ޖަދަލު
ޖަދަލު

ބުދަ ދުވަހާ ގުޅޭ

އެއީ އިންސާނަކަށް ކުރެވޭނެކަމެއް ނޫންކަމެއް ޒިޔާނަކަށް ނުވިސްނެއެވެ.

"ތީ ބޮކެއްތަ؟" އިނގެރޭސިން ޒިޔާން އެހިއެވެ.

ހަގީގަތުގައި ވެސް ފައިސަލްގެ ހުރީ ބޮކެއްގެ މިޒާޖެވެ. އެ ވަގުތު ފައިސަލް ކައިރިންދިޔަ މަދިރިއަކާ ދިމާއަށް ކުއްލިއަކަށް ދޫދިއްކޮށްލައިފައި މަދިރި ހިފައި ކައިލިއެވެ.

"ޔަކް ޑެޑީ!" ޒިޔާން ބުންޏެވެ. "ބައްޔެއްޖެހިދާނެ. ބުނީމެއްނު އަންނަމުން ލިންޓެއް ގެންނާނަމޭ! ހަނދާންނެތުނީއޭ ނުބުނައްޗޭ! ޕްރޮމިސްކުރީމެއްނު."

ޒިޔާން ލިންޓް ކިއީ ލިންޓު ޗޮކުލެޓަށެވެ. ފައިސަލް ކުއްލިއަކަށް މުށް ހުޅުވައިލިއެވެ. މުށުތެރޭގައި އޮތީ ފަސްއޮށެއް ވަރުގެ، މުށިކުލައިގެ އެއްޗެކެވެ. ބަލައިބެލުމަށް ޗޮކުލެޓަކާ ވެސް ވައްތަރެވެ.

"ތީ ކޯޗެއް؟" ޒިޔާން އެހިއެވެ. "ޒިޔާން ބުނީ ބޮޑު އާމަންޑު ޗޮކުލެޓެކޭ!"

ފައިސަލް ދެއިނގިލިކުރިން އެ ކުޑަ ބޯޅަ ނަގައިފައި ޒިޔާންގެ އަނގަޔާ ކައިރިކޮށްލިއެވެ. އޭރު ވެސް ފައިސަލް ވާހަކައެއް ނުދައްކައެވެ.

"ތީ ކޮން ރަހައެއްލާ އެއްޗެއްތަ ޑެޑީ؟" ޒިޔާން ސުވާލުކުރިއެވެ. "ޑެޑީ ކާލާ!"

ޒިޔާންގެ އަތުތެރެއަށް ފައިސަލް އެ ގުޅަ ލިއެވެ. އަދި އެނދުން ފުންމައިލައިގެން، ފުންމަމުންދިޔައެވެ. ޒިޔާން އިނީ އެ ގުޅައަށް ބަލަހައްޓައިގެންނެވެ. ފައިސަލަކަށް ނުބަލައެވެ.

"ބެސްޓްފްރެންޑް ކިޔައިގެން މި އުޅެނީ،" ޕާސްތާކޮޅެއް ކާލައިފައި ރިންދާ ބުންޏެވެ. "އެކަމަކު ގަރުނަކުން އެއްފަހަރު މި ދިމާވަނީ. އަދިވެސް މި ތަށިތައް ދޯ ތި ގެންގުޅެނީ؟ ކޮބާ އެއްކަލަ ދުވަހު އަހަރުމެން ގަތް ތަށިސެޓު؟"

"އެ ނެގޭނީ ރޯދަމަސް އައީމަ،" ސަތޫ ބުންޏެވެ. "އަދި މަ ބޭނުން ތެލިސެޓެއް ވެސް ގަންނަން. އަޅެ ހިނގާބަލަ އެއްކަލަ ފިހާރަޔަށް. ކޮބާ ސެންޓުފުޅި ލިބިއްޖެތަ؟"

ފައިސަލް ހިތަށްއެރިއެވެ. ވާހަކަ އެ ދަނީ މާ ރަނގަޅު ދިމާއަކަށް ނޫނެވެ.

"ކޮން ތާކު؟" ރިންދާ ފޫހިވެފައި ބުންޏެވެ. "އެއްބައި ފިހާރައިގަ ހުންނަނީ ފޭކު. އަނެއްބައި ފިހާރައިގަ ރަންއަޅާފަ."

