24 ޖޫން 2023 - 14:56

ކިޔަވާ ކުދިންގެ އަދަދު ނިސްބަތުން މަދެވެ؛ އެކަމަކު އެ ސްކޫލުގެ ދަރިވަރުން ދަސްކުރާ ހުނަރުތައް ގިނަ އެވެ. ކިޔެވުމުގެ އިތުރުން އެހެން ހަރަކާތްތަކުގައި ދަރިވަރުން އަންނަނީ ބޮޑެތި ސްކޫލްތަކާ ވާދަކޮށް ކާމިޔާބީ ހޯދަމުންނެވެ.

ކިޔެވުމުގެ އިތުރުން ރޮށި ފިހުމާއި ކުނި ކެހުމާއި ކެއްކުމާއި ރޭނުމާއި ލަކުޑިން ބޭނުންތެރި ތަކެތި ހެދުން ފަދަ ހަރަކާތްތައް ހިންގަ އެވެ. ދިރިއުޅުމުގައި ބޭނުންވާ މި ހުނަރުތައް ދަސްކުރަން ދަރިވަރުންގެ ޝައުގުވެރިކަން ވެސް ބޮޑެވެ.

އެހެން ސްކޫލުތަކެކޭ އެއްގޮތަށް ހިންގާ ކުޅިވަރާއި އިތުރު ހަރަކާތްތައް ކަރިކިއުލަމްގެ ތެރޭގައި ހިމެނޭ އާންމު ހަރަކާތްތަކުގެ އިތުރުން، އެ ސްކޫލުން އަންނަނީ ހަފްތާއަކު ދެ ދުވަހު އެކްޓިވިޓީ ޓައިމްގެ ނަމުގައި ކުދިންނަށް އެކި ހަރަކާތްތައް ދަސް ކޮށްދިނުމަށް ކްލާސްތަކެއް ނަގަމުންނެވެ. އެއް ދަންފަޅިއަށް ކިޔަވާ ސްކޫލަކަށް ވުމުން، މިފަދަ އިތުރު ކްލާސްތައް ކުރިއަށް ގެންދިއުމަށް އެ ސްކޫލަށް މާބޮޑު ދަތިކަމެއް ނެތެވެ.

އެ ސްކޫލްގައި ދަރިވަރުންނަށް ކިޔަވައިދިނުމާއި އިތުރު ހަރަކާތްތައް ދަސްކޮށްދޭން 28 ޓީޗަރުން ހަރަކާތްތެރިވެ އެވެ. މިކަމަށް ވަކި ހާއްސަ ޓީމެއް ދުރާލައި ތައްޔާރުވެފައި އޮވެ އެވެ.

އެ ރަށު ސްކޫލުގެ ޕްރިންސިޕަލް ފާތިމަތު ޝިމާނާ ވިދާޅުވީ، ސްކޫލުގެ ކޮންމެ ގްރޭޑެއްގައި ކިޔަވާ ކުދިންނަށް ވެސް ހަފްތާގެ ދެ ދުވަހު، އެހެން ކޮންމެވެސް ހުނަރެއް ނުވަތަ ސްކިލްއެއް ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އެ ހަރަކާތްތައް ހިންގުމުގައި ބެލީ، ރަށު ތެރޭގައި އާންމުކޮށް ކުރާ ކަންކަމާއި ސްކޫލު ނިންމުމަށް ފަހު ވެސް އާންމު ދިރިއުޅުމުގައި ކުދިންނަށް ބޭނުންތެރި ހުނަރާއި ހަރަކާތްތައް ހިންގުމަށް ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ރަށަކީ ރޯނު ވެށުމާއި ފަންގިވިނުން އާންމު ރަށަކަށްވާ އިރު، އެކަންކަން ވެސް ދަރިވަރުންނަށް ދަސްކޮށްދެ އެވެ.

