14 ޖޫން 2023 - 19:39

ރަސްފަންނާ ދިމާލުން މޫދުގައި ހޭނެތިފައި އޮތް މީހަކު އޮޔާދަނިކޮށް ފުލުހުން މިއަދު ސަލާމަތްކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި، ގެނބިގެން ހޭނެތިފައި އޮތް އެ މީހާ އޮޔާދަނިކޮށް ފެނުނީ ރަސްފަންނުގައި ތިބި ބަޔަކަށެވެ. އެއީ މަރުވެފައި އޮތް މީހެއް ކަމަށް ހީކޮށް، އެ މައްސަލަ ބަޔަކު ރިޕޯޓްކުރީ އައިޖީއެމްއެޗު ކައިރީގައި ހުންނަ ފުލުހުންގެ ކުޑަކުދިންގެ ހިދުމަތްތަކާ ބެހޭ ޔުނިޓަށެވެ.
އެ ވަގުތު އެތަނުގައި ހުރި މީހަކު ބުނީ އެ މީހާ ނެގީ ފުލުހުންގެ ކުޑަކުދިންގެ ހިދުމަތްތަކާ ބެހޭ ޔުނިޓުގައި ތިބި ފުލުހުންނާއި މާފަންނު ޕޮލިސް ސްޓޭޝަންގައި ތިބި ފުލުހުންގެ މަސައްކަތުން ކަމަށެވެ.
އެ މީހާ އޮތީ ރަސްފަންނުގެ އައިޖީއެމްއެޗާ ވީ ދިމާލުން މޫދުގައި، ބޭރު ތޮއްޓާ ކައިރީ ފެނު މަތީގަ އެވެ.
އެ މީހާ ނަގަން މޫދަށް ފުއްމާލީ ފުލުސް އޮފިސަރުންތަކެކެވެ. ތޮށިމަތިން އޭނާ އަރުވަން އުޅުނަސް، އެކަން ނުވުމުން އޭނާ އެރުވީ އެ ވަގުތު އެތާ ކައިރިން ދިޔަ ޑިންގީއަކަށް ކަމަށް މަންޒަރު ދުށް މީހަކު ބުންޏެވެ.
ފުލުހުން ބުނީ ރަސްފަންނާ ދިމާލުން މޫދުގައި ހޭނެތިފައި އޮތް މީހަކު ފުލުހުންގެ އެހީތެރިކަމާއެކު ލޯންޗަކަށް ލައިގެން މިހާރު އައިޖީއެމްއެޗަށް ގެނެސްފައިވާ ކަމަށެވެ. އެއީ 24 އަހަރު ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މީހާ މޫދަށް އެރުނީ ކޮންއިރަކު، ކޮން ދިމާލަކުން ކަމެއް އަދި ނޭނގެ އެވެ. އޭނާގެ އާއިލާގެ މީހަކު ބުނި ގޮތުގައި، އެއީ ސިކުނޑީގައި އުނިކަމެއް ހުންނަ މީހެކެވެ.