ސެންޓޭ ނެތްތަން ޓީސީ އަށް ފޫބެއްދޭނެތަ؟
ސެންޓޭ ނެތްތަން ޓީސީ އަށް ފޫބެއްދޭނެތަ؟

މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބަށް ތަފާތު މޮޅު ކުޅުމެއް ދެއްކި އަލީ ފާސިރު (ސެންޓޭ) މި އަހަރު އެ ކްލަބުގައި ނެތަސް، އެތަން ފޫބެއްދޭނެ ކަމަށް ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

ސެންޓޭ ނެތްތަން ޓީސީ އަށް ފޫބެއްދޭނެތަ؟
ސެންޓޭ ނެތްތަން ޓީސީ އަށް ފޫބެއްދޭނެތަ؟

މިދިޔަ އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ސެންޓޭ ހޯދިއިރު، އޭނާ ވަނީ 34 ލަނޑު ޖަހައި ސީޒަނުގެ ރަން ބޫޓު ވެސް ހޯދައިފަ އެވެ. އަދި އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔަކީ ވެސް ސެންޓޭ އެވެ.

ސެންޓޭ ނެތްތަން ޓީސީ އަށް ފޫބެއްދޭނެތަ؟
ސެންޓޭ ނެތްތަން ޓީސީ އަށް ފޫބެއްދޭނެތަ؟

ޓީސީން މިދިޔަ އަހަރު ރާއްޖޭގެ ހުރިހާ މުބާރާތެއްގެ ދެ ވަނަ ހޯދިއިރު، ކޮންމެ މުބާރާތެއްގައި ވެސް ސެންޓޭގެ ވިދުން ގަދަ އެވެ. ލީގުގައި ސެންޓޭ ވަނީ 29 ލަނޑު ޖަހައިފަ އެވެ. އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕްގައި ހަތަރު ލަނޑު ޖެހި އެވެ.

މި އަހަރު ސެންޓޭ ވަނީ އޭނާގެ ކުރީގެ ކްލަބް ނިއު ރޭޑިއަންޓަށް ބަދަލުވެފަ އެވެ. ނިޒާމްބެ "މިހާރަ"ށް ބުނީ ވަކި ކުޅުންތެރިޔަކު ނެތުމަކީ މުޅި ޓީމަށް ލިބޭނެ ގެއްލުމެއްގެ ގޮތުގައި ނުދެކޭ ކަމަށެވެ.

"ޓީސީން ވަކި ކުޅުންތެރިޔަކު ނެތިގެން މާ ބޮޑު ގެއްލުމެއް ދައްކާނެ ކަމަށް ނުދެކެން. ތެދެެއް ސެންޓޭ އަކީ މިދިޔަ ސީޒަނުގައި ޓީސީގެ ސްޓާރަކީ. އޭނާގެ ލަނޑުތަކާ އެކު ޓީސީ އަށް މިދިޔަ ސީޒަނުގެ ހުރިހާ މުބާރާތެއްގެ ދެ ވަނައަށް ދިޔައީ. އެކަމު ސެންޓޭ ނެތިގެން ޓީސީ ހާލުގައި ޖެހޭނެޔެކޭ އަޅުގަނޑު ނުބުނާނަން،" ނިޒާމްބެ ބުންޏެވެ.

އޭނާ ބުނީ ކުޅުންތެރިޔެއް ނެތްތަން ފޫބައްދަން ޓާގެޓް ކޮށްގެން އެތަނަށް އެހެން ކުޅުންތެރިޔަކު ނުގެންނާނެ ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި އެއް ކުޅުންތެރިޔަކު ރިޕްލޭސް ކުރަން ޑައިރެކްޓް ރިޕްލޭސްމަންޓެއް ނުގެނެވޭނެ. އެއީ ވާނެ ކަމެއް ނޫން. ދެން އޮތް ގޮތަކީ ޓީމުގައި ތިބި ކުޅުންތެރިން ބޭނުން ކޮށްގެން އާ ގޭމް ޕްލޭނަކާ ޓެކްޓިކްސްގެ ތެރެއިން ޓީމަށް ފައިދާ ހުރި ގޮތްތަކެއް ހޯދުން. އެއީ ކޯޗެއްގެ ގޮތުގައި އަޅުގަނޑު ގަބޫލުކުރާ އުސޫލަކީ،" ނިޒާމްބެ ބުންޏެވެ.

