ލިންކްރޯޑާ އެކު އައްޑޫގެ އެކި ސަރަހައްދުތަކުގައި އިންދަން ކަދުރު ރުއްތައް ހޯދަނީ
ލިންކްރޯޑާ އެކު އައްޑޫގެ އެކި ސަރަހައްދުތަކުގައި އިންދަން ކަދުރު ރުއްތައް ހޯދަނީ

އައްޑޫގެ ލިންކްރޯޑާއި އެެހެން މަގުތަކުގައި އިންދަން 300 ކަދުރު ރުއް ހޯދަން ސިޓީ ކައުންސިލުން އިއުލާންކޮށްފި އެވެ.

އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ ކަދުރު ރުއް ހޯދަނީ އައްޑޫގެ އެކި ސަރަހައްދުތަކުގައި އިންދަން ކަމަށެވެ. ރުއްތަށް ގެންނަން ހުޅުވާލާފައި ވަނީ ކުދި އަދި މެދު ފަންތީގެ ގޮތުގައި ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށެވެ.

ކައުންސިލުން ބުނި ގޮތުގައި ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ ހަތްވަނަ ދުވަހާ ހަމައަށް އޮތީ ހުޅުވާލައިފަ އެވެ. ރަޖިސްޓްރޭޝަނަށް 300ރ. ދައްކަން ޖެހޭނެ ކަމަށް ކައުންސިލުން ބުންޏެވެ.

ބިޑް ސެކިއުރިޓީގެ ގޮތުގައި 16،500ރ. ހުށަހަޅަން ޖެހޭއިރު، ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 90 ދުވަހެވެ.

އައްޑޫގެ ލިންކް ރޯޑުގައި ކަދުރު ރުއްތައް އިންދާއިރު، ލިންކް ރޯޑުގައި ހުރި ރުއްތަކުގެ ސަބަބުން ނުރައްކާތެރި ހާދިސާތައް ހިނގަމުންދާ ކަމަށް ބުނެ އެ މަގުގައި ހުރި 55 ރުއް މިދިޔަ އަހަރު ވަނީ ކަނޑާލައިފަ އެވެ.

އެ ރުއްތައް ކަނޑާލީ އާންމުންގެ ރައްކާތެރި ކަމަށް ކައުންސިލުން ބުނި ނަމަވެސް ސޯޝަލް މީޑިއާގައި އެކަމާ ކަންބޮޑުވުން ފާޅުކުރި ބައެއް މީހުން ވަނީ އެ މަގުގެ ރީތިކަން ގެއްލިއްޖެ ކަމަށް ބުނެ ފާޑުކިޔައިފަ އެވެ.