ހަތް ވަނަ މޮޅާ އެކު އިންޓަ ހަތަރު ވަނަ އަށް
ހަތް ވަނަ މޮޅާ އެކު އިންޓަ ހަތަރު ވަނަ އަށް

މިލާން (ޖެނުއަރީ 29) – ޕެސްކާރާ އަތުން 3-0 އިން މޮޅުވެ ޖެހިޖެހިގެން ހަތް ވަނަ މޮޅު ހޯދައި އިޓާލިއަން ލީގުގެ ހަތަރު ވަނަ މަގާމަށް އިންޓަ މިލާން ރޭ އަރައިފި އެވެ.

ސީޒަނުގެ ކުރީކޮޅު ކުރިމަތިވި ދަށް ނަތީޖާތަކާ ގުޅިގެން އިންޓަގެ ކޯޗުކަމުން ފްރޭންކް ޑި ބޮއާ ވަކިކުރުމަށް ފަހު ސްޓެފާނޯ ޕިއޯލީ ހަވާލުވިއިރު އޭނާގެ ކޯޗުކަމުގެ ދަށުން ކުޅުުނު 13 މެޗުގެ ތެރެއިން ބަލިވީ އެންމެ ދެ މެޗުންނެވެ. އަދި އެ ޓީމު ވަނީ އެންމެ ފަހުން ކުޅުނު ހަތް މެޗުން މޮޅުވެފަ އެވެ.

ރޭގެ މޮޅާ އެކު އިންޓަ ހަތަރު ވަނަ އަށް އެރީ 42 ޕޮއިންޓާ އެކު އެވެ. ކުރިން ހަތަރު ވަނައިގައި އޮތް ލާޒިއޯ ވަނީ ރޭ ކިއޭވޯ އަތުން 1-0 އިން ބަލިވުމާ އެކު ފަސް ވަނަ އަށް ވެއްޓިފަ އެވެ. އެއް ވަނައިގައި 48 ޕޮއިންޓާ އެކު ޔުވެންޓަސް އޮތްއިރު ދެ ވަނައިގައި 47 ޕޮއިންޓާ އެކު އޮތީ ރޯމާ އެވެ. ތިން ވަނައިގައި އޮތީ 44 ޕޮއިންޓާ އެކު ނަޕޯލީ އެވެ.

ސެންސީރޯ ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުގެ 23 ވަނަ މިނެޓުގައި އިންޓަ އިން ޕެސްކާރާގެ ގޯލް ހުޅުވާލީ ޑިފެންޑަރު ޑެނީލޯ ޑިއެމްބްރޮސިއޯ ޖެހި ގޯލުންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ދެ ވަނަ ލަނޑު ޖެހީ ޔޮއާ މާރިއޯ އެވެ. އަދި ތިން ވަނަ ލަނޑު 73 ވަނަ މިނެޓުގައި ޖެހީ އެޑާ މާޓިންސް އެވެ.

ލާޒިއޯގެ ދަނޑުގައި އެ ޓީމު އަތުން ކިއޭވޯ 1-0 އިން މޮޅުވިއިރު ލަނޑު ޖެހީ 90 ވަނަ މިނެޓުގައި ރޮބާޓޯ އިންގްލެސް އެވެ.