ ސީނިއާ ކުޅުންތެރިންގެ ތެރޭގައި ހާޓް ހިމެނެ އެވެ. ހާޓް ބުނީ ޒުވާން ކުޅުންތެރިންނަށް އެންމެ ބޭނުންވެފައިވަނީ ރޫނީގެ އެހީތެރިކަން ކަމަށެވެ.

"ރޫނީ އަކީ ޓީމުގެ ކެޕްޓަން. ތަޖުރިބާގެ ގޮތުން ބެލިޔަސް މި ޓީމަށް އެންމެ މުހިއްމީ އޭނާ. ޓީމުގެ ބައްޕައެއްގެ ރޯލު އަދާކުރާނެ މީހަކީ ރޫނީ. ގިނަ އަހަރުތަކެއް ވަންދެން އެކި ކުޅުންތެރިންނާ އެކު ރޫނީ ވަނީ ކުޅެފައި. އޭގެ ބޭނުން ހިފައިގެން އޭނާ އަށް ޒުވާން ކުޅުންތެރިންނަށް އެހީތެރިވެވިދާނެ،" ހާޓް ބުންޏެވެ.

އިނގިރޭސިން މި ފަހަރު ޔޫރޯ އަށް ކޮލިފައިވީ 100 އިން ސައްތަ ރެކޯޑަކާ އެކު އެވެ. ކޮލިފައިންގައި ކުޅުނު 10 މެޗުން ވެސް އެ ޓީމު ވަނީ މޮޅުވެފަ އެވެ. ހާޓް ބުނީ އެ ޓީމުގެ ކޯޗު ރޯއީ ހޮޖްސަން އަށް އިތުބާރު އެބައޮތް ކަމަށާއި ކޮލިފައިންގައި ދެއްކި ކުޅުން ތަކުރާރު ކުރެވޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

"ކޮލިފައިންގައި ވެސް އޮތް ޓީމު މިއޮތީ. ވަރަށް ކުޑަ ކުޑަ ބަދަލުތަކެއް އައީ. ކޯޗު (ހޮޖްސަން)ގެ އިރުޝާދުގެ ދަށުން ކޮލިފައިންގައި ދެއްކި ކުޅުން މުބާރާތުގައި ދެއްކިއްޖެނަމަ ރަނގަޅު ކާމިޔާބެއް ލިބުމުގެ ފުރުސަތު އެބައޮތް،" މެންޗެސްޓާ ސިޓީ އަށް ކުޅޭ ހާޓް ބުންޏެވެ.

މި ފަހަރުގެ ޔޫރޯގައި އިނގިރޭސިން އޮތީ ރަޝިއާ އާއި ވޭލްސް އަދި ސްލޮވާކިއާއާ އެކު ގްރޫޕް ބީގަ އެވެ.