29 ޖެނުއަރީ 2017 - 10:35

މެންޗެސްޓާ (ޖެނުއަރީ 29) - އެލެކްސް ފާގަސަން އަށް ފަހު މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވަން އެންމެ އެކަށީގެންވާ ކޯޗަކީ މިހާރު އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ކަމަށް ޓީމުގެ ކެޕްޓަން ވޭން ރޫނީ ބުނެފި އެވެ.
ފާގަސަން 2013 ވަނަ އަހަރު ރިޓަޔަކުރުމުން ޔުނައިޓެޑުގެ ކޯޗުކަމާ ދެން ހަވާލުވީ ޑޭވިޑް މޮއިސް އެވެ. މަގާމާ ހަވާލުވިތާ އަހަރެން ނުވަނީސް މޮއިސް ވަކިކުރިއިރު، ދެން ޖެހިގެން އައި ސީޒަނުގައި އެ ޓީމުގެ ކޯޗަކަށް ހަމަޖެއްސީ ނެދަލެންޑްސްގެ ލުއީ ވެން ހާލް އެވެ. މިދިޔަ ސީޒަނަށް ފަހު ވެން ހާލް މަގާމުން ދުރުކޮށް މޮރީނިއޯ ގެނައީ މި ސީޒަން ފެށުމުގެ ކުރިންނެވެ.
"ޔުނައިޓެޑުގައި ފާގަސަން ހޭދަކުރި 26 އަހަރު އޭނާ ވަނީ މި ކްލަބްގައި ރަނގަޅު ސިސްޓަމެއް ގާއިމްކޮށްފައި. އެކަމަކު މިދިޔަ ހަތަރު ވަރަކަށް އަހަރު ޔުނައިޓެޑް އޮތީ ގޯސް ފައްތަރެއްގައި. އެކަމު މިހާރު ޓީމަށް ލިބިފައި ހުރީ އެކަށީގެންވާ މޮޅު ކޯޗެއް،" ސްކައި ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ރޫނީ ބުންޏެވެ.
އޭނާ ބުނީ ބޭނުންވަނީ ޔުނައިޓެޑުގައި އިތުރު އަހަރުތަކެއް ވަންދެން މަޑުކުރަން ބޭނުންވާ ކަމަށާއި އިތުރު ކާމިޔާބީ ހޯދަން ބޭނުންވާ ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހަލް ސިޓީ އަތުން ދެ ވަނަ ލެގުގައި ބަލިވި ނަމަވެސް ޔުނައިޓެޑް ވަނީ ލީގު ކަޕް ފައިނަލުން ޖާގަ ހޯދައިފަ އެވެ. އެފްއޭ ކަޕް ހަތަރު ވަނަ ބުރުގައި މިރޭ ޔުނައިޓެޑް އަމިއްލަ ދަނޑުގައި ކުޅޭނީ ވިގަން އެތުލެޓިކާ އެވެ.
ވިގަންއާ ދެކޮޅަށް އެންމެ ފަހުން ކުޅުނު 15 މެޗުގައި ރޫނީ ވަނީ 10 ލަނޑު ޖަހައިފަ އެވެ. ޔުނައިޓެޑާއި ވިގަން ވަނީ މީގެ ކުރިން 18 ފަހަރު ބައްދަލުކޮށްފަ އެވެ. އޭގެ ތެރެއިން 17 މެޗުން ޔުނައިޓެޑް މޮޅުވިއިރު، ވިގަން އަށް ހޯދުނީ އެންމެ މޮޅެކެވެ.
މިރޭގެ މެޗުގައި ޔުނައިޓެޑުގެ ކޯޗު ވަނީ ފާއިތުވި މެޗުތަކުގައި ޓީމުން ފުރުސަތު ނުލިބި ތިބި ކުޅުންތެރިންނަށް ފުރުސަތު ދޭން ނިންމައިފަ އެވެ. އޭގެ ތެރޭގައި ކީޕަރު ސާޖިއޯ ރޮމޭރޯ އާއި ފޯވާޑް އެންތަނީ މާޝިއަލް އަދި ދާދި ފަހުން އަނިޔާ އިން ރަނގަޅުވި ޑިފެންޑަރު ލޫކް ޝޯ ހިމެނެ އެވެ.
ޔުނައިޓެޑާއި ވިގަން ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން މިރޭ 9 ޖަހާއިރު އެވެ.