އުންމީދީ ރާޅާއެޅުންތެރިޔާ ޝަރޫފް މެދުކެނޑުމަކަށް ފަހު އަލުން ސާފިން ލީގަށް
އުންމީދީ ރާޅާއެޅުންތެރިޔާ ޝަރޫފް މެދުކެނޑުމަކަށް ފަހު އަލުން ސާފިން ލީގަށް

އުންމީދީ ރާޅާއެޅުންތެރިޔާ ޝަރޫފް ޝާއިރު، މެންސް އޯޕަން ޑިވިޝަނުގެ ރަސްމީ މުބާރާތްތަކުގައި ވާދަކުރަން ފަށައިފި އެވެ.

މިދިޔަ އަހަރު ލީގުގައި ޖޫނިއާ އެތުލީޓެއްގެ ގޮތުގައި ހުރި ޝަރޫފް، މިއަހަރުގެ ފުރަތަމަ ދެ މުބާރާތުން ނުފެނެ އެވެ. އޭނާ ވަނީ ޖޫނިއާ އެތުލީޓެއްގެ ގޮތުގައި ހުރެ މިދިޔަ އަހަރުގެ އޯޕަން ބައިގެ ރޭންކިންގެ ނުވަވަނަ ހޯދައިފަ އެވެ. މިއާ އެކު އޭނާ އަށް މިއަހަރުގެ ސީނިއާ ގައުމީ ޓީމު ސެލެކްޝަނުން ވެސް ފުރުސަތު ލިބުނެވެ. ކުރީގެ ދެ މުބާރާތުގައި އޭނާ ވާދަ ނުކުރީ ވަޒީފާއިން ޗުއްޓީ ލިބެން ދަތިވުމުންނެވެ. މިއީ އޭނާ މިއަހަރު ވާދަކުރާ ފުރަތަމަ މުބާރާތެވެ.

ގައުމީ ސާފް ލީގުގެ ތިންވަނަ މުބާރާތް ކަމަށްވާ ގާމާދޫކޮޅު މުބާރާތް ވަނީ އިއްޔެ ކ. ހިންމަފުށީގައި ފަށައިފަ އެވެ.

މުޅި އެކު 12 ހީޓް ކުރިއަށް ދިޔަ ފުރަތަމަ ބުރުގެ ހަތަރުވަނަ ހީޓުގައި ޝަރޫފް ވާދަކުރީ މުހައްމަދު ފަޔާޒް (ޕެލޭ) އާއި އައިހަމް އަދުނާން އަދި އަހުމަދު ސައިފް އާއެކު އެވެ. މި ހީޓުން 6.43 ޕޮއިންޓް ހޯދައިގެން ޝަރޫފް އަށް ލިބުނީ ތިންވަނަ އެވެ. ހަތަރުވަނައިގައި ނިންމީ 5.50 ޕޮއިންޓް ހޯދި ސައިފް އެވެ. މި ހީޓުގެ އެއްވަނަ ހޯދީ 7.67 ޕޮއިންޓް ހޯދި ޕެލޭ އެވެ. އައިހަމް ވަނީ 7.56 ޕޮއިންޓް ހޯދައިފަ އެވެ.

ހީޓުގެ ގަދަ 2 ގައި ނުހިމެނުނު ނަމަވެސް މިއަދު ކުރިއަށް ދިޔަ ރީ ކޮލިފައިން ބުރުގެ ތިންވަނަ ހީޓުގެ އެއްވަނަ ހޯދައިގެން ޝަރޫފް ވަނީ ތިންވަނަ ބުރުން ޖާގަ ހޯދައިފަ އެވެ. ޝަރޫފް ވަނީ މި ހީޓުގައި 11.33 ޕޮއިންޓް ހޯދައިފަ އެވެ. ދެވަނަ ހޯދީ މުހައްމަދު ނުސްރަތެވެ.

ނިމިދިޔަ އައިއެސްއޭ ވޯލްޑް ސާފިން ގޭމްސް އަށް ދިޔަ ތިން ރާޅާއެޅުންތެރިން ވެސް ފުރަތަމަ ބުރުގެ ހީޓުތަކުން އެއްވަނަ ހޯދި އެވެ. އެއީ އަހުމަދު އާގިލް (އަންމަޑޭ) އާއި ހޫދު އަހުމަދު (ހޫބްޒް) އަދި އިސްމާއިލް ރަޝީދު (ސްމައިލީ) އެވެ.

