ޔާމީންގެ އިސްތިއުނާފް އަޑުއެހުމެއް މާދަމާ ބާއްވަނީ
ޔާމީންގެ އިސްތިއުނާފް އަޑުއެހުމެއް މާދަމާ ބާއްވަނީ

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ރިޝްވަތު ދިނުމާއި އ އެ ފައިސާ ގަބޫލުކުރުމާއި ފައިސާ ލޯންޑާކުރި ކަމުގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމުގެ އިސްތިއުނާފްގެ ދެ ވަނަ އަޑުއެހުން ހައި ކޯޓުގައި މާދަމާ އަށް ތާވަލްކޮށްފި އެވެ.

ރިޝްވަތުގެ ގޮތުގައި ދިން އެއް މިލިއަން ޑޮލަރު ގަބޫލުކޮށް އެ ފައިސާ ލޯންޑާކުރި ކަމުގެ ކުށް ޔާމީންގެ މައްޗަށް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމަށާއި ޔޫސުފް ނައީމް ތިން އަހަރާއި ދެ މަހަށް ޖަލަށް ލުމަށް ކޮށްފައިވާ ހުކުމުގެ އިސްތިއުނާފްގެ ފުރަތަމަ އަޑުއެހުން ބޭއްވީ މިދިޔަ ބުދަ ދުވަހު އެވެ.

އިސްތިއުނާފްގެ އަޑުއެހުމެއް އިއްޔެއަށް ތާވަލްކުރަން މަސައްކަތްކޮށް ހައި ކޯޓުން ޗިޓް ފޮނުވިއިރު ވެސް ކްރިމިނަލް ކޯޓުގައި މިހާރު ހިންގާ ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތުގެ ރިޝްވަތާއި މަނީ ލޯންޑަރިންގެ މައްސަލަ ކުރިން އޮތީ ތާވަލްކޮށް ޗިޓް ވެސް ފޮނުވައިފަ އެވެ. އެހެންވެ ހައި ކޯޓުގެ އަޑުއެހުން މާދަމާއަށް ތާވަލްކުރީ އެވެ.

ހައި ކޯޓުގެ އިސްތިއުނާފްގެ ފުރަތަމަ އަޑުއެހުމުގައި އޮތީ ޔޫސުފް ނައީމްގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ހަތަރު ނުކުތާއެއް ހުށަހެޅުމާއި އެ ކަންކަމަށް ދައުލަތުން ޖަވާބު ދިނުމެވެ. އެ ބައި އެ ދުވަހު ނިންމާލި އިރު، ޝަރީއަތަށް ކަނޑައެޅި ވަގުތު ހަމަވުމުން ޔާމީންގެ އިސްތިއުނާފީ ނުކުތާތައް ހުށަހަޅަން ވަގުތު ނެތުމުން ދެން އޮންނަ އަޑުއެހުމަކަށް އެބައި ފަސްކުރީ އެވެ.

މާދަމާގެ އަޑުއެހުން ވެސް ތާވަލްކުރީ ފުރަތަމަ އަޑުއެހުން ވެސް ތާވަލްކުރި ގަޑި ކަމަށްވާ މެންދުރު ފަހު 2:00 އަށެވެ.