19 ޖޫން 2023 - 09:17

ހަފްތާއަކު ހަތަރު ދުވަހު އޮފީހަށް ނުކުމެ މަސައްކަތް ކުރުމުން ނެރެވޭ ނަތީޖާ ތަޖުރިބާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުން އަންނަ ހަފްތާގެ އާދީއްތަދުވަހުން ފެށިގެން އެ ގޮތަށް އަމަލުކުރަން ނިންމައިފި އެވެ.
ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިގޮތަށް ކަނޑައަޅުއްވައި މިހާރު ހަމަޖައްސާފައި ވަނީ އަންނަ ހަފްތާއިން ފެށިގެން އޮގަސްޓް މަހުގެ ހަތަރު ވަނަ ދުވަހާ ހަމަޔަށް ހަފްތާއަކު ހަތަރު ދުވަހު ޕީޖީ އޮފީހުގެ މުވައްޒަފުން އޮފީހަށް ނުކުމެ މަސައްކަތްކުރާ ގޮތަށެވެ.
މިގޮތަށް ހަމަޖެއްސިޔަސް ހަފްތާގެ ރަސްމީ ފަސް ދުވަހު ވެސް ޕީޖީ އޮފީހުގެ ރަސްމީ މަސައްކަތް މިހާރު ވެސް ލިބޭ އުސޫލުން ލިބެމުންދާނެ އެވެ. މި އިންތިޒާމު ހަމަޖެއްސުމަށް؛
- ހަފްތާގެ ފަސް ދުވަހުގެ ތެރެއިން އެއް ދުވަހު މުވައްޒަފު އޮފީހަށް ނުކުމެ މަސައްކަތް ކުރަން ނުޖެހޭ ގޮތަށް ހަމަޖައްސާނެ.
- މިގޮތަށް އޮފީހަށް ނުކުމެ މަސައްކަތް ނުކުރާ ދުވަސް އޮފީހުގެ މަސައްކަތްތަކަށް ހުރަސް ނޭޅޭ ގޮތަށް މުވައްޒަފުންގެ މެދުގައި ބަހާލާނެ.
- ގޭގައި މަސައްކަތްކުރާ ދުވަސްތަކުގައި ވެސް ޕްރޮސިކިއުޓަރުން ކޯޓަށް ދާން ޖެހުން ފަދަ، އޮފީހަށް ނުކުމެ މަސައްކަތްކުރަންޖެހޭ ފަދަ މަސައްކަތެއް އޮތް ނަމަ އޮފީހަށް ނުކުމެ މަސައްކަތް ކުރާނެ. އެހެން ދިމާވާ ދުވަހަކު އޮފީހަށް ނުކުމެ އެ ކުރަން ޖެހުނު މަސައްކަތެއް ކުރުމުން މަސައްކަތް ފުރިހަމަވީ ކަމުގައި ބަލާނެ އަދި ގަޑި ނުޖެހޭ ދުވަހެއް ގޮތުގައި ވެސް ބަލާނެ.
- މި މުއްދަތުގައި މުވައްޒަފު ސަލާމް ނުވަތަ އާއިލީ ޒިންމާގެ ޗުއްޓީއެއް ނެގިޔަސް ޖެހިގެން އަންނަ ހަފްތާގައި އާންމު އުސޫލުން ފަސް ދުވަހު އޮފީހަށް ނުކުމެ މަސައްކަތްކުރަން ޖެހޭނެ.
ހަފްތާއަކު ހަތަރު ދުވަހު އޮފީހަށް ނުކުމެ މަސައްކަތްކުރުމުގެ ނަތީޖާ ތަޖުރިބާ ކުރުމުގެ މުއްދަތުގައި ހުރިހާ މުވައްޒަފުންގެ ވެސް ޕާފޯމަންސް ބަލަމުން ގެންދާނެ އެވެ. މަސައްކަތު ހަތަރު ދުވަހުގެ ގޮތުގައި ދާއިމީކޮށް ހަމަޖައްސާނީ ނަތީޖާ ރަނގަޅު ނަމަ އެވެ. އެހެން ނޫން ނަމަ ހަމަ އާންމު އުސޫލުން ހަފްތާއަކު ފަސް ދުވަހު ވެސް އޮފީހަށް ނުކުމެ މަސައްކަތްކުރަން ފަށާނެ އެވެ.
މިދިޔަ ރޯދަމަހު ވެސް ޕީޖީ އޮފީހުން މަސައްކަތްކުރީ ހަފްތާއަކު ހަތަރު ދުވަހު އޮފީހަށް ނުކުމެގެންނެވެ. އެ އޮފީހުން ބުނީ އެއީ މިގޮތަށް މަސައްކަތްކުރުމުގެ ތަޖުރިބާގެ ފުރަތަމަ މަރުހަލާ ކަމަށާއި އެ ތަޖުރިބާގެ ނަތީޖާ ރަނގަޅު ކަމަށެވެ.