އައްސަދު އެންމެ ފަހުން ފެނުނީ ފިހާރައަކުން ނުކުމެގެން ދަނިކޮށް
އައްސަދު އެންމެ ފަހުން ފެނުނީ ފިހާރައަކުން ނުކުމެގެން ދަނިކޮށް

ގއ. ވިލިނގިލީން ގެއްލިގެން ހޯދަމުން އަންނަ އައްސަދު އަހުމަދު އެންމެ ފަހުން ފެނުނީ އިއްޔެ މެންދުރު ފިހާރައަކުން ނުކުމެގެން ދަނިކޮށް ކަމަށް، އެ ރަށުން ވާހަކަދެއްކި މީހަކު ބުންޏެވެ.

އައްސަދު، 38، ގެ ގާތް މީހަކު "މިހާރު" އަށް ބުނީ ރަށުގެ އިޖުތިމާއީ މަރުކަޒު ކައިރީގައި ހުންނަ ޑެއިލީ ޑޯޒް ނަމަކަށް ކިޔާ ފިހާރައަކުން އެއްޗެއް ގަނެގެން މެންދުރު ފަހު 2:50 ހާއިރު އެ މަގުން އޭނާ ދާތަން ފެންނަ ކަމަށެވެ.

އޭގެ ފަހުން ދެ ކުދިންގެ ބައްޕަ، އައްސަދު އެއްވެސް މީހަކަށް ފެނުނު ކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށް އެ މީހާ ބުންޏެވެ.

އައްސަދަކީ ރަށުގައި ބޭރު މީހުން ގޮވައިގެން ކޮންސްޓްރަކްޝަން މަސައްކަތްކުރާ މީހެކެވެ. އިއްޔެ ހަވީރު 5:45 ހާއިރު ވެސް، އޭނާގެ ކްލައިންޓަކަށް ގުޅައިގެން ވާހަކަދެއްކި ކަމަށް ވެ އެވެ.

"ފޯނުގައި މާ ގިނައިރެއް ނުވޭ. ކޮންތާކުހޭ، ކީއްކުރަނީ ކިޔާފައި ފޯނު ބޭއްވީ. އައްސަދުގެ ގާތް އެހެން ދެ ރައްޓެހިންނަށް ގުޅާފައި ވެސް ކޮންމެ ވެސް ވާހަކައެއް ދައްކަން މަސައްކަތްކުރި ކަމަށްވޭ، އެކަމަކު އެއްވެސް ވާހަކައެއް ކިޔައިނުދޭ،" "މިހާރު"އާ ވާހަކަދެއްކި މީހާ ބުންޏެވެ.

އޭނާ ބުނިގޮތުގައި އާއިލާ މީހަކު ގުޅުމުން މިއަދު މެންދުރު 12:59 ގައި އައްސަދު ފޯނު ނެގި އެވެ. އެކަމަކު 14 ސިކުންތަށް ދެމިގެންދިޔަ ކޯލުގައި ވެސް އައްސަދު އެއްވެސް ވާހަކައެއް ނުދައްކަ އެވެ. މެންދުރު 1:45 ގެ ފަހުން އައްސަދުގެ ފޯނަށް ނުގުޅޭ ކަމަށް ވެސް އޭނާ ބުންޏެވެ.

"ފޯނު ނިވުނީ ކަމެއް ނިއްވާލީ ކަމެއް ނޭނގެ. މެންދުރު ވަންދެން ރިންގުވެފައި މިހާރު ބުނަނީ ފޯނު ނިއްވާލާފައި އޮތް ކަމަށް."

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ވިލިނގިލިން ފިރިހެނަކު ގެއްލިގެން ރޭ 1:10 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އޭނާ ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެ ރަށުން ވާހަކަދެއްކި މީހާ ބުނީ އައްސަދަކީ ފަތަން ދަންނަ މީހެއް ނޫން ނަމަވެސް، އެ ހުރިހާ ކަމަކަށް ބަލައި ރަށުގެ އަތިރިމައްޗާއި އެކި ތަންތަން ބަލަމުންދާ ކަމަށެވެ.