ޓްރަމްޕް ކުރެއްވި އަމުރުގެ ބައިތަކެއް ކޯޓުން ހުއްޓުވައިފި
ޓްރަމްޕް ކުރެއްވި އަމުރުގެ ބައިތަކެއް ކޯޓުން ހުއްޓުވައިފި

ވޮޝިންޓަން (ޖެނުއަރީ 29) - އެމެރިކާ އަށް ރެފިއުޖީން އެތެރެވުން މަނާކުރި އަމުރުގެ ދަށުން އިއްޔެ އެތެރެވި ބައެއް މީހުން ހުއްޓުވާފައިވާތީ އެ މީހުން ދޫކޮށްލުމަށް ކޯޓު އަމުރެއް ނެރެފި އެވެ.

ޓްރަމްޕް ކުރެއްވި އަމުރުގެ ބައިތަކެއް ކޯޓުން ހުއްޓުވައިފި
ޓްރަމްޕް ކުރެއްވި އަމުރުގެ ބައިތަކެއް ކޯޓުން ހުއްޓުވައިފި

މުސްލިމު ހަތް ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުމާއި ސީރިއާގެ ރެފިއުޖީން އެމެރިކާ އަށް އެތެރެވުން ވަކި މުއްދަތަކަށް ހުއްޓުވަން ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި އަމުރާ ދެކޮޅަށް ކޯޓަށް ދިޔައީ އެމެރިކަން ސިވިލް ލިބަޓީސް ޔޫނިއަން އިންނެވެ.

އަމުރު ނެރުނު ވަގުތު އެމެރިކާ އަށް ދަތުރުކުރި މީހުންނާއި އެމެރިކާގައި ޓްރާންސިޓް ކުރި މީހުން، ކޯޓު އަމުރުގައިވާ ގޮތުން، ނުހިފެހެއްޓޭނެ އެވެ. ސިވިލް ލިބަޓީސް އިން ލަފާ ކުރަނީ އެމެރިކާގެ އެއާޕޯޓްތަކުގައި 100-200 މީހުން ހިފަހައްޓާފައިވާނެ ކަމަށެވެ. މީގެ ތެރޭގައި އަމުރު ނެރުނު އިރު މަތިންދާ ބޯޓުގައި ދަތުރު ކުރަމުންދިޔަ މީހުންނާއި ސައްހަ ވިސާގައި އެމެރިކާ އަށް އެތެރެވި މީހުން ވެސް ހިމެނެ އެވެ.

ޑިސްޓްރިކްޓް ޖަޖް އޭން ޑޮނެލީ ނެރުއްވި އަމުރުގައިވާ ގޮތުން ހުއްދަ ލިބިގެން އެތެރެވެފައިވާ ރެފިއުޖީންނާއި ސައްހަ ވިސާގައި އެތެރެވެފައިވާ މީހުން ނުހިފެހެއްޓޭނެ އެވެ.

ޓްރަމްޕް ނެރުއްވި އަމުރުގައިވާ ގޮތުން ހަ ގައުމެއްގެ މުސްލިމުން އެމެރިކާ އަށް އެތެރެވުން ތިން މަހަށް ވަނީ ހުއްޓުވައިފަ އެވެ. އެއީ އިރާގު، ސީރިއާ، ލީބިއާ، ސޮމާލިއާ، ސޫދާން އަދި ޔަމަނެވެ. އަދި ރެފިއުޖީ ޕްރޮގްރާމް ވެސް ވަނީ ހަތަރު މަހަށް ހުއްޓާލައިފަ އެވެ.

އެމެރިކާ އަށް އެތެރެވި ފަސިންޖަރުން އިތުރުން ބައެއް ގައުމުތަކުން އެމެރިކާ އަށް ދަތުރު ކުރަން ހަމަޖެހިފައިވާ ފަސިންޖަރުން ވަނީ ފުރުމުގެ ކުރިން ހިފަހައްޓައިފަ އެވެ. ގާހިރާ އިން ނިއު ޔޯކަށް ދަތުރުކުރަން ހަމަޖެހިފައިވާ އިރާގުގެ ފަސް މީހުންނާއި ޔަމަނުގެ މީހަކު އިއްޔެ ވަނީ ހިފަހައްޓައިފަ އެވެ.

ޓްރަމްޕުގެ އަމުރާ ދެކޮޅު ހެދުމުގެ ގޮތުން ވަރަށް ގިނަ އެއާޕޯޓްތަކުގައި ވަނީ މުޒާހަރާކޮށްފަ އެވެ.