ސާފިންގެ ހިދުމަތްތެރިޔާ ޝޭޕަރު އިބުރޭ އަށް ސްޓްރޯކެއް ޖެހިގެން ނިޔާވެއްޖެ
ސާފިންގެ ހިދުމަތްތެރިޔާ ޝޭޕަރު އިބުރޭ އަށް ސްޓްރޯކެއް ޖެހިގެން ނިޔާވެއްޖެ

ރާޅާއަޅާ ކޮމިއުނިޓީ އަށް ގިނަ ހިދުމަތްތަކެއް ކޮށްދިން އިބްރާހިމް އަހުމަދު ޝުކޫރު (ޝޭޕަރު އިބުރޭ) އަށް ސްޓްރޯކެއް ޖެހިގެން ފަރުވާދެމުން އަންނަނިކޮށް އުމުރުން 46 އަހަރުގައި މިއަދު ނިޔާވެއްޖެ އެވެ.

ސާފިންގެ ހިދުމަތްތެރިޔާ ޝޭޕަރު އިބުރޭ އަށް ސްޓްރޯކެއް ޖެހިގެން ނިޔާވެއްޖެ
ސާފިންގެ ހިދުމަތްތެރިޔާ ޝޭޕަރު އިބުރޭ އަށް ސްޓްރޯކެއް ޖެހިގެން ނިޔާވެއްޖެ

އިބުރޭ ނިޔާވީ، މިދިޔަ މަހުގެ 14 ގައި ޖެހުނު ސްޓްރޯކަކާ ގުޅިގެން ސްރީ ލަންކާ އަށް ގެންގޮސް ހޮސްޕިޓަލްގައި ފަރުވާ ދޭތާ ދުވަސް ތަކެއް ފަހުންނެވެ.

ސާފިން އެސޯސިއޭޝަންގެ ތިންވަނަ ދައުރުގައި އިބުރޭ ވަނީ، އެ އެސޯސިއޭޝަންގެ އެކްސްކޯ މެންބަރުކަން ވެސް ކޮށްފަ އެވެ. އިބުރޭއާ ގާތް ގުޅުމެއް ބާއްވާ ސާފިން އެސޯސިއޭޝަންގެ ރައީސް މުހައްމަދު ސޮބާހް (ޗޭ) ވިދާޅުވީ، އިބުރޭ އަކީ ސާފިން ކޮމިއުނިޓީ އަށް ވަރަށް ބޭނުންތެރިން ހިދުމަތްތަކެއް ކޮށްދިން ސާފަރެއް ކަމަށެވެ.

"ރާއްޖޭގައި އެންމެ ފުރަތަމަ ސާފިން ބޯޑް ޝޭޕްކޮށް ދޭން ފެށީ އިބުރޭ. ސާފިން ކޮމިއުނިޓީގެ ވަރަށް ބޮޑު ހިދުމަތްތެރިއެއް. ނަމާދުކޮށް ހަދާ ރަނގަޅު މީހެއް އެއީ،" ސޮބާ ވިދާޅުވި އެވެ.

ސޮބާ ވިދާޅުވިގޮތުގައި "ޝޭޕަރު އިބުރޭ" ގެ ނަމުން މަޝްހޫރުވީ ބޯޑް ޝޭޕް ކޮށްދޭތީ އެވެ.

"ޝޭޕަރު އިބުރޭއޭ ބުނެފިއްޔާ ސާފިން ކޮމިއުނިޓީގެ އެންމެންނަށް އެނގޭނެ އެއީ ކާކުކަން،" ސޮބާ ވިދާޅުވި އެވެ.

އިބުރޭ ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބޭއްވި ގައުމީ ސާފިން މުބާރާތުގައި ވެސް ވާދަކޮށްފަ އެވެ.

""އަޅުގަނޑު ރާޅާ އެޅި އިރު ހުންނާނެ ވަރަށް ގިނައިން އިބުރޭއާ އެކު ރާޅާ އަޅާފައި،" ސޮބާ ވިދާޅުވި އެވެ.

އިބުރޭ ނިޔާވިއިރު، އޭނާގެ އަންބަކާއި ދެ ކުއްޖަކު ދުނިޔޭގައި އެބަތިއްބެވެ.