14 ޖޫން 2023 - 15:17

ހުޅުމާލޭގައި ހަދަމުން އަންނަ ކޭ-ޕާކް ރެޒިޑެންސްގެ އެޖެންޓުގެ ގޮތުގައި މަސައްކަތްކުރި ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ބީއެމްއެލްއާ ދެކޮޅަށް ދައުވާ ކޮށްފި އެވެ.
ހަންބޯ އިން ނެރުނު ބަޔާނުގައިވާ ގޮތުން ކޭޕާކު މަޝްރޫއު ހިންގުމުގެ ތެރޭގައި، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޗައިނާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޖިން ޝިހޫގެ ސޮއި ފޯޖުކޮށްގެން އެ ކުންފުނީގެ އަނެއް ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) މުއާމަލާތްކޮށްފައިވާ ކަމަށާއި އޭގެ ބޭންކު ސްޓޭޓްމަންޓްތައް ދޭން ބީއެމްއެލްގައި އެދުމުން އެއްބާރުލުން ލިބިފައި ނުވާ ކަމަށެވެ.
އެ ކުންފުނިން ހުޅުމާލޭގައި އިމާރާތްކުރަން ނިންމީ ދެ ކޮޓަރި އާއި ތިން ކޮޓަރި ހިމެނޭ ގޮތުން ޖުމްލަ 110 އެޕާޓްމަންޓެވެ. މި ތަންތަނުގެ އަގު އުޅެނީ 2.7 މިލިއަން ރުފިޔާގަ އެވެ. ކޭޕާކު ފްލެޓް ވިއްކުމުގައި މަކަރާއި ހީލަތުން އިތުރު 60 މީހުންނަށް ފްލެޓް ވިއްކާފައިވާ ކަމަށް، ހަންބޯގެ މައި ހިއްސާދާރު ތުހުމަތުކުރައްވަ އެވެ.
ހަންބޯގެ ނަމުގައި ހަދާފައިވާ ފޯޖު ލިޔުންތަކެއް ބޭނުން ކޮށްގެން މަކަރާއި ހީލަތުން އެޕާޓްމަންޓުތައް ވިއްކައި ފައިސާ އަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރާ މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.
ހަންބޯއިން ވަނީ ބޭންކުން އެކައުންޓުތައް ހުޅުވުމުގައި އަމަލުކޮށްފައި ވަނީ ޒިންމާދާރު ކަމެއް ނެތް އަމަލުތަކުގެ ސަބަބުން ކަމަށް ބީއެމްއެލް އަށް ތުހުމަތުކޮށްފަ އެވެ.
ހަންބޯއިން ބުނީ ބޭންކްގެ ސަމާލުކަމަށް އެކައުންޓްތަކުގެ މައްސަލަ އޭފްރީލް 27 ގައި ގެނައި ކަމަށާއި އެ ކަން ބޭންކްގެ ސަމާލުކަމަށް ގެނައި ފަހުން ވެސް މަމްދޫހަށް އެކައުންޓްތަކަށް އެކްސެސްވެވޭ ކަމަށެވެ.
ހަންބޯއިން ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ އެކައުންޓްތަކުގެ ބޭންކް ސްޓޭޓްމެންޓް ހޯދުމަށާއި އެކައުންޓްތައް ހުޅުވުމަށް މަމްދޫހުގެ ފަރާތުން ބީއެމްއެލް އަށް ހުށަހެޅި ލިޔެކިޔުންތަކުގެ ކޮޕީ ހޯދުމަށް ކޯޓު އަމުރެއް ނެރެދިނުމަށެވެ.