ފުއްގިރި ޝަރީއަތް ކްރިކް ރިޒާ ބަލިވެ އުޅޭތީ ކެންސަލް
ފުއްގިރި ޝަރީއަތް ކްރިކް ރިޒާ ބަލިވެ އުޅޭތީ ކެންސަލް

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ރިޝްވަތު ދިނުމާއި ރިޝްވަތު ގަބޫލުކުރުމާއި އެ ފައިސާ ލޯންޑާކުރި ކަމުގެ ތުހުމަތުގައި އުފުލާފައިވާ ދައުވާތަކުގައި މިއަދަށް ތާވަލްކުރި ޝަރީއަތް ކެންސަލްކޮށްފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ހެނދުނު 9:00 އަށް ތާވަލްކުރި އަޑުއެހުން ކެންސަލްކުރީ އެ ކޯޓުން ބުނި ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އެކު ދައުވާ ލިބޭ އަހްމަދު ކްރިކް ރިޒާ ބަލިވެ އުޅޭތީ އެވެ.

މި މައްސަލާގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ދައުވާ އަދި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން އެ ފައިސާ ލޯންޑާކުރި ކަމުގެ ދައުވާ ކުރެ އެވެ.

މިއަދާއި މާދަމާ އަށް ތާވަލްކޮށްފައި އޮތީ މި ޝަރީއަތުގައި ދައުލަތުން ހުށަހަޅާފައިވާ ހެކިން ހާޒިރު ކުރުމެވެ. މިއަދު ދެ ހެކިން ހާޒިރުކުރަން ހަމަޖައްސާފައި ވާއިރު މާދަމާ ވެސް ދެ ހެކިން ހާޒިރުކުރަން ވަނީ ނިންމައިފަ އެވެ.

މި ޝަރީއަތް އަވަސް އަވަހަށް އަދި ގިނަ ވަގުތު ހޭދަވާ ގޮތަށް ކުރިއަށް ގެންދާތީ ޔާމީންގެ ފަރާތުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އަދި މި ޝަރީއަތުގެ ސަބަބުން، ޔާމީން މިހާރު ތަންފީޒުކުރަމުން ގެންދާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފްގެ ޝަރީއަތް ލަސްވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.