ދޯނިތައް އަޅާފައި މަސްވެރިން ނިޔަމި ކޯހުގައި
ދޯނިތައް އަޅާފައި މަސްވެރިން ނިޔަމި ކޯހުގައި

ހއ. އަތޮޅުގެ މަސްވެރިންނަށް ހާއްސަކޮށްގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ނިޔަމި ކަމުގެ ކޯހެއް އެ އަތޮޅު އިހަވަންދޫގައި ފަށައިފި އެވެ.

ދޯނިތައް އަޅާފައި މަސްވެރިން ނިޔަމި ކޯހުގައި
ދޯނިތައް އަޅާފައި މަސްވެރިން ނިޔަމި ކޯހުގައި

އެމްއެންޑީއެފުން މުޅިން އަލަށް ކުރިއަށް ގެންދާ އެކޯހަށް، މަސްވެރި އަތޮޅުން 180 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ. އެކަމަކު ޖާގަ ހުރި ގޮތުން، ކޯހަށް ހޮވާފައި ވަނީ 120 މީހުންނެވެ.

އިހަވަންދޫ ކައުންސިލްގެ ނައިބު ރައީސް އަބްދުލްމުއީދު އިބްރާހިމް ވިދާޅުވީ މިއީ އަލަށް އެކުލަވާލާފައި އޮތް ގަވާއިދުގެ ދަށުން މަސްވެރިންނަށް ކަނޑުމަތީގައި އުޅެވޭނީ ނިޔަމި ކަމުގެ ސެޓްފިކެޓެއް އޮވެގެން ކަމަށް ވާތީ އާއި މަސްވެރި ދޯންޏެއް ނަމަ މަދުވެގެން ދެ ފަޅުވެރިއެއްގެ އަތުގައި އެ ސެޓްފިކެޓް އޮންނަން ޖެހޭތީ އެ ފުރުސަތު ފަހިކޮށްދޭން ހިންގާ ކޯހެއް ކަމަށެވެ.

"އެހެންވެ ހުރިހާ މަސްވެރިން ވެސް ބޭނުންވޭ މި ކޯސް ހަދަން. މަސްވެރިކަން ހުއްޓާލާފައި ދޯނިތައް އެ ވަނީ ފަޅަށް ވަދެ،" މުއީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކޯހުގައި އެ އަތޮޅު ހޯރަފުއްޓާއި އިހަވަންދު އާއި ދިއްދޫ އަދި މޮޅަދޫން ވެސް ބައިވެރިވި އެވެ. އެ ކޯހުގައި ކިޔަވައިދެނީ އެމްއެންޑީއެފުގެ ކޯސްޓުގާޑުގެ ސިފައިންނެވެ.

އެމްއެންޑީއެފުން ބުނީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން އެކުލަވާލާފައިވާ ނިޔަމި ކަމުގެ ކޯހުގެ މިންގަނޑަށް ކުރިއަށް ގެންދާ ކޯހުގައި މައިގަނޑު ހަތަރު ބައެއް ކިޔަވައިދޭނެ ކަމަށެވެ. އޭގެތެރޭގައި ނެވިގޭޝަނާއި ސޭފްޓީ އާއި ކޮމިއުނިކޭޝަން އަދި ރެގިއުލޭޝަން ހިމެނޭނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.