19 ޖޫން 2023 - 13:36

ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބައްދަލުކުރެއްވީ އަފީފްގެ އެދިވަޑައިގަތުމަކަށް ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ މެންދުރުގެ ކެއުމުގެ ވަގުތަށް މެކަނޑާލެއްވުމަށްފަހު، މަޖިލީހުގެ ރިޔާސަތު މިއަދު ވެސް ބެލެހެއްޓެވި އަފީފް ރައީސް އޮފީހަށް ވަޑައިގަންނަވާ ވީޑިއޯ އެއް ވަނީ އާންމުވެފަ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު "މިހާރު" އަށް ވިދާޅުވީ އަފީފްގެ އެދިވަޑަގަތުމަކަށް ރައީސް އޮފީހުގައި ދެ ބޭފުޅުން ބައްދަލުކުރެއްވި ކަމަށެވެ. ނަމަވެސް، މަޖިލީހުގެ ރިޔާސަތު ވެސް ބަލަހައްޓަވާ މެމްބަރާއި ރައީސްގެ ބައްދަލުވުމާ ގުޅޭ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
ރައީސާ އަފީފް ބައްދަލުކުރައްވާފައިމިވަނީ، މަޖިލީހުގައި އެއްވެސް މަސައްކަތްތަކެއް ނުހިނގާ، މަރުތަޅު އެޅިފައި އޮންނަތާ މަހެއްހާ ދުވަސް ވެފައިވަނިކޮށެވެ.
މަޖިލީހުގެ މަސައްކަތްތައް ހުއްޓުމަކަށް އައީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރަން އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕުން އިސްވެ އިތުބާރުނެތް ކަމުގެ މައްސަލައެއް ހުށަހެޅުމާ ގުޅިގެންނެވެ.
އެ މައްސަލަ މަޖިލީހަށް ވެއްދުމާއެކު، ނަޝީދާއި އީވާ ވަނީ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުވެރިވެވަޑައިގަންނަވާ ކަމަށް މަޖިލީހުގެ އިދާރާއަށް އަންގަވައިފަ އެވެ.
އޭގެ ސަބަބުން އީވާގެ މައްސަލަ ކުރިއަށް ނުގެންދެވި ވަނީ މަޑުޖެހިފަ އެވެ.
ސަބަބަކީ، މަޖިލީހުގެ ރައީސްގެ އިތުބާރުނެތް ކަމުގެ މައްސަލަ އެއްގެ ރިޔާސަތުގައި ބަލަހައްޓަވާނީ މަޖިލީހުގެ ރައީސް ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާތީ އެވެ.
އެ އާއެކު އީވާގެ މައްސަލަ ނިންމައި، މަޖިލީހުގެ އާ ނައިބު ރައީސެއް އިންތިހާބުނުކޮށް ނަޝީދުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ އެވެ. އެއީ، މަޖިލީހުގެ ރައީސް ގެ އިތުބާރުނެތް ކަމުގެ މައްސަލައިގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާތީ އެވެ.
މަޖިލީހުގެ މަސައްކަތްތައް ހުއްޓުވާފައިވަނީ އެ ދެ މައްސަލަ ކުރިއަށް ގެންދިޔަ ނުދޭން ކަމަށް އެމްޑީޕީ މެމްބަރުން ދަނީ ތުހުމަތުކުރަމުންނެވެ.
އޭގެ އަނެއް ކޮޅުން، ނަޝީދަށް ތާއީދުކުރައްވާ މެމްބަރުން ތުހުމަތުކުރައްވާ ގޮތުގައި، މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރުނެތް ކަމުގެ މައްސަލަ އެއްފަހަރާ ހުށަހެޅީ، ސަރުކާރުން ގަސްދުގައި މަޖިލިސް ހުއްޓޭގޮތަށް އިދިކޮޅަށް ސަރުކާރު ޖަވާބުދާރީކުރުމުގެ ފުރުސަތު ގެއްލުވާލާށެވެ.