"ފައިސަލްގެ ޝޮޕަށް ދިޔައިންތަ؟" ނުކުރަންވީ ސުވާލުކުރީ ސިރާޖެވެ. "އެ ތަނުގަ ހުންނާނީ ސީދާ އޮރިޖިނަލް. މާލެއަކު ނުހުންނާނެ ސެންޓުވިއްކާ އެހާ ފައްކާ ތަނެއް. ރިންދާއަށްވިއްޔާ ޑިސްކައުންޓު ވެސް ލިބޭނެއްނު."

ފައިސަލާއި ރިންދާ އެކަކުއަނެކަކަށް ބަލައިލިއެވެ.

"އެއީ ފައިސަލްގެ ޝޮޕެއްތަ؟" ހައިރާންވެފައި ރިންދާ ބުންޏެވެ. "އަޅޭ! ސޮރީ!"

"ސޮރީއޭ؟" ސަތޫއަށް ބުނެވުނެވެ.

ރިންދާ ހެވިފައި، ކުޑަކޮށް ރަކިވެފައި ފައިސަލަށް ބަލައިލިއެވެ. ފައިސަލް ހިނިތުންވެލިއެވެ.

"ދެން ބުނެބަލަ!" ސަތޫ އެދުނެވެ. "ކިހިނެއްވީތަ؟"

"ސާބަހޭ ސަތޫ! ދެން އެހެން ވާހަކައެއް ދައްކަބަލަ!" ރިންދާ ތަންކޮޅެއް ބާރަށް ބުނެލިއެވެ.

ފައިސަލް ގެއަށްއައި އިރު ޒިޔާން އޮތީ ނިކަން ރީތިކޮށް ބާލީހުގައި ބައްދައިލައިގެން ނިދައިފައެވެ. ފައިސަލް ގެނައި ޗޮކުލެޓު ޒިޔާންގެ އެނދުމަތީގައި ބޭއްވިއެވެ. އެ ވަގުތު ވާރޭވެހެން ފެށިއެވެ.

ވިއްސާރަ ނަގައިފައި އޮތް ކަމެއް ފައިސަލް ނުދެނަހުއްޓެވެ. އެ ގަޑީގައި ވާރޭވެހުމަކީ، ފައިސަލް ބޭނުންވާކަމެއް ނޫނެވެ. އާމިރާ މަތިން ހަނދާންކުރުވާތީއެވެ. ދަންވަރު ބޯކޮށް ވާރޭވެހެންޏާ، ކޮފީތަށްޓެއް ހިފައިގެން ފައިސަލްއާއި އާމިރާ، ބިއްލޫރިގަނޑު ކައިރީގައި ބޭރުބަލަން ތިބެއެވެ. ވާރޭވެހޭތަން ބަލަށް ދެމީހުން ވެސް ވަރަށް ވަރުހުރެއެވެ. އެއީ ވެސް ދުވަހެކެވެ. އެ ފަދަ ހަނދާންތަކުން ހިތަށް ކަށިހެރުން ފިޔަވައި އެހެން ކަމެއް ފައިސަލަކަށް ދެނެއް ނުވާނެއެވެ. ފައިސަލް މަތިން އާމިރާ ހަނދާންނައްތައިލަން ބޭނުމިއްޔާ ހަމަ އެ ފަދައިން ފައިސަލަށް ވެސް ކަންތައް ކުރެވޭނެއެވެ. އެ ފިކުރަށް ގެއްލިފައި ހުރެގެން ފައިސަލް މަޑުމަޑުން ޒިޔާންގެ ކޮޓަރިން ނުކުމެގެން ގޮސް ފައިސަލްގެ އެނދުގައި އޮށޯވެލިއެވެ. ހަނދާނަކީ ވެސް ހެޔޮއެދޭ އެކުވެރިއެއްކަމަކަށް ފައިސަލް ގަބޫލެއް ނުކުރެއެވެ. ކަމެއް ހަނދާން ނުކުރަން މަސައްކަތްކުރާ ވަރަކަށް ހަނދާން އާވާތީއެވެ. އާމިރާގެ ހިނިތުންވުމެވެ. ކޮށްލާ ސަމާސާތަކެވެ. ލާނެތްކަމެވެ. އެ ފަދަ މާޒީއެއް އޮތެވެ. ކުއްލިއަކަށް ނިކަން ބާރަށް ގުގުރައިލިއެވެ. އެ އަޑަށް ޒިޔާން ހޭލާނެކަން ކަށަވަރުވާތީ ފައިސަލް ފުންމައިގެން ތެދުވި ވަގުތު ޒިޔާން ދޮރު ހުޅުވައިލައިފައި އެތެރެއަށް ވަނެވެ. ފައިސަލް އަވަހަށް ޒިޔާން ގެނެސް އެނދުގައި ބޭއްވިއެވެ.

