އެލައިޑުގެ ކޮމިއުނިޓީ ފަންޑާއި އެޑިއުކޭޝަން ފަންޑަށް ހުޅުވާލައިފި
އެލައިޑުގެ ކޮމިއުނިޓީ ފަންޑާއި އެޑިއުކޭޝަން ފަންޑަށް ހުޅުވާލައިފި

އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިޖްތިމާއީ ޒިންމާ "ޕްރިމިއަމް ފޯ ގުޑް" ގެ ދަށުން ތައާރަފްކޮށްފައިވާ ކޮމިއުނިޓީ ފަންޑާއި އެޑިއުކޭޝަން ފަންޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ކޮމިއުނިޓީ ފަންޑާއި އެޑިއުކޭޝަން ފަންޑަށް އެދި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އޮގަސްޓު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެލައިޑުގެ ކޮމިއުނިޓީ ފަންޑަކީ މުޖުތަމައަށް ނަފާކުރާނެ ޕްރޮޖެކްޓުތައް އަތޮޅުތަކުގެ ޖަމިއްޔާތަކުން ހިންގުމަށް ދޭ އެހީއެކެވެ. އެ އެހީ ދިނުމުގައި ބަލާ ހަ ދާއިރާގެ ތެރޭގައި ހިމެނެނީ ސިއްހީ ދުޅަހެޔޮކަމާއި އިޖުތިމާއީ ހިދުމަތްތަކާއި ތިމާވެށި ރައްކާތެރިކުރުމާއި އަންހެނުންނާއި ކުޑަކުދިންގެ ހައްގުތަކާއި ތައުލީމާއި ތާރީހާއި ގުޅުން ހުރި ދާއިރާތަކެވެ. ކޮމިއުނިޓީ ފަންޑަށް އެދި ހުށަހަޅާ ޕްރޮޕޯޒަލްތަކަކީ އެ ދާއިރާތަކަށް ފެތޭ ޕްރޮޕޯޒަލްތަކަކަށް ވާން ޖެހޭނެ އެވެ.

އެލައިޑުން ބުނި ގޮތުގައި ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯޒަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ހަތަރު ޕްރޮޕޯޒަލްއަކަށް 50،000ރ. ގެ ފައިސާގެ އެހީ ލިބޭނެ އެވެ.

އެލައިޑުގެ އެޑިއުކޭޝަން ފަންޑަކީ ތައުލީމީ ނިޒާމް ހަރުދަނާ ކުރުމަށްޓަކައި، ދަރިވަރުންނާއި ޓީޗަރުންނަށް މަންފާކުރުވަނިވި ޕްރޮޖެކްޓުތައް ހިންގުމަށް ދޭ އެހީއެެކެވެ. އެޑިއުކޭޝަން ފަންޑަށް ހުށަހަޅާ އެންމެ މޮޅު އަށް ޕްރޮޕޯޒަލްއަކަށް 25،000ރ. ގެ އެހީ ދޭނެ ކަމަށް އެލައިޑުން ބުންޏެވެ.

އެލައިޑުން ބުނި ގޮތުގައި މި ފަދަ އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގެ މުޖުތަމައުތަކުގައި ފާހަގަވެފައި ހުރި ކަންތައްތައް ރަނގަޅުކުރުމަށް މާލީގޮތުން ކުރިމަތިވާ ހުރަސްތަކުން އަރައިގަތުމަށް އެހީތެރިވުމެވެ. އެލައިޑުން ބުނީ މި ޕްރޮގުރާމު މެދުވެރިކޮށް ބާރުވެރި ރައްޔިތުންތަކެއް އުފެދި ދުޅަހެޔޮ މުޖްތަމައުތަކެއް ބިނާވާން ފަށާފައިވާ ކަމަށާއި އެ ކަމުގެ ސަބަބުން މި ޕްރޮގުރާމު ކުރިއަށް ގެންދިއުމަށް އިތުރަށް ހިތްވަރު ލިބިފައިވާ ކަމަށެވެ.

އެލައިޑުގެ އިޖްތިމާއީ ޒިންމާގެ ދަށުން ޕްރޮގުރާމުތައް ހިންގުމަށް ޕްރިމިއަމް ފޯ ގުޑް ތައާރަފް ކުރީ 2018 ވަނަ އަހަރު އެވެ.