18 ޖޫން 2023 - 14:48

ބީއެމްއެލްއިން ދޭ ސްޓާޓްއަޕް ގްރާންޓަށް އަންނަ މަހުގެ 2 ގެ ނިޔަލަށް ކުރިމަތިލެވޭނެ ކަމަށް ބީއެމްއެލްއިން ބުނެފި އެވެ.
ބީއެމްއެލްގެ ސްޓާޓްއަޕް ގްރާންޓަކީ އަލަށް ވިޔަފާރިއެއް ފަށަން މަސައްކަތްކުރާ ފަރާތްތަކާއި ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށް ބީއެމްއެލްއިން ދޭ ހިލޭ އެހީ އެކެވެ.
ބީއެމްއެލްއިން ބުނި ގޮތުގައި މި ގްރާންޓަކީ އާއްމު ފަރާތްތަކާއި އެއް އަހަރު ނުވާ ވިޔަފާރިތައް ކުރިއެރުވުުގެ ގޮތުން ބެންކުން ދޭ އެހީއެކެވެ.
މި ފަހަރުގެ ސްޓާޓް އަޕް ގްރާންޓު ދޭނީ ދެ ވިޔަފާރިއަކަށެވެ. ގްރާންޓަށް ހޮވޭ ކޮންމެ ވިޔަފާރިއަކަށް ވެސް 500،000ރ. ގެ މާލީ އެހީ ލިބޭނެ އެވެ. އަދި ވިޔަފާރި ފަށައިގަތުމަށް ބޭނުންވާ ފައިނޭންޝަލް އެޑްވައިޒް ވެސް ބީއެމްއެލްއިން ދޭނެ އެވެ.
ހިލޭ އެހީ ލިބޭ ފަރާތް ހޮވުމަށް ހަމަޖެހިފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެން ކުރިއަށްގެންދެވޭ އިވެލުއޭޝަންތަކަށް ފަހުގަ އެވެ. ފުރަތަމަ މަރުހަލާގައި ބިޒްނަސް ޕްލޭންތައް އިވެލުއޭޓް ކުރުމަށް ފަހު އެންމެ ފާހަގަކޮށްލެވޭ 10 ފަރާތް ހޮވާ ޝޯޓުލިސްޓް ކުރުމަށް ފަހު، ދެވަނަ މަރުހަލާގައި ޝޯޓްލިސްޓްވި ފަރާތްތަކުން އެ ފަރާތްތަކުގެ ވިޔަފާރިއާ ގުޅޭ ޕްރެޒެންޓޭޝަނެއް ހުށަހެޅުމުގެ ފުރުސަތު ދޭނެ އެވެ. ގްރާންޓު ދޭ ކުންފުނި ހޮވާނީ މި ދެ މަރުހަލާއަށް ބެލުމަށް ފަހު އެވެ.
ބީއެމްއެލް އިން ސްޓާޓަޕް ގްރާންޓް ތައާރަފްކޮށްފައިވަނީ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގި މުޖުތަމައުއަށް ފައިދާހުރި 12 ހަރަކާތުގެ ތެރެއިންނެވެ. ބީއެމްއެލް އިން ވަނީ މިދިޔަ އަހަރު 4 ވިޔަފާރިއަކަށް މި ގްރާންޓުން އެހީދީފަ އެވެ.