މިދިޔަ އަހަރު ލީގުގެ ޗެމްޕިއަން އަންމަޑޭ ވަނީ ފަހު ހީޓުގައި 10.10 ޕޮއިންޓް ހޯދައިފަ އެވެ. ހީޓްގެ ދެވަނަ ހޯދައިގެން އަންމަޑޭ އާއެކު އަބްދުﷲ އަރުޝަދު (ބިއްލޫ) ވެސް ވަނީ ތިންވަނަ ބުރަށް ހޮވިފަ އެވެ.

ހަވަނަ ހީޓުގައި، މިދިޔަ އަހަރު މި މުބާރާތުގެ ރަނަރަޕް ހޫބްޒް އާއެކު ދެވަނައަށް ދިޔައީ އިސްމާއިލް މަދުހު އަހުމަދެވެ. ހޫބްޒް ވަނީ މި ހީޓުގައި 10.43 ޕޮއިންޓް ސްކޯ ކޮށްފަ އެވެ. އޭގެ ކުރީ ހީޓުން ސްމައިލީ އެއްވަނަ ހޯދީ 11.33 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައަށް ދިޔައީ އާދަމް މުއީން އިބްރާހިމް އެވެ.

އަންމަޑޭ އާއި ހޫބްޒް އަދި ސްމައިލީގެ އިތުރުން ގައުމީ ޓީމުގައި ދެން ހިމެނޭ ހުސެއިން އަރީފް (އިބޫ) ގާމާދޫކޮޅުގައި ވާދަ ކުރެ އެވެ. ނަމަވެސް ނަޖާހު އަދުމަދު (ކަބޯ) އާއި ޖައިލަމް ނިޒާރު މި އިވެންޓުގައި ވާދައެއް ނުކުރެ އެވެ. ކަބޯ ވަނީ ގދ. ގައްދޫގައި ލީގުގެ ފުރަތަމަ އިވެންޓް ކާމިޔާބުކޮށް، މ. މުލީ މުބާރާތުގެ ސެމީ ފައިނަލްގައި ވާދަ ކޮށްފަ އެވެ. އަދި މިއަހަރުގެ ލީގު އެއްވަނައިގައި މިވަގުތު އޮތީ ވެސް އޭނާ އެވެ.

މިދިޔަ އަހަރު މި މުބާރާތް ކާމިޔާބު ކުރި އިބޫ ވަނީ ފުރަތަމަ ހީޓުގައި ވާދަކޮށް 11.67 ޕޮއިންޓް ހޯދައިގެން ހީޓުގެ އެއްވަނަ ހޯދައިފަ އެވެ. ދެވަނައަށް ދިޔައީ ޖޫނިއާ އެތުލީޓް މުހައްމަދު ސުމަން އެވެ.

ތަޖުރިބާކާރު ރާޅާއެޅުންތެރިޔާ އިސްމާއިލް މިގްލާލް (ކުޑަ އިއްސޭ) ވަނީ ނުވަވަނަ ހީޓުގައި 11.17 ޕޮއިންޓް ހޯދައިފަ އެވެ. ދެވަނައަށް ދިޔައީ ޖޫނިއާ ރާޅާއެޅުންތެރިޔާ ކަޔާން އަބްދުﷲ އަރީފް (ކައިޕުޓީ) އެވެ. އޭނާ ވަނީ 10.23 ޕޮއިންޓް ސްކޯ ކޮށްފަ އެވެ.

ހީޓް 2 ގެ ކުރި ހޯދީ ޖޫނިއާ ދެ ރާޅާއެޅުންތެރިންނެވެ. މި ހީޓްގައި ސައްޔިދު ސޮލާހުއްދީން 9.83 ޕޮއިންޓް އަދި މުހައްމަދު އިނާން އަބްދުލް ހަންނާން 7.67 ޕޮއިންޓް ހޯދާފައި ވެއެވެ. ހީޓް 11 ގައި މުހައްމަދު އަތޫފް 9.40 ޕޮއިންޓް ހޯދިއިރު ދެވަނައަށް ދިޔަ ޖޫނިއާ ރާޅާއެޅުންތެރިޔާ ޔޫސުފް ކަޔާން ހަމްދާން ޒަކީ (ކައި) ވަނީ ހަތް ޕޮއިންޓް ހޯދައިފަ އެވެ.

