ޝަރުއީ ދާއިރާގެ މުވައްޒަފުން ސިޔާސީ ހަރަކާތްތަކުގައި އުޅުން ހުއްދަ ކޮށްފި
ޝަރުއީ ދާއިރާގެ މުވައްޒަފުން ސިޔާސީ ހަރަކާތްތަކުގައި އުޅުން ހުއްދަ ކޮށްފި

ޝަރުއީ ދާއިރާގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި އުޅުމުގެ ހުއްދަ ލިބޭ ގޮތަށް އުސޫލު ބަދަލުކޮށް، އެ ދާއިރާގެ މުވައްޒަފުންގެ "ކޯޑް އޮފް ކޮންޑަކްޓް" އާންމު ކޮށްފި އެވެ.

ޝަރުއީ ދާއިރާގައި 2011 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުން އަންނަ މުވައްޒަފުންގެ ގަވާއިދުގައި އެ މުވައްޒަފުން ސިޔާސީ ހަރަކާތްތަކުގައި އެއްވެސް ގޮތަކަށް ބައިވެރިވުން މަނާކޮށް، ހާއްސަ ބާބެއް މިހާތަނަށް އެވެ.

އެ ގަވާއިދުގައިވާ ގޮތުން ސިޔާސީ ޕާޓީއެއް ނުވަތަ ކެންޑިޑޭޓެއްގެ ކާމިޔާބީ އާއި ކުރިއެރުމާއި އަދި އެފަދަ މީހެއްގެ ކުރިއެރުމަށް ހުރަސް އަޅާ ހުރިހާ ކަމަކުން ޝަރުއީ ދާއިރާގެ މުވައްޒަފުން އެއްކިބާ ވާން ޖެހެ އެވެ.

ސިޔާސީ ޕާޓީއެއްގެ އެއްވެސް މަގާމެއް ފުރުމާއި ވަޒީފާއެއް އަދާ ކުރުމާއި ޕާޓީއެއްގެ ގުނަވަނެއްގެ މެންބަރަކަށް ވުމާއި ޕާޓީތަކުން ތައްޔާރުކުރާ ޕެޓިޝަންތަކުގައި ސޮއި ކުރުން ވެސް ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް މިހާތަނަށް މަނަލެވެ.

އެއްވެސް ކެމްޕެއިން ހަރަކާތެއްގައި ބައިވެރިވުމާއި ވޯޓުލާ ދުވަހު ކެންޑިޑޭޓުންނަށް އެހީތެރިވުމާއި އިންތިހާބު ކުރާ އެއްވެސް ސިޔާސީ މަގާމަކަށް ކުރިމަތިލުމަކީ ވެސް އެ ގަވައިދުގެ ދަށުން މަނާ ކަމެކެވެ.

ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އާންމުކުރި ކޯޑް އޮފް ކޮންޑަކްޓްގައި ވަނީ ސިޔާސީ ހަރަކާތްތަކުގައި މުވައްޒަފުން ބައިވެރިވުމާ ބެހޭ ބާބު އެކީ އުވާލައިފަ އެވެ.

ކޯޑް އޮފް ކޮންޑަކްޓްގައި އެ ބައި ހިމަނާފައި ވަނީ "ޝަރުއީ ދާއިރާގެ މިނިވަންކަން ދެމެހެއްޓުމާއި އިތުބާރު ހިފެހެއްޓުން" މާއްދާގެ ދަށުންނެވެ.

އާ ކޯޑް އޮފް ކޮންޑަކްޓްގައި ވަނީ ޝަރުއީ ދާއިރާގެ އިތުބާރަށް އުނިކަން އަތުވެދާނެ ފަދަ ކަންކަމުން ދުރުވާން ޖެހޭނެ ކަމަށާއި އޭގެ ތެރޭގައި ސިޔާސީ ހަރަކާތްތައް ވެސް ހިމެނޭ ކަމަށެވެ.

އެ މާއްދާ އެހެން އޮތް ކަމުގައި ވިޔަސް، ސިޔާސީ ޕާޓީއެއް ނުވަތަ ސިޔާސީ ހަރަކާތެއް ހިންގާ ޖަމިއްޔާއެއެއް ނުވަތަ ޖަމާއަތެއްގެ މެންބަރަކަށް ވުމާއި ޕާޓީއެއްގެ އެތެރޭގެ އިންތިހާބެއްގައި ވޯޓުލުން ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް މަނާ ނޫން ކަމަށް އާ ކޯޑް އޮފް ކޮންޑަކްޓްގައި މިހާރު ވެ އެވެ.