ވިލިނގިލިން ގެއްލުނު މީހާ ފެނިއްޖެ
ވިލިނގިލިން ގެއްލުނު މީހާ ފެނިއްޖެ

ގއ. ވިލިނގިލިން ގެއްލިގެން ހޯދަމުން އައި އައްސަދު އަހުމަދު ރޭ ދަންވަރު ފެނިއްޖެ އެވެ.

ފުލުހުން ބުނީ އޭނާ ހޯދަމުން ދަނިކޮށް ރޭ ދަންވަރު ގެއަށް ދިޔައީ އަމިއްލައަށް ކަމަށެވެ. އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ބުންޏެވެ.

އައްސަދު 38، ގެއްލިގެން ހޯދަން ފެށީ އޭނާގެ ހަބަރެއް ނުވާތާ އެއް ދުވަސް ވީ ފަހުން، ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުންނެވެ.

އޭނާ އަކީ ރަށުގައި ބޭރު މީހުން ގޮވައިގެން ކޮންސްޓްރަކްޝަން މަސައްކަތްކުރާ މީހެކެވެ.

އައްސަދުގެ ގާތް މީހަކު އިއްޔެ ބުނި ގޮތުގައި އޭނާ އެންމެފަހުން ފެނުނީ މިދިޔަ ބުރާސްފަތި ދުވަހު މެންދުރުފަހު، ރަށުގެ އިޖުތިމާއީ މަރުކަޒު ކައިރީގައި ހުންނަ ފިހާރައަކުން އެއްޗެއް ގަނެގެން ދަނިކޮށެވެ. އޭގެ ފަހުން ދެ ކުދިންގެ ބައްޕަ، އައްސަދު އެއްވެސް މީހަކަށް ފެނުނު ކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށް އެ މީހާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި އާއިލާ މީހަކު ގުޅުމުން އިއްޔެ މެންދުރު އައްސަދު ފޯނު ނެގި އެވެ. އެކަމަކު 14 ސިކުންތަށް ދެމިގެންދިޔަ ކޯލުގައި ވެސް އައްސަދު އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އޭގެ ފަހުން އައްސަދުގެ ފޯނަށް ނުގުޅުނެވެ. އެހެންވެ، ޝައްކުވާ ކަންތައްތަކެއް ހުރުމުން އޭނާ ހޯދަން އިއުލާންކުރީ އެވެ.