19 ޖޫން 2023 - 14:26

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ވަކި ގޮތަކަށް ކުރިއަށް ގެންދަން އެއްވެސް ނުފޫޒެއް ނެތް ކަމަށާއި، މަޖިލީހުގެ ރިޔާސަތުގައި އިންނަވަނިކޮށް ގުޅީ ރައްޓެއްސެއް ކަމަށް ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް މިއަދު ވިދާޅުވެއްޖެ އެވެ.
ހައިޖާނު ވަރަށް ބޮޑުވި މަޖިލީހުގެ މިދިޔަ ބުދަ ދުވަހުގެ ޖަލްސާ އަފީފް ނިންމަވާލެއްވީ އައި ފޯނު ކޯލަކަށް ފަހު އެވެ. މައިކު ކަނޑާ ނުލައި ހުރުމުން އޭނާ ފޯނުން ދެއްކެވި ވާހަކަ ވަރަށް ސާފުކޮށް އަޑު އިވުނެވެ.
ފޯނު ނެގި ގޮތަށް ފުރަތަމަ ވެސް އަފީފް ވިދާޅުވީ "އާދެ މި ނިންމާލަނީ" ކަމަށެވެ.
"އާދެ... މި ނިންމާލަނީ. ނިންމާލަން މި އުޅެނީ." އެހެން ވިދާޅުވުމަށް ފަހު އަފީފު ފޯނު ބޭއްވެވި އެވެ.
ޖަލްސާ ނިންމާލައްވަން އިރުޝާދު ދެއްވީ މަޖިލީހުގެ ރިޔާސަތަށް އަރައިވަޑައިގަންނަވަން އުޒުރުވެވަޑައިގެން ހުންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަމަށް އެމްޑީޕީ މެމްބަރުން ގެންދަވަނީ ތުހުމަތުކުރައްވަމުންނެވެ.
އެ ތުހުމަތު މިއަދުގެ ޖަލްސާގައި ވެސް އަމާޒުވުމުން، ރިޔާސަތުގައި އިންނެވި އަފީފް ވަނީ އެ ސުވާލަށް ޖަވާބު ދެއްވައިފަ އެވެ.
"މަޖިލީހުގެ ރައީސެއް ވެސް ރައީސުލްޖުމްހޫރިއްޔާ އެއް ވެސް އަޅުގަނޑަކަށް އެ ދުވަހަކު ނުގުޅުއްވާ. އަޅުގަނޑުގެ އެހެން ރައްޓެއްސަކު ގުޅީމަ ޖަލްސާ މި ނިންމާލަނިއްޔޭ އަޅުގަނޑު ބުނީ،" އަފީފް ވިދާޅުވި އެވެ.
އަފީފް އެހެން ވިދާޅުވި ނަމަވެސް، މަޖިލީހުގެ ތަޅުމުގައި ފޯނު ބޭނުން ކުރުމަކީ މަނާ ކަމެކެވެ.