އިސްތިއުނާފް ޝަރީއަތް "ވަގުތު ދިގުކޮށް އަވަސްއަވަހަށް" ބާއްވައިދޭން ޔާމީން އެދިވަޑައިގެންފި
އިސްތިއުނާފް ޝަރީއަތް "ވަގުތު ދިގުކޮށް އަވަސްއަވަހަށް" ބާއްވައިދޭން ޔާމީން އެދިވަޑައިގެންފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ރިޝްވަތު ދިނުމާއި އެ ފައިސާ ގަބޫލުކުރުމާއި ފައިސާ ލޯންޑާކުރި ކަމުގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތް އަވަސް އަވަހަށް އަދި ވަގުތު ދިގުކޮށް ބާއްވައިދޭން ޔާމީން މިއަދު އިލްތިމާސްކުރައްވައިފި އެވެ.

އިސްތިއުނާފް ޝަރީއަތް "ވަގުތު ދިގުކޮށް އަވަސްއަވަހަށް" ބާއްވައިދޭން ޔާމީން އެދިވަޑައިގެންފި
އިސްތިއުނާފް ޝަރީއަތް "ވަގުތު ދިގުކޮށް އަވަސްއަވަހަށް" ބާއްވައިދޭން ޔާމީން އެދިވަޑައިގެންފި

ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ކޮށްފައިވާ ހުކުމުގެ އިސްތިއުނާފް ޝަރީއަތުގެ މިއަދުގެ އަޑުއެހުމުގައި ޔާމީން ފުރުސަތަކަށް އެދިވަޑައިގެން ވިދާޅުވީ މިއީ އިސްތިއުނާފްގެ މައްސަލައަކަށް ވާތީ "ތަންކޮޅެއް ވަގުތު ދިގުކޮށް ތަންކޮޅެއް ފްރިކުއެންޓުކޮށް، އަވަސްއަވަހަށް ގެންގޮސްދެއްވައިފިއްޔާ ޝުކުރުވެރިވާނަން" ކަމަށެވެ.

"ކްރިމިނަލް ކޯޓުގައި އެބަދޭ ވަރަށް އަވަސް އަވަހަށް ވަރަށް ދިގުކޮށް. މިއީ އިސްތިއުނާފް މައްސަލައަކަށް ވާތީ، އަޅުގަނޑު ހަމަ ނިހާޔަތަށް އެދެން މި މައްސަލަ ތަންކޮޅެއް ފްރިކުއެންޓުކޮށް ވަގުތު ދިގުލައިގެންދާ ގޮތަށް ގެންގޮސްދިނުން އެއީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް،" ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި މިހާރު ހިންގަމުންދާ ޝަރީއަތަށް އިޝާރާތްކުރައްވަމުން ޔާމީން ވިދާޅުވި އެވެ.

ޔާމީންގެ މި އިލްތިމާސްއާ އެކު، ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުން ފަނޑިޔާރު ހަސަން ޝަފީއު ވިދާޅުވީ މިއީ ގިނަ ޑޮކިއުމަންޓުތަކެއް ވެސް ހިމެނޭ މައްސަލައެއް ކަމަށާއި އެހެންވެ ފަނޑިޔާރުން ވެސް އެ ލިޔުންތައް ބެލުމަށާއި ދިރާސާކުރުމަށް ވަގުތު ބޭނުންވާ ކަމަށެވެ.

ފަނޑިޔާރު ވިދާޅުވި ގޮތުގައި މި މައްސަލައިގެ ކޮންމެ ރިޕޯޓެއްގައި 2،000 ސަފުހާއަށް ވުރެ ގިނައިން ހިމެނޭ ކަމަށެވެ.

އެހެން ފުރުސަތެއްގައި ޔާމީން ވަނީ ކްރިމިނަލް ކޯޓުގައި އެއް ދުވަހު 13 ގަޑިއިރު ވަންދެން ވެސް ހެކިބަސް ނެގުން ކުރިއަށް ގެންދިޔަކަން ފާހަގަކުރައްވައިފަ އެވެ. އިސްތިއުނާފް އަޑުއެހުން ހައި ކޯޓުގައި ފެށި ނަމަވެސް މިއަދުވެސް އޮތީ ޔޫސުފް ނައީމްގެ ފަރާތުން ހުށަހެޅި އިސްތިއުނާފްގެ ހަތަރު ނުކުތާއާ ބެހޭ ގޮތުން ދައުލަތުން ޖަވާބު ދިނުމާ އެކަންކަމާ ގުޅޭ ގޮތުން ދެފަރާތުގެ ވަކީލުންނާއި ފަނޑިޔާރުންގެ ފަރާތުން ވާހަކަ ދެއްކުމެވެ. އެހެންވެ ޔާމީން ވަނީ މިއީ ސީދާ އެ މަނިކުފާނާ ގުޅޭ މައްސަލައެއް ނަމަވެސް އަދިވެސް އެ މަނިކުފާނުގެ ފަރާތުން ހުށަހެޅުންތަކަށް ފުރުސަތު ނުލިބި ލަސްވާތީ އެކަން ވެސް ފާހަގަކުރައްވައިފަ އެވެ.

ޔާމީންގެ ވަކީލުންގެ ޓީމުގައި އިސްކޮށް މަސައްކަތްކުރައްވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވަނީ އިސްތިއުނާފް އަޑުއެހުންތައް ހަތަރު ވަރަކަށް ގަޑިއިރަށް ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފަ އެވެ.

ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތު ނަގައި އެ ފައިސާ ލޯންޑާކުރި ކަމަށް ބުނެ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތްތައް އަވަސް އަވަހަށް އަދި ގިނައިރު ހިންގާތީ ޔާމީންގެ ވަކީލުން ކުރިން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އަދި އެ ޝަރީއަތްތައް މާ އަވަސްއަވަހަށް ބާއްވާތީ އިސްތިއުނާފް ޝަރީއަތަށް ހުރަސްއެޅޭ ކަމުގެ ކަންބޮޑުވުން ވެސް ވަނީ ފާޅުކުރައްވައިފަ އެވެ.

މިއަދު ޝަރީއަތް ނިންމަވާލެއްވުމުގެ ކުރިން ފަނޑިޔާރު ޝަފީއު ވަނީ އަންނަ ހަފްތާގައި ވަކީލުންނަށް ހުސްކޮށް ހުރީ ކޮން ދުވަސްތަކެއްތޯ އައްސަވައިފަ އެވެ. ދެ ފަރާތުގެ ވަކީލުން ބުނި ގޮތުގައި ފުއްގިރި މައްސަލައިގެ ޝަރީއަތް މިހާރު ވަނީ ހޯމަ އަދި އަންގާރަ ދުވަހުގެ ހެނދުނު 9:00 އަށް ތާވަލްކޮށްފަ އެވެ. ދައުލަތުން ބުނީ އެ މައްސަލާގައި ހެކިބަސް ނެގުމަށް މިއިން ކޮންމެ ދުވަހަކު ހަތަރު ހެކިވެރިޔަކު ހާޒިރުކުރަން ނިންމާފައިވާ ކަމަށާއި އެހެންވެ އެ ދެ ދުވަހު ވެސް މެންދުރު ފަސް ވަންދެން ވެސް އަޑުއެހުންތައް ކުރިއަށް ހިނގައިދާނެ ކަމަށެވެ.

ޝަރީއަތް ނިންމާލެއްވީ ހައި ކޯޓުގެ ތާވަލަށް ވެސް ބެލުމަށް ފަހު އަންނަ ހަފްތާގައި އިސްތިއުނާފް ޝަރީއަތް ތާވަލްކުރަން މަސައްކަތް ކުރައްވާނެކަން އިއުލާނުކުރައްވަމުންނެވެ.