ޔޫޓިއުބް ތަރި އައިޝޯސްޕީޑް އެންމެ ފަހުން ރޮނާލްޑޯއާ ބައްދަލު ކޮށްފި
ޔޫޓިއުބް ތަރި އައިޝޯސްޕީޑް އެންމެ ފަހުން ރޮނާލްޑޯއާ ބައްދަލު ކޮށްފި

ލިޒްބަން (ޖޫން 18) - ދިގު އިންތިޒާރަކަށް ފަހު ޔޫޓިއުބް ތަރި އައިޝޯސްޕީޑް އެންމެ ފަހުން އޭނާގެ އެންމެ މަގުބޫލް ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯއާ ބައްދަލު ކޮށްފި އެވެ.

ޔޫޓިއުބް ސްޓްރީމާ ސްޕީޑް، ވަނީ ފާއިތުވި އަހަރު ތެރޭ ރޮނާލްޑޯއާ ބައްދަލު ކުރުމުގެ އުންމީދުގައި ރޮނާލްޑޯގެ ޓީމު ކުޅުނު ގިނަ މެޗުތަކަކަށް ގޮސްފަ އެވެ. އޭގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑާއި، މިދިޔަ އަހަރުގެ ގަތަރުގައި އޮތް ވޯލްޑް ކަޕްގައި ޕޯޗުގަލް ކުޅުނު މެޗުތަކުގެ އިތުރުން މިހާރު ރޮނާލްޑޯ ކުޅޭ ސައުދީ އަރަބިއްޔާގެ އައް ނަސްރުގެ މެޗުތައް ވެސް ހިމެނެ އެވެ.

ސްޕީޑް، އެންމެ ފަހުން ރޮނާލްޑޯއާ ބައްދަލުވީ ރޭ ޕޯޗުގަލް އިން އަމިއްލަ ފަސްގަނޑުގައި ބޮސްނިއާ އާ ދެކޮޅަށް ކުޅުނު ޔޫރޯ ކޮލިފައިން މެޗަށް ފަހު އެވެ. އެ މެޗު ބަލަން ސްޕީޑް ވަނީ ދަނޑަށް ވެސް ގޮސްފަ އެވެ.

ރޭގެ މެޗަށް ފަހު ސްޕީޑް އަށް ރޮނާލްޑޯއާ ބައްދަލު ކުރުމުގެ ފުރުސަތު ތަނަވަސް ކޮށްދިނީ، ޕޯޗުގަލް ގައުމީ ޓީމަށް ކުޅޭ އޭސީ މިލާންގެ ޒުވާން ފޯވާޑް ރަފައެލް ލެއާއޯ އެވެ. ލެއާއޯ ވަނީ މީގެ ކުރިން ސްޕީޑްގެ ލައިވް ސްޓްރީމްތަކުން ފެނިފަ އެވެ.

މެޗަށް ފަހު ދަނޑު ބޭރުގައި ސްޕީޑް ހުއްޓައި ލެއާއޯ ވަނީ އޭނާ އިން ކާރު ހުއްޓައި ސްޕީޑް އާ ބައްދަލު ކޮށްފަ އެވެ. އަދި ރޮނާލްޑޯގެ ކާރު އަންނަންދެން އޭނާ، ސްޕީޑް އާއެކު ބޭރުގައި މަޑުކުރި އެވެ.

ރޮނާލްޑޯ ކާރުން ފައިބައިގެން އައުމާ އެކު ސްޕީޑް ވަނީ ވަރަށް ބޮޑަށް ޖަޒުބާތުގައި ޖެހި، އޭނާ އަކީ އަބަދުވެސް ރޮނާލްޑޯގެ ސަޕޯޓަރެއް ކަމަށް އޭނާ ގާތުގައި ބުނެފަ އެވެ. އަދި ރޮނާލްޑޯއާ އެކު އޭނާގެ ސިގްނޭޗާ "ސިއު" ސެލްބްރޭޝަން ވެސް ހެދި އެވެ.

ބޮސްނިއާ އަތުން 3-0 އިން ޕޯޗުގަލް މޮޅުވި މެޗުގައި ރޮނާލްޑޯ ވަނީ 90 މިނިޓު ފުރިހަމަ ކޮށްފަ އެވެ. އެކަމަކު އޭނާ އަށް ގޯލެއް ޖެހޭގޮތެއް ނުވި އެވެ. އެހެން ނަމަވެސް ރޮނާލްޑޯ، 38، އަކީ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީ، އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އޮންނަ ކުޅުންތެރިޔާ އެވެ.

ރޭގެ މެޗަކީ ރޮނާލްޑޯ ގައުމީ ޓީމަށްކުޅެދިން 199 ވަނަ މެޗެވެ. އޭނާ ވަނީ ގައުމީ ޓީމަށް މިހާތަނަށް 122 ގޯލު ޖަހައިފަ އެވެ.