މި ގޮތަށް ހަރަކާތްތައް ހިންގަނީ އަންހެން ކުދިންނާއި ފިރިހެން ކުދިންނަށް ތަފާތު ކުރުމެއް ނެތި އެވެ. ރޮށި ފިހުމާއި ކުނި ކެހުން ފަދަ ކަންކަން ކުރުމުގައި ފިރިހެން ދަރިވަރުން ވެސް ބައިވެރި ކުރެ އެވެ. އަދި ރޭނުމާއި ކަރަންޓް ވަޔަރިން ހަރަކާތްތަކުގައި އަންހެން ކުދިން ވެސް ބައިވެރި ކުރެ އެވެ.
ސްކޫލުގެ އެންމެ ހާއްސަކަމަކީ އަދި އެހެން ސްކޫލުތަކަށް ނަމޫނާ ދައްކާ ހަރަކާތަކީ މީގެ ތިން އަހަރު ކުރިން ފެށި "ކަލާސް އޮފް އެކްސަލަންސް" އެވެ. މި ހަރަކާތަކީ ދިރިއުޅުމާއި ކިޔެވުމުގެ ތެރެއިން ކަންކަން ހާސިލުކޮށްގެން ކުލަތައް ހޯދުމެވެ. ކޮންމެ ޓާމެއް ނިމޭ އިރު، އެ ޓާމެއްގައި އެ ކުއްޖަކަށް ހާސިލުވި ކުލަތަކަށް ހާއްސަ ޓެގް ލިބޭނެ އެވެ.
ޝިމާނާ ވިދާޅުވީ މި ޕްރޮގްރާމުގެ ބޭނުމަކީ ދަރިވަރުންގެ ކިބައިގައި ދިރިއުޅުމުގެ ރަނގަޅު އާދަތައް ހަރުލައްވައި އެކަންކަން ކުރަން ކުދިންނަށް ހިތްވަރު ދިނުން ކަމަށެވެ. މި ޕްރޮގްރާމުގެ ކުލައެއް ހާސިލު ކުރަން، ދަރިވަރުން ވަކި އަދަދަކަށް އެކި ހަރަކާތްތަކުގައި ބައިވެރިވެގެން ޕޮއިންޓް ހޯދަން ޖެހޭނެ އެވެ.
"އެކަޑެމިކް ކުލަ، އިޖްތިމާއީ އެހީތެރިކަމާއި ސޮސައިޓީއަށް ކަންކަން ކޮށްދިނުމާއި އާއިލާއަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ގޭތެރޭގައި އެހީތެރިކަން ފޯރުކޮށްދިނުން ފަދަ ކަންކަން މި ހިމެނެނީ،" އޭނާ ވިދާޅުވި އެވެ.
މި ހަރަކާތުގެ ތެރެއިން ދީނީ ތަރުބިއްޔަތަށް ހާއްސަ ކުލަ އާއި އަހްލާގާއި އިލްމީ، ކޯ ކަރިކިއުލަމް ހަރަކާތްތަކާއި ހާޒިރީ އާއި ކިޔުންތެރިކަމަށް ހާއްސަ ކުލައެއް ވެސް ހިމެނެ އެވެ. އަދި އިޖްތިމާއީ ހަރަކާތްތަކާއި ތިމާވެއްޓަށް ފައިދާވާ ކަންކަން ކޮށްގެން ވެސް މި ޕްރޮގްރާމުގެ ތެރެއިން ކުލަ ހާސިލު ކުރެވޭނެ އެވެ.
"މިއީ މި ސްކޫލުގެ އެންމެ ހާއްސަކަންތައް. އެހެން ސްކޫލުތަކުގެ ޕްރިންސިޕަލުންނާއި އެޑިއުކޭޝަން މިނިސްޓްރީގެ ވެސް މި ޕްރޮގްރާމަށް ތައުރީފު ކުރޭ،" އޭނާ ވިދާޅުވި އެވެ.
