"އިންޑިއާ އައުޓް" ލިޔުނު މީހާއަށް ޖޫރިމަނާ ދެއްކޭނެ ކަމުގެ ލިޔުމެއް ހުށަނޭޅުމުން ދާންޖެހުނީ ޖަލަށް
"އިންޑިއާ އައުޓް" ލިޔުނު މީހާއަށް ޖޫރިމަނާ ދެއްކޭނެ ކަމުގެ ލިޔުމެއް ހުށަނޭޅުމުން ދާންޖެހުނީ ޖަލަށް

މާލޭގައި ހުންނަ ޗައިނާ އެމްބަސީގެ ފާރުގައި "އިންޑިއާ އައުޓް" ލިޔުނު މީހާ ޖޫރިމަނާއެއް ދައްކައިގެން ސަލާމަތް ވެވެން އޮތް ނަމަވެސް ޖޫރިމަނާ ދެއްކޭނެ ގާބިލްކަން ހުރިކަން ޔަގީންކޮށްދިނުމަށް ލިޔުން ހުށަނޭޅުމުން ޖަލަށް ދާން ޖެހިއްޖެ އެވެ.

ރާއްޖޭގައި އިންޑިއާގެ ނުފޫޒު އެކަށީގެންނުވާ ވަރަށް ގަދަކޮށް، ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ކަމަށް ބުނެ ހިންގާ "އިންޑިއާ އައުޓް" ކެމްޕޭނުގެ މި ލިޔުން އިންޑިއާގެ ވާދަވެރި ޗައިނާ އެމްބަސީގެ ފާރުގައި ސްޕްރޭކޮށްގެން ލިޔުނީ މުހައްމަދު އަނީލް ކިޔާ މީހެކެވެ. ށ. ފޭދޫ މި މީހާގެ މައްޗަށް ކުރި މުދަލަށް ގެއްލުުން ދިނުމުގެ ދައުވާގެ ޝަރީއަތް ފެށުމުގެ ކުރިން އޭނާ ވަނީ އިބްތިދާއީ މަރުހަލާގައި އިއުތިރާފް ވެފަ އެވެ.

އަނީލް ބުނީ އެކަން ކުރީ މުހައްމަދު ކިޔާ މީހަކު ބުނެގެން ކަމަށެވެ. އަނީލް ބުނި ގޮތުގައި އޭނާ އަކީ މަސްވެރިކަން ކޮށްގެން އާމްދަނީ ހޯދަމުން އަންނަ މީހެކެވެ. ވަކީލަކު ބޭނުން ނުވާ ކަމަށް ބުނެ މައްސަލަ ކުރިއަށް ގެންދިޔަ އަނީލްގެ މައްޗަށް ސާބިތުވި ކުށުގެ އަސާސީ އަދަބަކީ 1 މަހާއި ހަ ދުވަހަށް ޖަލަށްލުން ކަމަށް ވިޔަސް ޝަރީއަތް ފެށުމުގެ ކުރިން ކުށަށް އިއުތިރާފްވެއްޖެ ނަމަ ކުށުގެ އެއް ދަރަޖަ ދަށްވާތީ އައީ 27 ދުވަހުގެ ހުކުމެކެވެ.

އަނީލް ވަނީ މި އަދަބު ޖުރިމަނާގެ ހުކުމަކަށް ބަދަލުކޮށްދޭން އެދިފަ އެވެ. ޝަރީއަތުގައި އަނީލް ބުނީ ޖޫރިމަނާ ދެއްކޭނެ ގާބިލްކަން އެބަހުރި ކަމަށެވެ. އެކަމަކު ގާނޫނުގައި އޮންނަ ގޮތުން، ޖޫރިމަނާގެ އަދަބަކަށް ބަދަލުކޮށްދެވޭނީ ޖޫރިމަނާ ދެއްކޭނެކަން ކަށަވަރުކޮށްދިނުމަށް އާމްދަނީއާ ގުޅުން ހުރި ލިޔުންތައް ހުށަހަޅައިގެންނެވެ. އެކަން ޝަރީއަތުން ސާފުކޮށްދިން ނަމަވެސް ލިޔުންތައް ހުށަނޭޅުމުން ޖޫރިމަނާގެ އަދަބެއް ކަނޑަނޭޅުނީ ކަމަށް ހުކުމުގައި ގާޒީ ހުސައިން ފާއިޒް ރަޝާދު ވިދާޅުވި އެވެ.

ނަމަވެސް އަނީލް 14 ދުވަހާއި 19 ގަޑިއިރު ބަންދުގައި ހުރެފައި ވާތީ ޝަރީއަތުން ނިންމީ މިހާތަނަށް 15 ދުވަހުގެ ހުކުމް ތަންފީޒު ވެފައިވާ ކަމަށެވެ. އެހެންވެ ބާކީ އޮތީ 12 ދުވަހެވެ. ކުށް ސާބިތުވި މިހާއަށް ހުކުމްކުރީ ބުރާސްފަތި ދުވަހު ކަމަށްވާތީ މި މަހު 26 ގައި މިނިވަންވާނެ އެވެ.