19 ޖޫން 2023 - 15:49

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގައި ދެމިހުންނަވަނީ، ޑިމޮކްރެޓްސްގެ ނަމުގައި އުފައްދަން މަސައްކަތް ކުރާ އާ ސިޔާސީ ޕާޓީ އާ އެއްކޮށްލުމުގެ ނިޔަތުގައި ކަމަށާއި އެމްޑީޕީ އަތުލާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައި އޮތް މައްސަލާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، އެމްޑީޕީ މިހާރު ހިންގަމުންދަނީ ޒަމާނުއްސުރެ އެމަނިކުފާނު ގަބޫލުކުރައްވަމުން އައި ޑިމޮކްރެޓިކް އުސޫލުތަކާއި ހަމަތަކާ މުޅިން ހިލާފަށް ކަމަށެވެ.
މިގޮތުން، އެމަނިކުފާނަށް ތާއީދުކުރާ މަޖިލީހުގެ 13 މެމްބަރަކު އެމްޑީޕީން ވަކިވެ، ޑިމޮކްރެޓްސްގެ ނަމުގައި އުފައްދަން މަސައްކަތްކުރާ ޕާޓީއަށް ސަރުކާރުން ހުރަސްއަޅަމުންދާ ކަމަށް ތުހުމަތުކުރައްވައި ކަންބޮޑުވުންފާޅު ކުރެއްވި އެވެ.
"އަޅުގަނޑު މިހާރު މި ހުރީ ޕާޓީގައި މި އަމަލުތައް ހިންގާ ކަމަށްވަންޏާ އަޅުގަނޑަށް ވަރަށް އުނދަގޫ އަދި ކިތަންމެ ދުވަހެއްވެފައި ހުރި ނަމަވެސް އެމްޑީޕީގައި އަޅުގަނޑު ހުންނަން. އަޅުގަނޑަށް ވަރަށް އުނދަގޫ. އާދެ އަޅުގަނޑު ވަރަށް ދެރަވޭ، ވަރަށް ދެރަވޭ މި ވާހަކަ ދަންނަވަން،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، އަންނަ ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓު ހޯއްދަވައިގެން ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެ އިންތިހާބު ކާމިޔާބެއް ނުވާނެ އެވެ.
އެއީ ނަޝީދު ވިދާޅުވި ގޮތުން ނަމަ، އިންތިހާބުގައި އެމްޑީޕީއަށް ލިބެންއޮތް ގިނަ އަދަދެއްގެ ވޯޓު، ޑިމޮކްރެޓްސްއިން ހޯދާނެތީ އެވެ. އެއިރުން މިހާރު އެމްޑީޕީގައި އެޅިފައިވާ "ކަސްތަޅުން" މިނިވަންވާނެ ކަމަށް ވިދާޅުވި އެވެ.
އެކަމަކު ތަކުރާރުކޮށް ސުވާލުކުރުމުން ވެސް ޑިމޮކްރެޓްސް އާ ގުޅިވަޑައިގަންނަވާނެ ކަމެއް ނުވަތަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމެއް ވެސް ނަޝީދު ވިދާޅެއް ނުވި އެވެ.
"އަޅުގަނޑު އެމްޑީޕީ ދޫކޮށްނުލާ މި ހުންނަނީ. މި ޕާޓީ ޑިމޮކްރެޓްސްގެ ތެރެއަށް މުޅި އެމްޑީޕީ ގެނައުމުގެ ނިޔަތުގަ،" އެމަނިކުފާނު ވިދާޅުވި އެވެ.
އަދި އެ މަސައްކަތް ސެޕްޓެމްބަރު 9 ގެ ފަހުން ހިނގާނެ ކަމަށް ވެސް ވިދާޅުވި އެވެ.