ޝިނާމާ ވިދާޅުވި ގޮތުގައި އެއީ ވަށާޖެހޭ ތައުލީމުގެ ތެރެއިން އެކުލަވާލި ޕްރޮގްރާމެކެވެ. އެ ކުދިންގެ ކިޔެވުން ރަނގަޅުކޮށް އިތުރު ހަރަކާތްތަކުގައި ބައިވެރިވުމަށް ހިތްވަރު ލިބޭ ކަމަށެވެ.
އެ ސްކޫލުގައި 120 ވަރަކަށް ދަރިވަމުން ކިޔަވާ އިރު ކޮންމެ ދަރިވަރަކަށް ވެސް ކަރިކިއުލަމްގެ ބޭރުން އެކެޑަމިކް އަހަރަކު ނިމޭ އިރު 50 އަށް ވުރެ ގިނަ ހުނަރާއި ހަރަކާތްތައް ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. މި ހުރިހާ ކަމެއް އެހާ ފުޅާކޮށް، ފުރިހަމައަށް ކުރެވެނީ ބެލެނިވެރިންގެ ދޭ، އެހީތެރިކަމުގެ ސަބަބުން ކަމަށް ޝިމާނާ ވިދާޅުވި އެވެ.
އެ ސްކޫލުގެ ޓީޗަރުންނާއި ބެލެނިވެރިންގެ ހާއްސަ ގުޅުމެއް އަބަދުވެސް އޮވެ އެވެ. އެހެންވެ، ކޮންމެ ހަރަކާތެއް ވެސް ހިންގަނީ، ބެލެނިވެރިންގެ ބޮޑު އެހީތެރިކަމަކާ އެކުގަ އެވެ. އަދި ސްކޫލު މެނޭޖްމެންޓަށް ވެސް އިތުރު ހަރަކާތްތައް ކުރިއަށް ގެންދަން ވަރަށް ބޮޑު އެހީތެރިކަމެއް ބެލެނިވެރިން ފޯރުކޮށްދެ އެވެ.
އެ ސްކޫލުގެ ހަރަކާތްތައް ހިންގަން ބޭނުންވާ ފަންޑް ހޯދުމުގައި ވެސް އެންމެ ބޮޑު އެއްބާރުލުމެއް ދެނީ ބެލެނިވެރިންގެ ފަރާތުންނެވެ.
ބެލެނިވެރިންގެ އެހީތެރިކަމާ އެކު ކުދިންނަށް ކިޔެވުމަށް ރަނގަޅު ފެންވަރުގެ މާހައުލެއް ހޯދައިދިނުމަށް ވެސް އެ ރަށު ސްކޫލުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެރަށު ބެލެނިވެރިންގެ އެހީގައި ސްކޫލުގައި އައުޓް ޑޯ ލައިބްރަރީ ވެސް ވަނީ ހަދައިފަ އެވެ. އަދި ކުރިއަށް ވެސް އެފަދަ ހަރަކާތްތައް ރޭވިފައިވާ ކަމަށް އެ ސްކޫލުން ބުންޏެވެ.
"ބެލެނިވެރިންގެ އެއްބާރުލުމެއް ލިބޭ. އެހެންވެ، ސަޕޯޓިވް ކަމުން މިހާ ގިނަ ހަރަކާތްތައް ހިންގެނީ،" ޝިމާނާ ވިދާޅުވި އެވެ.
ކިޔެވުމުގެ އިތުރުން، އާ ކަންކަމާއި، އެކި ހުނަރުތައް ދަސްކުރުމުގެ ފުރުސަތު އެ ސްކޫލުން ހޯދައިދޭ އިރު، މިވަގުތު އެ ސްކޫލުގެ އެންމެ ބޮޑު އަޒުމަކީ، އޯ ލެވެލްގެ ގަދަ ދިހައެއްގައި އެ ރަށު ސްކޫލު ކުދިން ހިމެނުމެވެ.