29 ޖެނުއަރީ 2017 - 06:15

ޑޭވިޑް އިވާންސް އޭނާގެ އަންހެނުން ގޮވައިގެން އިނގިރޭސި ވިލާތުގެ ވަޓްފޯޑްގައި ހުންނަ ޕްރިންސް އޮފް ބެންގާލް ކިޔާ ރެސްޓޯރަންޓަކަށް ކާން ދިޔަ އެވެ.
އެ ދެމަފިރިން އޯޑަރު ކުރީ އެއްގަމު މަހުގެ ބާވަތަކަށެވެ. ނަމަވެސް އެ މަސްތައް ހުރީ ރަނގަޅަށް ރޯނުފިލާ ކަމަށް ވާތީ އެ މީހުންނަށް އެ ކެވޭ ގޮތެއް ނުވި އެވެ. އެހެންވެ، ވެއިޓަރު ގޮސް ކާ އެއްޗެތި ކިހިނެއްތޯ ސުވާލު ކުރުމުން މަސްތައް ވަރަށް ހަރުވެފައި ރަބަރުގަނޑެއްހެން ހުރި ކަމަށް އެ މީހުން ބުންޏެވެ.
އެހެން ބުނިތާ މާ ގިނައިރެއް ނުވެ ކައްކާ މީހާ ގޮސް އެ މީހުންނާ ދިމާލަށް ހަޅޭއްފަޅޭއް ލަވަން ފެށި އެވެ. އޭނާ ވަރަށް ހުތުރު ބަހުން އެ ދެމަފިރިންނާ މުޚާތަބު ކުރި އެވެ.
ހަޅޭއްލަވަމުން އެމީހާ އެނބުރި ބަދިގެއަށް ދާން ފެށުމުން އިވާންސް ވެސް އެ މީހާގެ ފަހަތުން ގޮސް ބަދިގެ ދޮރު ހުޅުވާލާފައި އެ މީހާގެ ކައިރީގައި އޭނާގެ ގޮތްކުޑަ އަމަލުތަކަށް މާފަށް އެދުމަށް ބުންޏެވެ.
އެވަގުތު ކައްކާ މީހާ ބަލާކަށް ނުހުރެ ބޯތައްޓަކަށް އަޅާފައި ހުރި މުގުރި މިރުސްތަކެއް އޭނާގެ މޫނަށް ޖެހީ އެވެ. ލޮލަށް މިރުސް އެޅިގެން އިވާންސް އަށް ލޯ ވަރަށް ބޮޑަށް ހަލާކުވެގެން ގިނަ ދުވަސްތަކެއް ވަންދެން ފަރުވާ ކުރަން ޖެހުނެވެ. އަދި ލޮލުގެ ފެނުމަށް ވެސް ކޮންމެވެސް ވަރެއްގެ ގެއްލުމެއް ލިބިފައިވާ ކަމަށް އޭނާ ބުނެ އެވެ.
ފަހުން ފުލުހުން ގޮސް ކައްކާ މީހާ ހައްޔަރުކޮށްގެން ގެންދިޔަ އެވެ. އޭނާއަކީ ބަންގްލަދޭޝް މީހެކެވެ. އޭނާ ބުނެފައިވަނީ އީވާންސް މާ ހަރުކަށިކޮށް އުޅެން ފެށުމުން އަމިއްލަ ދިފާއުގައި އުޅެން ހަދައިގެން މިރުސް ޖެހުނީ ކަމަށެވެ.