19 ޖޫން 2023 - 15:24

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލައިގެ ނޯޓިސް ހަމަވުމާ އެކު މުރައިދޫގެއިން ނުކުމެވަޑައިގަންނަވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރައީސް ނަޝީދުގެ މައްޗަށް އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ 54 މެމްބަރަކު ސޮއިކޮށް ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލައިގެ 14 ދުވަހުގެ ނޯޓިސް އަންނަ އާދީއްތަދުވަހު ހަމަވާނެ އެވެ.
މަޖިލީސް ހުއްޓުވާލާފައިވާ މައްސަލާގައި ނަޝީދަށް އަމާޒުކުރާ ފާޑުކިއުންތަކުން މިއަދު ދިފާއުވެވަޑައިގެންނެވިއިރު، މުސާރަ އާއި އިނާޔަތްތައް ނަންގަވައިގެން ދައުލަތުގެ ހަރަދުގައި ހުންނެވި ކަަމަށް އަމިއްލަ ޕާޓީގެ މަޖިލިސް މެމްބަރުން ފާޅުކުރައްވާ ހިތްހަމަނުޖެހުމަށް ވެސް ރައްދު ދެއްވި އެވެ.
އެމްޑީޕީގެ ޕާލިމަންޓޭރިއަނުން އެ ޕާޓީގެ ރައީސާ ގުޅޭ ގޮތުން އެކި ފޯރަމްތަކުގައި މިހާރު ދައްކަވަނީ، ނަޝީދު ވިދާޅުވި ގޮތުގައި، އަހުލާގީ ގޮތުން ރަނގަޅު ވާހަކަތަކެއް ނޫނެވެ.
އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދައުލަތުން ހަމަޖައްސާފައިވާ ގެކޮޅު، "މުރައިދޫ" ގޭގައި ހުންނެވުމުގެ ޝައުގުވެރިކަމެއް އެމަނިކުފާނުގެ ނެތް ކަމަށެވެ. ބޭނުންފުޅު ވަނީ އަމިއްލަގެކޮޅު، ކެނެރީގޭގައި ދިރިއުޅުއްވުމަށް ކަމަށެވެ.
"ދެން ރިޔާސަތުގައި އިނދެގެން އަޅުގަނޑު އިނާޔަތްތައް ނަގާނަންތޯ، އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ނޯޓިސް މުއްދަތު ހަމަވާ ދުވަހު މުރައިދޫގެއިން ނުކުންނާނަން. މުރައިދޫގައި ހުރުން އެއީ އެއްގޮތަކަށް ވެސް އަޅުގަނޑު ކުރާ ހިތްވާ ކަމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެގެ ހުންނަ ގޮތާއި އަނދިރިކަމާއި ހުރިހާ ދިމާލަކުން ލައްޕާހުރި މިންވަރު އެތެރެ ނުފެންނާތީ މީހުންނަށް ނޭނގޭނެ އެވެ.
"އަޅުގަނޑުގެ ސެކިއުރިޓީ ބަލަހައްޓާނެތޯ ނޫންތޯ، ދެން ނުބަލަހައްޓައިގެން މަރާލައިފިއްޔާ ދެން މަރުވެފައި އޮންނާނީ.، މިހާރު ވެސް ކިރިޔާ އަޅުގަނޑު މިހުރީ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ދިރިއުޅުއްވަން މުރައިދޫގެ ހަމަޖެއްސީ އެމަނިކުފާނު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެން ސަލާމަތީ ގޮތުން ބަލަން ޖެހޭ ކަންކަމާ ގުޅިގެންނެވެ.
ދައުލަތުން މީގެ ކުރިން ރަސްމީ ގެކޮޅު ހަމަޖައްސައިދެނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާއަށް އެކަންޏެވެ.
އެކަމަކު ނަޝީދަށް ދިން ހަމަލާއަށް ފަހު ދައުލަތުގެ އިސް ވެރިންގެ ސަލާމަތީ ކަންކަން ވަރުގަދަކުރަން، އުއްތަމަ ފަނޑިޔާރާއި މަޖިލީހުގެ ރައީސަށް ވެސް ރަސްމީ ގެކޮޅު ހަމަޖައްސަން ނިންމައި ގާނޫނުތަކަށް އިސްލާހު ގެނައީ އެވެ. އެ އިސްލާހުގައިވާ ގޮތުން މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ދައުލަތުން ހަމަޖައްސައިދޭ ރަސްމީ ތަންތަނަކީ ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅޭނެ ތަނަކަށް ވާން ޖެހޭނެ އެވެ. އެ ތަންތަނުގެ ސަލާމަތީ ކަންތައްތައް ބަލަހައްޓަން ޖެހޭނީ ސިފައިން ކަމަށާއި މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ދޭންޖެހޭ ރައްކާތެރިކަން ސިފައިން ހަމަޖައްސައިދޭން ޖެހޭ ކަމަށް ގާނޫނުގައިވެ އެވެ.