ސެންޓޭ އަކީ ތަފާތު މޮޅު ކުޅުންތެރިޔެއް ކަމަށާއި ޓީސީން ވިސްނާނީ ދެން ތިބި ކުޅުންތެރިންނަށް ފުރުސަތު ދީގެން ކުރިޔަށް ދިއުމަށް ކަމަށް ނިޒާމްބެ ވަނީ ބުނެފަ އެވެ.

ޓީސީ ފުރަތަމަ ޑިވިޝަނުގައި 2015 ވަނަ އަހަރު ވާދަކުރަން ފެށިއިރުއްސުރެއް އެ ޓީމުން އެންމެ ވިދުންގަދަ އެއް ކުޅުންތެރިޔަކީ އުއްމީދީ ކުޅުންތެރިޔާ ނާއިޒު ހަސަން (ދާދު) އެވެ. ފުރަތަމަ އަހަރު ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ދާދު ވަނީ ގައުމީ ޓީމުން ވެސް ޖާގަ ހޯދައިފަ އެވެ. އެހެން ނަމަވެސް އަނިޔާގެ ސަބަބުން މިދިޔަ އަހަރު ދާދުގެ އެންމެ ރަނގަޅު ކުޅުމެއް ނުދެއްކުނެވެ.

"މިދިޔަ އަހަރަކީ އަޅުގަނޑުމެންގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ދާދު އަށް ވެސް އެންމެ ރަނގަޅު އަހަރެއް ނޫން. އަނިޔާގެ ސަބަބުން ފޯމު ގެއްލުމުގެ ސަބަބުން ދާދު ދަށްކޮށް ދިޔައީ. އެކަމަކު އާ ސީޒަނަށް ކުރިމަތިލާއިރު އަޅުގަނޑަށް ފުރިހަމަ ޔަގީންކަން އެބައޮތް ދާދުގެ ބޮޑު އަހަރަކަށް މި ފަހަރު ވާނެކަމުގެ،" ނިޒާމްބެ ބުންޏެވެ.

އާ ސީޒަނަށް ޓީމު ވަރުގަދަ ކުރަން ޓީސީން ވަނީ އެ ޓީމުގެ ކުރިޔަށް އިތުރު ދެ ކުޅުންތެރިން ގެނެސްފަ އެވެ. އެއީ މިނިވަން ޗެމްޕިއަންޝިޕާއި މިދިޔަ އަހަރުގެ ގައުމީ މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި އިބްރާހިމް މަހުދީ (އިއްބެ) އާއި ސެއިން ވިންސެންޓް ގައުމީ ޓީމުގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް އެވެ.

އިއްބެ އަކީ ފާއިތުވި އަހަރުތަކުގައި ފުރަތަމަ ޑިވިޝަންގެ ކްލަބްތަކުން ގެންނަން ބޭނުންވި ކުޅުންތެރިޔެކެވެ. އެހެން ނަމަވެސް އެ ވަގުތު އޭނާ އެއިން ކްލަބަކާ ގުޅެން ބޭނުމެއް ނުވި އެވެ. މި ފަހަރު ޓީސީ އަށް އޭނާ ސޮއިކޮށްފައިވާއިރު، ޕްރެކްޓިސް މެޗުތަކުގައި ވެސް އޭނާގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިފަ އެވެ.

"ހުނަރަށް ބަލާއިރު އިއްބެ އަކީ ރާއްޖޭގެ ޓޮޕް ކުޅުންތެރިންގެ ތެރޭގައި ވެސް ހިމެނޭ ފެންވަރުގެ ކުޅުންތެރިޔެއް. ދެން އޮތީ މީގެ އެންމެ މުހިއްމު އެއް ކަންތައް ޑިސިޕްލިން ހިފެހެއްޓުމަކީ ކޮންމެ ކުޅުންތެރިޔަކަށް ވެސް މުހިއްމު ކަމެއް. ޑިިސިޕްލިންއާ އެކު ކުޅެފިނަމަ މިއީ އިއްބެ ވިދާލާނެ އަހަރެއް،" ނިޒާމްބެ ބުންޏެވެ.

މިދިޔަ އަހަރުގެ އެއް ވަނަ ކޯޗުގެ މަގާމު ހޯދި މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ޓީސީ މިހާރު ތައްޔާރުވަމުން އަންނަނީ އަންނަ މަހު 18 އިން މާޗް 1 އަށް ބަންގްލަދޭޝްގައި އޮންނަ ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކަޕަށެވެ.