28 ޖެނުއަރީ 2017 - 19:45

މެލްބަން (ޖެނުއަރީ 28) - އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ފައިނަލުން މޮޅުވެ، ކެރިއަރުގައި ހޯދި ރެކޯޑް 23 ވަނަ ގްރޭންޑް ސްލޭމް ތަށްޓާ އެކު ސެރީނާ ވިލިއަމްސް ދުނިޔޭގެ އަންހެން ޓެނިސް ރޭންކިންގެ އެއް ވަނަ އަށް އަލުން ޖެހިލައިފި އެވެ.
ސެރީނާ ހަތް ވަނަ ފަހަރަށް މިއަދު އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކުރީ ފައިނަލުގައި އޭނާގެ ދައްތަ ވީނަސް ވިލިއަމްސް ބަލިކުރުމަށް ފަހު އެވެ. އުމުރުން 35 އަހަރުގެ ސެރީނާ ސެޓުތައް ގެންދިޔައީ 6-4، 6-4 އިންނެވެ.
މި މުބާރާތާ އެކު ސެރީނާ ވެފައިވަނީ އޯޕަން އީރާގައި އެންމެ ގިނަ ގްރޭންޑް ސްލޭމް ކާމިޔާބު ކުރި ކުޅުންތެރިޔާ އަށެވެ. ޓެނިހުގެ ތާރީހުގައި އެންމެ ގިނަ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކުރީ ކުރީގެ ކުޅުންތެރިޔާ އޮސްޓްރޭލިއާގެ މާގަރެޓް ކޯޓް އެވެ. އޭނާ ވަނީ 24 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބު ކޮށްފަ އެވެ.
ޓެނިހުގެ އޯޕަން އީރާ ފެށުނީ 1968 އިންނެވެ. އޯޕަން އީރާގައި ގެނައި އެންމެ ބޮޑު ބަދަލަކީ ގްރޭންޑް ސްލޭމް މުބާރާތްތަކުގައި ޕްރޮފެޝަނަލް ޓެނިސް ކުޅުންތެރިންނާއި އެހެން ކުޅުންތެރިންނަށް ވެސް ފުރުސަތު ދިނުމެވެ.
ފައިނަލުން ވީނަސް ބަލިވި ނަމަވެސް އޭނާ ވެފައިވަނީ އޯޕަން އެރާގައި ގްރޭންޑް ސްލޭމް ފައިނަލެއްގައި ކުޅުނު އަންހެން އެންމެ ދުވަސްވީ ކުޅުންތެރިޔާ އަށެވެ. ވީނަސްގެ އުމުރަކީ 36 އަހަރެވެ. ވީނަސް ވަނީ ފައިނަލަށް ފަހު ސެރީނާ އަށް މަރުހަބާ ކިޔައިފަ އެވެ.
ސެރީނާ ބުނީ އޭނާ އަށް މި ކާމިޔާބީ ވީނަސްގެ އެހީތެރިކަމާ ނުލައި ނުހޯދޭނެ ކަމަށެވެ. އަދި ކެރިއަރުގައި 23 ގްރޭންޑް ސްލޭމް ކާމިޔާބު ކުރުމަކީ އުއްމީދުކުރި ކަމެއް ނޫން ކަމަށެވެ.
"އަހަރެންނަށް މި ހިސާބަށް އާދެވުނީ އަހަރެންގެ ދައްތަ (ވީނަސް)ގެ އެހީތެރިކަމާ އެކު. އޭނާ ނުލައި 23 ގްރޭންޑް ސްލޭމް ކާމިޔާބު ކުރުމަކީ ނުވާނެ ކަމެއް. މިއީ ހަގީގަތުގައި އަހަރެން ކުރިން އުއްމީދުކުރި ވެސް ކަމެއް ނޫން،" ފައިނަލަށް ފަހު ސެރީނާ ބުންޏެވެ.
މި މޮޅާ އެކު ސެރީނާ އަލުން ދުނިޔޭގެ ރޭންކިން އެއް ވަނަ އަށް ޖެހިލީ ޖާމަނީގެ އެންޖެލިކާ ކާބާ ފަހަތަށް ޖައްސާލުމަށް ފަހު އެވެ. ސެރީނާ އެންމެ ފުރަަތަމަ އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކުރީ މީގެ 14 އަހަރު ކުރިންނެވެ.