"ކިހިނެއްވީ ދަރިފުޅާ؟" ވަރަށް ހަމަޖެހިލައިފައި ފައިސަލް ބުންޏެވެ.

"ތަންޑަރ!" ޒިޔާން ބުންޏެވެ. "ޒިޔާން ވަރަށް ބިރުގަނޭ!"

"އެއީ އެއްވެސް ކަމެއް ނޫނޭ ދަރިފުޅާ!" ގައިގައި ފިރުމައިލަމުން ފައިސަލް ބުންޏެވެ. "ދަރިފުޅަށް އެނގެއެއްނު ގުގުރަނީކަން. ދެން ކީއްވެ ބިރުގަންނަންވީ؟ ޑެޑީ މި ކިޔާ ދުއާކިޔާ!"

ފައިސަލްގެ އަޑުދަށުން ޒިޔާން ދުއާކިއެވެ. ކުޑަކޮށް ހަމަޖެހިލިއެވެ. އެ ވަގުތު ވަރަށް ގަދަޔަށް ވިދައިލިއެވެ. ކުޑަދޮރުން އަލިވަނެވެ. ފައިސަލް އަވަހަށް ޒިޔާންގެ ކަންފަތް ފޮރުވޭ ގޮތަށް ޒިޔާން ގައިގައި ބައްދައިލިއެވެ. އެ ފަހަރު ޖެހި ގުގުރީގެ އަޑަކަށް ޒިޔާނެއް ނުސިހެއެވެ. އެއްޗެއް ނުބުނެ ޒިޔާން އިރުކޮޅަކު އިނެވެ. އެހެންޏާ އެ ގޮތަށް ޒިޔާން ގާތުގައި އިންނަނީ މަންމައެވެ.

"ޑެޑީ!" މަޑުމަޑުން ޒިޔާން ބުންޏެވެ. "އަސްލު ޑެޑީ ކީއްވެ މަންމައަށް ޓައިމްނުދިނީ؟" ޒިޔާން ސުވާލުކުރިއެވެ. "ޑެޑީ ވަރަށް ފޫހިވޭތަ މަންމަ ދެކެ؟"

ފައިސަލް ބޭނުން ނަމަ، އެ ސުވާލު ހިންދައިލެވުނީހެވެ. އާމިރާޔާ އެކުގައި ފައިސަލް ހޭދަކުރި މާޒީ ފުހެލަން ވެސް މަސައްކަތްކުރެވުނީހެވެ. އެހެނަސް އެއީ ހައްލެއްކަމަކަށް ފައިސަލަކަށް ގަބޫލެއް ނުކުރެވެއެވެ.

"ޑެޑީ ބުނަން ވާހަކައެއް ދަރިފުޅާ!" ވަރަށް އޯގާތެރިކަމާ އެކުގައި ފައިސަލް ބުންޏެވެ. "މަންމަ ދެކެ ޑެޑީ ފޫއްސެއް ނުވޭ! މަންމައަކީ ގޯސް މީހެއް ވެސް ނޫން. އެކަމަކު މަންމައަކަށް ނުވިސްނޭ ލައިފަކީ ކޮބައިކަމެއް. އެނގޭތަ ޑެޑީ މި ބުނާ އެއްޗެއް؟"

ނޫނެކޭ ބުނުމުގެ ގޮތުން ޒިޔާން ދެއަތަކަށް ބޯހޫރައިލިއެވެ.

"ލާރިހޯދަން މަސައްކަތްކުރުމަކީ ކިހާ މުހިންމުކަމެއްކަމާ، ލާރިއަކީ ކިހާ މުހިންމު އެއްޗެއްކަން މަންމައަށް ހަމަ ނުވިސްނެނީ،" ފައިސަލް ބެލީ ވީހައި ވެސް ތިލަކޮށް ކިޔައިދެވޭތޯއެވެ. "ޑެޑީ އަތުގަ ލާރި ނުހުންނަ ނަމަ ޑެޑީއަށް ޗޮކުލެޓު ގަނެވޭނެ؟"

ނޫނެކޭ ބުނުމުގެ ގޮތުން ޒިޔާން ބޯހޫރައިލި ވަގުތު، ޗޮކުލެޓާ ބެހޭ ގޮތުން ބުނަންއޮތް ވާހަކައެއް ހަނދާންވިއެވެ.

