29 ޖެނުއަރީ 2017 - 06:06

ޕާކިސްތާނުގެ ޒުވާނަކު ކުއްލިއަކަށް ސޯޝަލް މީޑިއާގައި މާ މަގްބޫލު މީހަކަށް ވެއްޖެ އެވެ. ބޮލީވުޑް އެކްޓަރު ރަންވީރު ސިންގް އާއި އޭނާ މާ ބޮޑަށް ވައްތަރު ކަމުންނެވެ. އޭނާގެ ފޮޓޯތައް އިންޓަނެޓުގައި ދައުރުވާން ފެށުމާއެކު އެންމެން އެ ފޮޓޯތަކަށް ބަލައި ރަންވީރު އާއި އޭނާގެ ވައްތަރުކަން ފާހަގަކޮށް ކޮމެންޓް ކުރަން ފެށި އެވެ.
މީގެ ކުރިން ޕާކިސްތާނުގެ ޗައިވާލާ ނުވަތަ ސައި ވިއްކާ މީހެއް ކަމަށްވާ އަރްޝަދު ޚާން ވެސް މަޝްހޫރު ވެގެން ދިޔައީ ހަމަ މިފަދަ ގޮތަކަށް އޭނާ ސައި ތައްޔާރުކުރަން ހުރި ފޮޓޯއެއް މީހަކު ނަގާފައި ސޯޝަލް މީޑިއާ އަށް ލުމުންނެވެ. އެގޮތުން މިހާރު އެންމެންތައް މޮޔަވެގެން އުޅެނީ ރަންވީރު އާ މާ ވައްތަރު މީހަކު ފެނިގެންނެވެ.
ހައްމާދު ޝުއައިބު ކިޔާ މި ޒުވާނާއަކަށް އޭނާއާ ރަންވީރު އާ ވައްތަރުކަމެއް އިހްސާސެއް ނުވެ އެވެ. ނަމަވެސް އޭނާ ފެންނަ މީހުން އޭނާއަށް އިނގިލި ދިއްކޮށްފައި ރަންވީރު އާ ވައްތަރޭ ކިޔާކަން އޭނާ އަށް ވެސް ފާހަގަ ކުރެވެ އެވެ.
ފައިސަލްއާބާދުގައި ދިރިއުޅޭ ހައްމާދުގެ އިންސްޓަގްރާމް އެކައުންޓު ވެސް ފޮލޯކުރާ މީހުންގެ އަދަދު ކުއްލިއަކަށް ވަނީ ވަރަށް ބޮޑުތަން އިތުރުވެގެން ގޮސްފަ އެވެ. އޭނާގެ ވާހަކަ ސޯޝަލް މީޑިއާގައި އާއްމުވުމުންނެވެ.
ސުވާލަކީ ސޯޝަލް މީޑިއާގައި ލިބުނު މަޝްހޫރުކަމުން އަރްޝާދު ޚާން ސައި ވިއްކާ މީހަކުން މޮޑެލް ކުރާ މީހަކަށް ބަދަލުވި ގޮތަށް ހައްމާދަށް ވެސް އެފަދަ ކާމިޔާބެއް ލިބިދާނެ ބާއެވެ؟