ތްރީޑީ ޓީވީ އުފެއްދުން ހުއްޓާލަން ނިންމައިފި
ތްރީޑީ ޓީވީ އުފެއްދުން ހުއްޓާލަން ނިންމައިފި

ތްރީޑީ ޓީވީ ވައިގައި ހިފާ ގޮތެއް ނުވި އެވެ. އެއީ މޮޅު އެހާމެ ސަޅި ޓެކްނޮލޮޖީއެކެވެ. އެކަމަކު އުފައްދާ މީހުންނަށް ފައިދާއެއް ނުވަންޏާ ހުއްޓާލުން ނޫން ގޮތެއް ނޯންނާނެ އެވެ.

ތްރީޑީ ޓީވީ އަށް ލޯބިޖެހިފައި ތިބި ބަޔަކު ދެކޮޅު ވެސް އެބަ ހަދަ އެވެ. ތްރީޑީ ޓީވީ ހުއްޓާނުލާނެ ގޮތެއް ފެނޭތޯ، ޕެޓިޝަނެއްގައި ސޮއިކޮށް، އަޑުގަދަކޮށް، ބޮޑު މައްސަލައަކަށް ހަދަން ވެސް އެބަ މަސައްކަތްކުރެ އެވެ. އެކަމަކު އެލްޖީ އަދި ސޮނީން އެ ގޮތަށް ނިންމައިފި އެވެ. ސެމްސަންގުން ވެސް ވަނީ ހުއްޓާލައިފަ އެވެ.

ގޭބިސީތަކުން ތްރީޑީ ޓީވީ އަށް ޖާގަ ނުލިބުނީ ބޭނުންކުރަން އުނދަގޫކަމުންނެވެ. ޓީވީ ބަލަން އެދޭ ކޮންމެ މީހަކު އައިނެއް އަޅަންޖެހެ އެވެ. ތްރީޑީ ޓީވީ "ކޮންޓެންޓް"ތައް މުޅިން ތަފާތެވެ. އަގު ވެސް ތަފާތެވެ. ހޯދަން ކުރަން ޖެހޭ މަސައްކަތްތައް ވެސް ގިނަ އެވެ.

ތްރީޑީ ޓީވީ ނުހިނގުމަށް މެދުވެރިވި ސަބަބުތަކުގެ ތެރޭގައި، ބިޔަ ޓީވީތައް އާންމުވުން ހިމެނެ އެވެ. ސްކްރީން އިންތިހާ އަށް ސާފު ޓީވީތައް ނުބައްދަލު ހެޔޮ އަގުގައި އާންމުވުން ވެސް ސަބަބަކަށް ވެ އެވެ.

ތްރީޑީ ޓީވީ އުފައްދާ މައިގަނޑު ކުންފުނިތަކުން ހުއްޓާލުން މާނަކުރަން ޖެހެނީ އެ ޓެކްނޮލޮޖީ ފޮހެވުނީ ކަމަށެވެ. އެހެން ނަމަވެސް ކުރިން އުފައްދާފައި ހުރި ޓީވީ ސްޓޮކްތައް އަދިވެސް ލިބޭނެ އެވެ. މެދުފަންތީގެ ކުންފުނިތަކުން ތްރީޑީ ޓީވީ އުފެއްދުމަކީ ވެސް އެކަށީގެންވާ ކަމެވެ. އެހެން ނަމަވެސް ތްރީޑީ ޓީވީ އަށް ދެވިފައި އޮތް ރަސްމީ ސިފަ މި ދަނޑިވަޅަށް ގެއްލުނީ އެވެ.

މަސްރަހު ދިރާސާކުރާ މީހުން ދެކޭ ގޮތުގައި ތްރީޑީ ޓީވީ އަލުން ނެރޭ ނަމަ އައިނު ބޭނުންނުކުރާ ގޮތަށް ހަދަން ޖެހެ އެވެ. މިހާރު ވެސް ބައެއް މޮޑެލްތަކުގައި އައިނު ބޭނުންނުކޮށް ތްރީޑީ ސިފަ ޖެއްސުނު ނަމަވެސް، ހަގީގީ ތްރީޑީއަކަށް އެ ނުވެ އެވެ.