އާ ކޯޑް އޮފް ކޮންޑަކްޓުން ވެސް ސިޔާސީ ކަންކަމުގައި އުޅެން ހުއްދައެއް ނުކުރޭ: ޑީޖޭއޭ
އާ ކޯޑް އޮފް ކޮންޑަކްޓުން ވެސް ސިޔާސީ ކަންކަމުގައި އުޅެން ހުއްދައެއް ނުކުރޭ: ޑީޖޭއޭ

ޝަރުއީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން އަމަލުކުރުމަށް އަލަށް އެކުލަވައިލި ކޯޑް އޮފް ކޮންޑަކްޓުގެ ދަށުން ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވާން ފުރުސަތު ނުލިބޭ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފި އެވެ.

އަލަށް އެކުލަވައިލި ކޯޑް އޮފް ކޮންޑަކްޓަށް އަމަލު ކުރަން ފެށުމާ އެކު ޝަރުއީ ދާއިރާގެ މުވައްޒަފުން އަމަލު ކުރަމުން އަންނަ 2011 ވަނަ އަހަރުގެ ގަވައިދުގައި އެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވުން މަނާކުރާ ބާބު ވަނީ އުވާލައިފަ އެވެ. އެހެންވެ ޖުޑީޝަރީގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި އުޅުން ހުއްދަކުރީ ކަމަށް މީޑިއާގައި ވަނީ ރިޕޯޓްކޮށްފަ އެވެ.

ޝަރުއީ ދާއިރާގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި އުޅުމުގެ ފުރުސަތު ފުޅާވި ކަމަށް މީޑިއާތަކުން ރިޕޯޓު ކުރުމާ ގުޅިގެން ޑީޖޭއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ދާއިރާގެ މުވައްޒަފުންނަކީ ސިޔާސީ ކަންކަމުން އެއްކިބާވެ ތިބެންޖެހޭ ބައެއް ކަމަށާއި އާ ކޯޑް އޮފް ކޮންޑަކްޓުން އެކަން ބަދަލުނުވާ ކަމަށެވެ.

ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުމާއި ޕާޓީއެއްގެ އެތެރޭގެ އިންތިހާބުތަކުގައި ވޯޓުލުމަކީ ގަވައިދުން އުވާލި ބާބުގައި މަނާކޮށްފައިވާ ކަމެއް ނޫން ކަމަށް ޑީޖޭއޭ އިން ބުންޏެވެ.

ޝަރުއީ ދާއިރާގެ މުވައްޒަފުންގެ "އިމްޕާޝިއަލިޓީ" އާ ބެހޭ ގޮތުން ސުވާލު އުފެދިދާނެ އެއްވެސް ކަމެއް ކުރުން އާ ކޯޑް އޮފް ކޮންޑަކްޓުން މަނާވާނެ ކަމަށާއި އޭގެ ތެރޭގައި ސިޔާސީ ކަންކަމާއި އެ ނޫން ވެސް އިޖްތިމާއީ ހަރަކާތްތައް ހިމެނޭ ކަމަށް ޑީޖޭއޭ އިން ބުންޏެވެ.

ޑީޖޭއޭ އިން ބުނީ އާ ކޯޑް އޮފް ކޮންޑަކްޓުގެ މަގްސަދަކީ ޝަރުއީ ދާއިރާއަށް އާންމުން ކުރާ އިތުބާރާއި އިހްތިރާމް ދެމެހެއްޓުން ކަމަށާއި މިހާރު އަމަލުކުރަމުން އައި 2011 ވަނަ އަހަރުގެ ގަވައިދުން ދިމާވާ އެތައް ކަމަކަށް ހައްލު ލިބިފައިވާ ކަމަށެވެ.