ލީގުގެ ހަތަރު ވަނައިގައި އޮތް ކުރީގެ ގައުމީ ޓީމްގެ އެތުލީޓް ހަސަން ނާސިހު (ޗިކާ) ވަނީ ހަތްވަނަ ހީޓުގައި ނުވަ ޕޮއިންޓް ހޯދައިފަ އެވެ. ދެވަނަ އަށް ދިޔައީ އިބްރާހިމް ރިއްފަތެވެ. ހީޓް ތިނަކުން ތިންވަނަ ބުރަށް ހޮވުނީ އިބްރާހިމް އައިމަން އާރިފާއި އިރުޝާދު އަލީ އެވެ. ދިހަވަނަ ހީޓުން އިބްރާހިމް ލަތީފާއި އަހުމަދު މިދުޝާން ތިންވަނަ ބުރަށް ހޮވުނުއިރު، އަށްވަނަ ހީޓުން ތިންވަނަ ބުރަށް ހޮވުނީ އަހުމަދު އަރުޒާން އާއި އަލީ މަމްނޫން ޝާހިރެވެ.

މިއަދު ކުރިއަށް ދިޔަ ރީ ކޮލިފައިން ބުރުގެ ފުރަތަމަ ހީޓުގެ ގަދަ 2 ގައި ހިމެނުނު މުހައްމަދު ރިފާސް އަބްދުއްރައްޒާގާއި އިސްމާއިލް ޒައުލް ތިންވަނަ ބުރުން ފުރުސަތު ހޯދާފައި ވާއިރު ޝާނިފް ޝަފީގާއި ނާޖިހު ރަޝީދު ވަނީ ދެވަނަ ހީޓުން ކުރި ހޯދައި އަނެއް ބުރަށް ދަތުރު ކޮށްފަ އެވެ. ހަތަރުވަނަ ހީޓުން އަހުމަދު ސައިފް އާއި ހުސެއިން ސާހިލް ތިންވަނަ ބުރަށް ދިޔައިރު، ފަސްވަނަ ކީޓުން އަނެއް ބުރަށް ދަތުރު ކުރީ އަޒްލީ ނަސީމް އާއި އަދުހަމް އަހުމަދެވެ. އަދި އަހުމަދު އާފިއު އާއި މުހައްމަދު ޝަރުވާން ވަނީ ހަވަނަ ހީޓުގެ ކުރި ހޯދައި ތިންވަނަ ބުރުން ޖާގަ ޔަގީން ކޮށްފަ އެވެ.

އިއްޔެ ވަނީ ޖޫނިއާ ބައިގެ ފުރަތަމަ ބުރުގެ ހީޓްތައް ވެސް ފަށައިފަ އެވެ. މުބާރާތުގެ ޖޫނިއާ ރޭންކިންގެ އެއްވަނަ މަގާމުގައި މިވަގުތު އޮތް ޔަސީން އަހުމަދު ނާޝިދަށް ވަނީ، ޖޫނިއާ ބައިގެ ތިންވަނަ ބުރުން ފުރުސަތު ހޯދަން ރީ ކޮލިފައިން ބުރުގައި ވާދަ ކުރަން ޖެހިފަ އެވެ. އިސްމާއިލް މަދުހު އަހުމަދާއި އިސްމާއިލް ޒައުލް އަލީ ވާދަކުރި ފުރަތަމަ ހީޓުން ޔަސީން އަށް ލިބުނީ ތިންވަނަ އެވެ.

ދެވަނަ ހީޓުން ސައްޔިދު ސަލާހުއްދީނާއި އަހުމަދު އާލް އާދިލް އަދި ތިންވަނަ ހީޓުން މުހައްމަދު އިނާން އަބްދުލް ހަންނާނާއި މުހައްމަދު ސުމަން ތިންވަނަ ބުރަށް ހޮވުނުއިރު ހަތަރު ވަނަ ހީޓުން ކުރި ހޯދީ ޝާނިފް ޝަފީގާއި ނޫހް މުހައްމަދު ދުނައިމް އިރުޝާދެވެ. ފަސްވަނަ ހީޓުން ޔޫސުފް ކަޔާން ހަމްދާން ޒަކީ އާއި ހުސެއިން ސާހިލް ތިންވަނަ ބުރަށް ދަތުރު ކުރިއިރު ފަހު ހީޓުގައި ވާދަކުރި ކަޔާން އަބްދުﷲ އަރީފް އާއި މުސްއަބް އިބްނު މުހައްމަދު ނާޝިދު ވެސް ތިންވަނަ ބުރުގެ ޖާގައެއް ވަނީ ޔަގީން ކޮށްފަ އެވެ.