15 ޖޫން 2023 - 10:46

މާލެ ސަރަހައްދުގެ ޓްރާންސްޕޯޓާ ގުޅޭ މާސްޓަ ޕްލޭނެއް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ މިނިސްޓްރީން ހިންގާ "އިންޓަގްރޭޓެޑް ސަސްޓެއިނަބަލް އެންޑް ލޯ އެމިޝަން ޓްރާންސްޕޯޓް އިން ދަ މޯލްޑިވްސް" މަޝްރޫއުގެ ދަށުން މާލެ ސަރަހައްދުގެ ޓްރާންސްޕޯޓާ ގުޅޭ މާސްޓަ ޕްލޭނެއް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެ މަސައްކަތް ކުރަން ގްލޯބަލް އެންވަޔަރުމެންޓް ފެސިލިޓީ (ޖެފް) އިން ފަންޑު ހަމަޖައްސައި ދީފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ "އިންޓިގްރޭޓަޑް ޓްރާންސްޕޯޓް މާސްޓަ ޕްލޭން ފޯ މާލެ އާބަން ރީޖަން" އަށް ކޮންސަލްޓެންސީގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހު 9 ގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން ޖެހެ އެވެ.
އެ އިއުލާނާ އެކު މިނިސްޓްރީން އާންމުކުރި މައުލޫމާތު ކަރުދާހުގައިވާ ގޮތުން ކުރިއަށް އޮތް 10 އަހަރަށް އެކުލަވާލާ މި މަސްޓަ ޕްލޭންގެ މައިގަނޑު މަގުސަދަކީ މާލެ ސަރަހައްދުގައި ތިމާވެއްޓާ ރައްޓެހި އުޅަނދުފަހަރު ބޭނުންކުރާ މިންވަރު ދެނެގަނެ، ދުރު ރާސްތާއި އެކަމަށް މީހުން ޝައުގުވެރިކުރުވާނެ ގޮތްތަކެއް ހޯދުމެވެ.
މާލެ ސަރަހައްދުގައި ޓްރެފިކް ތޮއްޖެހުން ކުޑަކުރެވޭނެ ގޮތްތަކާއި ޕަބްލިކް ޓްރާންސްޕޯޓް ހަރުދަނާ ކުރެވޭ ގޮތްތައް ވެސް މި ޕްލޭނުގައި ހިމަނާނެ އެވެ. ވެހިކަލް މަދުކުރެވޭނެ ގޮތްތަކާއި ޕާކިންގެ މައްސަލަތައް ކަހަލަ މާލެ ސަރަހައްދުގެ ޓްރާސްޕޯޓާ ގުޅޭ އެންމެ ބޮޑެތި މައްސަލަތަކަށް ހައްލު ގެނެސް، ޕްލޭނެއްގެ ދަށުން ކަންކަން ކުރެވޭނެ ގޮތްތައް ކަނޑައަޅާނެ އެވެ.
ޓްރެފިކް ތޮއްޖެހުމަކީ މި ވަގުތު މާލެ ސަރަހައްދަށް ދިމާވެފައި އޮތް އެންމެ ބޮޑެތި މައްސަލަތަކުގެ ތެރެއިން އެއް މައްސަލަ އެވެ.