އީސީގެ ރައީސް ނުފޫޒެއްގެ ދަށުގައި ހުންނެވި ކަމަށް ބައެއް މެމްބަރުން ތުހުމަތުކުރައްވައިފި
އީސީގެ ރައީސް ނުފޫޒެއްގެ ދަށުގައި ހުންނެވި ކަމަށް ބައެއް މެމްބަރުން ތުހުމަތުކުރައްވައިފި

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މަސައްކަތްކުރައްވަނީ ވަކި ބައެއްގެ ނުފޫޒުގެ ދަށުގައި ކަމަށް އެ ކޮމިޝަންގެ ދެ މެމްބަރަކު ތުހުމަތުކުރައްވައިފި އެވެ.

އީސީގެ ރައީސް ނުފޫޒެއްގެ ދަށުގައި ހުންނެވި ކަމަށް ބައެއް މެމްބަރުން ތުހުމަތުކުރައްވައިފި
އީސީގެ ރައީސް ނުފޫޒެއްގެ ދަށުގައި ހުންނެވި ކަމަށް ބައެއް މެމްބަރުން ތުހުމަތުކުރައްވައިފި

ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ނުދީގެން، މިއަދު އެ ހަރަކާތުގެ ބައިވެރިން އިލެކްޝަންސް ކޮމިޝަނަށް ދިއުމުން އީސީގެ މެމްބަރުން ބޭއްވި ބައްދަލުވުމަށް ފަހު ފުއާދު ވިދާޅުވީ އެ ހުއްދަ ދިނުމާ ދެ މެމްބަރަކު ދެކޮޅު ހައްދަވާ ކަމަށެވެ. އެއީ ކޮމިޝަނަރު އަލީ ނަޝާތު އާއި މުހައްމަދު އާސިފު ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.

ފުއާދު ވިދާޅުވި ގޮތުގައި، ޕާޓީ އުފައްދަން ހުއްދަ ނުދޭ ސަބަބަކީ "އެ ބޭފުޅުން ބޭނުންވާ ފެކްޓުތަކެއް ޗެކުކޮށް ނުނިމޭތީ" އެވެ. އަދި ފުއާދު މަސައްކަތް ކުރައްވަނީ ވަކި ބައެއްގެ ނުފޫޒުގެ ދަށުން ކަމަށް، ދެކޮޅަށް ވޯޓު ދެއްވި މެމްބަރުން އެ ބައްދަލުވުމުގައި ތުހުމަތުކުރެއްވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އޭގެ އިތުރަށް އެ ބޭފުޅުން ތުހުމަތުކުރައްވަނީ އަޅުގަނޑު މި މަސައްކަތް ކުރަނީ ނުފޫޒެއްގެ ދަށުގައި ކަމަށް، އެހެންވީމަ އެ ބޭފުޅުން ބޭނުންވަނީ އަދިވެސް އިތުރަށް ޗެކު ކުރަން ކަމަށް،" ފުއާދު ވިދާޅުވި އެވެ.

އެއީ ޑިމޮކްރެޓްސް އުފެއްދުމަށް ކުރާ މަސައްކަތުގައި ފުއާދު ތަފާތުކޮށް އަމަލުކުރައްވާ ކަމުގެ ތުހުމަތާ އެކުގަ އެވެ.

އީސީގެ މިއަދު ބައްދަލުވުމުގައި ފުއާދު އާއި އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވޯޓު ދެއްވީ ޑިމޮކްރެޓްސް ރަޖިސްޓްރީކުރަން ހުއްދަ ދޭން ފެންނަ ކަމަށެވެ.

އިލެކްޝަންގެ މެމްބަރުންގެ ތެރޭގައި ދެން ހިމެނިވަޑައިގަންނަވާ ކޮމިޝަނަރު މުހައްމަދު ޒާހިރު މި ވަގުތު ހުންނެވީ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް މައްކާގަ އެވެ.

ޑިމޮކްރެޓްސް އިން ތުހުމަތުކުރާ ގޮތުގައި ނަޝާތު އާއި އާސިފު އުޅުއްވަނީ އެ ޕާޓީ ރަޖިސްޓްރީ ވިޔަ ނުދިނުމަށެވެ.

އީސީން ކުރިން ވެސް ބުނެފައިވާ ގޮތުގައި، ޑިމޮކްރެޓްސް އިން ހުށަހެޅި މެމްބަރުންގެ ފޯމުތައް ޕްރޮސެސްކޮށް ނިމުމުން ޕާޓީ ރަޖިސްޓްރީ ކޮށްދޭނެ އެވެ. އަދި އެކަމަށް 3-4 މަސް ހޭދަވާނެ ކަމަށް އެ ކޮމިޝަނުން ބުނެފައިވެ އެވެ.

މިދިޔަ މަހު 24 ގައި ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދިނުމާ އެކު އެ ޕާޓީ ރަޖިސްޓްރީ ކުރަން 3،560 ފޯމު މި މަހުގެ ފުރަތަމަ ދުވަހު އީސީއަށް ވަނީ ހުށަހަޅައިފަ އެވެ.