"އެކަމަކު އެ ޗޮކުލެޓު މީރެއް ނޫން،" ޒިޔާން ދެއްކީ އެހެން ޗޮކުލެޓެއްގެ ވާހަކައެވެ. "ކުޑަކޮށް ބޮލުގަ ވެސް ރިއްސާ!"

"މިހާރު ޗޮކުލެޓު ކެއީ؟" ފައިސަލް ދެއްކީ އެހެން ޗޮކުލެއްޓެއްގެ ވާހަކައެވެ. "ދަތްއުނގުޅައިގެން ދެން ނިދޭނީ."

ދެބަފައިން އެކުގައި ޒިޔާންގެ ފާހާނަޔާ ދިމާއަށް ހިނގައިގަތެވެ. ފާހާނައަށް ވަދެފައި ޒިޔާން ދަތްއުނގުޅަން ފެށިއެވެ.

"މަންމަ އަލުން އަތުވެއްޖެއްޔާ މި ގޭގަ ބަހައްޓާނަންތަ؟" ޒިޔާން ސުވާލުކުރިއެވެ.

އެ ދުވަސް ދެން އަންނާނެކަމަކަށް ފައިސަލް އުންމީދެއް ނުކުރެއެވެ. އާމިރާގެ ރުޅި ފައިސަލަށް އެނގޭތީއެވެ.

"މި ގެއަށް ވަނުން މަންމައަށް މަނައެއް ނުވާނެ. މަންމަ އަތުގަ އޮންނާނެ ތަޅުދަނޑި. ހަމަ ބޭނުން އިރަކު އަންނަންވީ. ދަރިފުޅު ވެސް، އަބަދު ވެސް މަންމަ ދެކެ ލޯބިވާތި." ފައިސަލް ބުންޏެވެ.

"އެކަމަކު މަންމަ ނުވެސް ގުޅައެއްނު!" ޒިޔާން ބުންޏެވެ. "ޒިޔާން ދެކެ މަންމަ ލޯބިވޭތަ ޑެޑީ؟"

"އެއީ ލޯބިނުވާތީއެއް ނޫނޭ ދަރިފުޅާ!" ފައިސަލް ބުންޏެވެ. "އެއީ މަންމަގެ އީގޯ! ދަރިފުޅަށް އެނގޭނެ އެ ކަން."

ހެނދުނު ފައިސަލް އޮފީހަށް ދަނިކޮށް މެސެޖެއްއައި އަޑުއިވުނެވެ. ފޯނު ބަލައިލީ އޮފީހަށް ވަދެފައެވެ. އެއީ މާފަށްއެެދިފައި ރިންދާ ފޮނުވި މެސެޖެކެވެ. އިސްވެ ރިންދާ މެސެޖު ފޮނުވީތީ ފައިސަލް ވަރަށް އުފާވިއެވެ. ފުރުސަތުގެ ބޭނުންހިފިއެވެ.

"މާފުކުރެވޭނީ ޝަރުތެއްގެ މަތިން،" ފައިސަލް ޖަވާބުލިޔުނެވެ. "އާދޭ ކޮފީއަކަށް. އަހަރެން ގޮއްސާނަން ބަލާ ވެސް."

ރިންދާ ވަރަށް ފަސޭހައިން އެއްބަސްވިއެވެ. އެ ފަދަ ފުރުސަތަކަށް ރިންދާ ވެސް ބޭނުންވެފައި ހުރުމުންނެވެ. ދެމެދުގައި އޮތީ އެކުވެރިކަން ނޫންކަން ދެމީހުންނަށް ވެސް އެނގެއެވެ. ފާޅުގައި އެ ގުޅުމަށް ނަމެއް ނުދޭކަމެވެ. ކޮފީމޭޒުން ބައްދަލުވުމުން ވެސް ރިންދާ މާފަށްއެދުނެވެ.

"ކޮފީއަށް އައިމަ އެ ކަން އެ ނިމުނީ،" ހިނިއައިސްފައި ފައިސަލް ބުންޏެވެ. "ރިންދާގެ ފީޑްބެކް ގޯހެއް ވެސް ނޫނޭ. އަހަރެން އެބަ ވިސްނަން މެދުމިނުގެ ރޭންޖެއް ބަހައްޓަން. ދެ ގޮތަކަށް އެ ކަން ކުރެވިދާނެ. އެއްގޮތަކީ ތަންކޮޅެއް ކުދި ފުޅި އިންޓްރޮޑިއުސްކުރުން. ނޫނީ އެހެން ބްރޭންޑުތަކެއް ގެނައުން. އައިޑިޔާ އަސްލު ސަޅިއޭ. ރަނގަޅުމީހާ ކައިރީގަ ބުނެވުނީ ވެސް."

"އަހަންނަށް ކިހިނެއްތަ އެނގެނީ ތީ ބޮސްކަމެއް،" ރަކި ގޮތަކަށް ހީނލައިފައި ރިންދާ ބުންޏެވެ. "އަދިވެސް އަހަންނަކަށް ރަނގަޅަކަށް ނޭނގޭ ތީ ކާކުކަމެއް. އެކަމަކު މީނީ ކޮފީއަށް އައިސް. އަހަރެން އުޅޭ ގޮތެއް ވެސް ނޫނޭ މީ. ނުދަންނަ މީހުންނާ އެކީގަ އަހަރެން ތަންތާކަށް ނުދާނެ. ވަރަށް މަ ނޫންކަމެއް މި ކުރެވުނީ."

"ދެން ތިހެން ބުނީމަ ހީވަނީ އަހަންނަކީ ރެންޑަމް މީހުން ގޮވައިގެން ކޮފީއަށް އައިސް ވާހަކަކިޔައިދޭން އިންނަ މީހެއްހެން،" ސަމާސާ ރާގެއްގައި ފައިސަލް ބުނެލިއެވެ. "ނަން އެނގުނަސް، އަހަންނަކަށް ވެސް އަސްލު ނޭނގޭ ތީ ކާކުކަމެއް."

"ކޯޗެއް ނޭނގެނީ؟" ރިންދާ ސުވާލުކުރިއެވެ. "އަހަރެން އުޅެނީ މެރީކޮށްގެން. ޓޫ ކިޑްސް އެބަ ތިބި. ތިންވަނަ ކިޑެއް ވެސް ލިބެންކަން ނޭނގެ އުޅެނީ. އެކަމަކު މިހާރު މި އުޅެނީ ޑިވޯސްވާންވެގެން."

ފައިސަލް ކުއްލިއަކަށް ވަރަށް ސީރިޔަސްވިއެވެ. ރިންދާ ގާތަށްއައީ އަމަށަކު ހިންޏެއް ނޫނެވެ.

"ކިރިޔާ ހާޓަށް އެޓޭކެއް ނުޖެހުނީ،" ސަމާސާ ރާގެއްގައި ފައިސަލް ބުންޏެވެ. "މަ ބޭނުން ރިންދާ ދަސްކުރަން. ތި ފޮތް އެއްކޮށް ހުޅުވާލަދީފާނަން؟"

ރިންދާ ހީނގަތެވެ. އެ ހިނިތުންވުމުގައި "ގޮތެއް" ހުރިކަން ފައިސަލަށް ފާހަގަކުރެވުނެވެ. ފައިސަލް ވާހަކަދައްކާ ގޮތް ރިންދާއަށް ވަރަށް ކަމުދިޔައެވެ. ތަރިބާލާ ފޯވަހީގެ މައްސަލައަކީ އެއީއެވެ. ދެމީހުން ވެސް ދެއްކީ އަނެކަކު ގަޔާވާނެ ކަހަލަ މަންޒަރަކާއި ކުލައެކެވެ. ރިންދާއަކީ ކާކުކަން ކިޔައިދޭން އަނގަހުޅުވައިލި ވަގުތު ފައިސަލަށް ފޯނެއްއައެވެ. އެއީ އާމިރާ އެންމެ ރުޅިއަންނަ ކަންތަކެވެ. އެ ކަން ތަކުރާރުވިޔަ ނުދޭން ފައިސަލް ކިތަންމެހައި ވެސް ބޭނުމެވެ. އެކަމަކު އެހެނެއް ނުވެއެވެ. ފޯނުނެގި އިރު ގުޅީ ޒިޔާންގެ ޓީޗަރެވެ. އޭނަ ހުރީ ހާސްވެފައެވެ. ހަމަ އެހެންމެ ހާސްނުވާން ވެސް އޭނަ މަސައްކަތްކުރާކަން ފައިސަލަށް ފާހަގަވިއެވެ.

"ޒިޔާނަށް ކަމެއް ދިމާވެގެން މި އުޅެނީ،" އޭނަ ބުންޏެވެ. "އަޅުގަނޑު މިހާރު މިހިރީ އައިޖީއެމްއެޗުގެ ދޮރުމަތީގަ."

ނުނިމޭ